ލައިފްސްޓައިލް

އިރުއިރުކޮޅާ އެލާމް ނިއްވާފަ ނިދުން ރަނގަޅެއް ނޫން

އެލާމް ބަޓަން އަށް އިރުއިރުކޮޅާ ފިތާފަ ނިދަން އޮންނަން ހެއްޔެވެ؟ އަދި ފަސް މިނިޓް ނިދާލާފައޭ ތެދުވާނީ ހިތަށް އަރާ ކޮންމެ ފަހަރަކު އެލާމް ވާން ފަށާއިރަށް ސްނޫޒް ބަޓަން އަށް ފިތަން ހެއްޔެވެ؟ މިއީ ގިނަ ބަޔަކު އާދަކޮށް ކުރާ ކަމެއް ނަމަވެސް ތަޖުރިބާކާރުން ބުނަނީ މިއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ ނިދުމާ ބެހޭ އްހާސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މައިކަލް ބްރެއުސް ޕީއެޗްޑީގެ ތީސިސްގައި މިކަމާ ގުޅޭ ގޮތުން ދެއްވާފައިވާ ބައެއް ކަހަލަ އިރުޝާދުތައް ދާދިފަހުން އިންޓަނެޓުގައި ވައިރަލް ވެފައި ވެއެވެ.

އޭނާ ދެއްވި އިރުޝާދުތަކުގެ ތެރޭގައި ރަނގަޅަށް ނިދާލާނެ ގޮތުގެ އިރުޝާދު ވެސް ހިމެނެ އެވެ. އޭނާ ވިދާޅުވަނީ ސްނޫޒް ބަޓަން އަށް ފިތާލަ ފިތާލަ ނިދަން އޮތުމަކީ ވަރަށް ގޯސް ކަމެއް ކަމަށެވެ. އަދި އެހެން ގިނައިރު އޮތުމުން ތެދުވާއިރު ރަނގަޅަށް ނުނިދި ވަރުބަލިކަން އިހްސާސް ވާނެ ކަމަށެވެ.

އޭނާ އާންމުކުރެއްވި ވީޑިއޯއެއްގައި ޑރ. މައިކަލް ވިދާޅުވީ ސްނޫޒް ބަޓަން އަށް ފިތާފައި ނިދަން އޮންނަ ކަމަށް އޭނާ ކައިރިއަށް އަންނަ ގިނަ އަދަދެއްގެ މީހުން ބުނާ ކަމަށެވެ. ބައެއް މީހުން ހަތަރު ފަހަރު އަނެއްބައި މީހުން ހަ ފަހަރު ވެސް ސްނޫޒްކޮށްފައި ނިދަން ތިބޭ ކަމަށް ބުނެފައިވާ ކަމަށެވެ. މިގޮތަށް ކޮންމެ ފަހަރަކު ސްނޫޒް އަށް ފިތާލުމުން އެމީހަކަށް ނިދާލަން ލިބޭނީ ހަތް މިނިޓް ނުވަތަ ނުވަ މިނިޓެވެ. އަނެއްކާވެސް އެލާމް ވާން ފެށުމުން ހޭލެވޭނެ އެވެ.

"މިއީ ސިކުނޑިއަށް އެހާ ރަނގަޅު ކަމަކަށް ނުވޭ. ސަބަބަކީ ކޮންމެ ފަހަރަކު އެމީހާ އަނެއްކާވެސް ފުންކޮށް ނިދާލަން ބޭނުންވާއިރަށް ހޭލަންޖެހޭތީ. އަދި މިކަހަލަ ގޮތަކަށް ގޮސް އެމީހެއްގެ ނިދާ ގަޑީގެ އެންމެ ފަހު ގަޑިއެއްހާއިރު ޚަރާބު ވަނީ މިކަމާ ހެދި،" ޑޮކްޓަރު ވިދާޅުވި އެވެ.

މިކަމަށް އޮތް ހައްލެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެމީހަކަށް ހޭލަން ޖެހޭ އެންމެ ފަހު ގަޑިއަކަށް އެލާމް ސެޓް ކުރުމެވެ. އެންމެ ފަހަރަކު ވެސް ސްނޫޒަށް ނުފިތާ ތެދުވަން މަޖުބޫރުވާ ވަރުގެ ގަޑިއަކަށް އެލާމް ލުމެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސްނޫޒަށް ފިތާނެ ވަގުތު އެއްގޮތަކަށް ވެސް ނުދިނުމެވެ.

މި ވީޑީއޯ ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު ވީޑީއޯ ބަލައި ގިނަ އަދަދެއްގެ މީހުން ކޮމެންޓު ވެސް ކޮށްފައި ވެއެވެ. އަދި ޑޮކްޓަރު ވިދާޅުވީ ވަރަށް ބޮޑު ތެދެއްކަމަށް މީގެ ތެރެއިން ގިނަ ބަޔަކު އެއްބަސްވެފައި ވެއެވެ.