އަހަރެމެންނަށް އެއްޗެތި ދޮންނައިރު ހެދޭ އެންމެ ބޮޑު ގޯހަކީ ގިނަ އެއްޗެހި އެއްފަހަރާ މެޝިނެއް އެޅުމެވެ. ޚާއްސަކޮށް ތުވާލި ފަދަ އެއްޗެތި ދޮންނަނަމަ ގޭގައި އެވަގުތު އޮތިއްޔާ އޮތްހާ ތުވާއްޔެއް އެއްފަހަރާ މެޝިނަށް ލުމަކީ ގިނަ ބަޔެއްގެ އާދަ އެކެވެ. އަދި އެކަށީގެންވާ ވަރަށް ވުރެ ގިނައިން ޑިޓަޖެންޓް އެޅުމަކީ ވެސް ވަރަށް ގިނަ ބައެއްގެ އާދަ އެކެވެ. ތަންކޮޅެއް ބޮޑަށް ދާ ފިލުވާލައި ސާފުކޮށްލުމުގެ ނިޔަތުގަ އެވެ.
އެމެރިކާގެ ލޯންޑްރީ އެކްސްޕާޓެއް ކަމަށްވާ ޕެޓްރިކް ރިޗަޑްސަން ވަނީ ތުވާލި ފަދަ ތަކެތި ދޮވުމުގައި ގެންގުޅެވިދާނެ ހިކުމަތްތެރި ހަތަރު ގޮތެއް ކިޔައިދީފަ އެވެ.
މީގެތެރެއިން ފުރަތަމަ ގޮތަކީ ޑިޓަޖެންޓް މަދުން އެޅުމެވެ. މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ޑިޓަޖެންޓުން ފުދޭނެ ކަމަށް އޭނާ ބުންޏެވެ. އެހެން ނޫނީ ތުވާލިތައް ހަރުވެ ވަރަށް އަވަހަށް އޭގެ ދުވަސް ދާނެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ގިނައިން ޑިޓަޖެންޓް ބޭނުންކޮށްގެން ތުވާލި ދޮވުމުން އެ ސާފުވެ މީރުވަސް ދުވުމުގެ ބަދަލުގައި ތުވާލި ނުސާފުވެ ފާޑެއްގެ ނުބައިވަހެއް ތުވާލީގައި ހިފާނެ އެވެ. އެހެން ދިމާވަނީ ތުވާލި ވިޔުމުގައި ބޭނުން ކޮށްފައި ހުންނަ ފައިބަރުގައި ކިލައާއި ޖަރާސީމު ތަތްވެފައި ސާފު ނުވެ ހުންނާތީ އެވެ.
ދެވަނަ ކަމަކަށް ރިޗަޑްސަން ކިޔައިދިނީ ތުވާލި ދޮންނައިރު ފެބްރިކް ސޮފްނާ ނޭޅުމެވެ. މި އެއްޗެތި ބޭނުންކުރުމުން ތުވާލީގައި ހުންނަ ފެން އެބްސޯބް ކޮށްދިނުމުގެ ގާބިލްކަން ކެނޑެ އެވެ. އަދި ވަރަށް އަވަހަށް ތުވާލީގައި ވަސް ނުބައިވާނެ އެވެ. ޑިޓަޖެންޓްގެ ބަދަލުގައި ވިނެގާ އާއި ފެން އެއްކޮށްފައި ސޮފްނާ އަޅާ ބަޔަށް އަޅައިގެން ތުވާލިތައް ދޮވުން ރަނގަޅުކަމަށް ތަޖުރިބާކާރު ބުންޏެވެ. ގާތްގަނޑަކަށް ބައިޖޯޑެއްހާ ވިނެގާއިން ފުދޭނެކަމަށް އޭނާ ބުންޏެވެ.
ތިންވަނަ ކަމަކަށް ރިޗަޑްސަން ބުނީ ކްލޮރިން ބްލީޗް ފަދަ ލައްފިލުވާ އެއްޗެތި ތުވާލި ދޮންނައިރު ބޭނުން ނުކުރުމެވެ. އޭގެ ބަދަލުގައި ކަލާ-ސޭފް ބްލީޗް ނުވަތަ އޮކްސިޖަން ބްލީޗް ބޭނުން ކުރުމަށް އޭނާ އިރުޝާދު ދިނެވެ. އަދި މާބޮޑަށް ލައް ޖެހިފައިވާ ތުވާއްޔެއް ނަމަ ބޭކިން ސޮޑާ ބޭނުން ކުރުމުން ތުވާލީގެ ލައްތައް ފިލާ ރީތިވާނެ ކަމަށް ރިޗަޑްސަން ބުންޏެވެ. އަދި ތުވާލީގައި ހުންނަ ނުބައި ވަސްތައް ކެނޑޭނެ ކަމަށާއި ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައިހާ ބޭކިން ސޮޑާ އެއްޗެތި ދޮންނަ ޑްރަމް ތެރެއަށް އަޅާލުމުން ރަނގަޅުވާނެ ކަމަށް އޭނާ ބުންޏެވެ.
ހަތަރުވަނަ ކަމަކަށް އޭނާ ކިޔައިދިނީ ހޫނު ފެނުން 'ކުއިކް ވޮޝް"ގައި ތުވާލިތައް ދޮވުމެވެ. ބައެއް ތުވާލީގައި ހޫނުފެނުން ނުދޮންނަން އިރުޝާދު ދީފައި ހުރެ އެވެ. އެކަހަލަ ތުވާއްޔެއް ނޫންނަމަ ހޫނު ފެނުން ކުއިކް ވޮޝްގައި ދޮވެލުމުން ރަނގަޅުވާނެ ކަމަށާއި 30 މިނިޓަށް ވުރެ ގިނައިރު ތުވާލި ނުދޮވުމަށް އޭނާ ނަސޭހަތްތެރިވި އެވެ. މާގިނައިރު ތުވާލިތައް ދޮންނަން ލާފައި ބަހައްޓައިފިނަމަ ވަރަށް އަވަހަށް އެ އެއްޗެތި ބާވެ ހަލާކުވާނެ ކަމަށް އޭނާ ބުންޏެވެ.
ތުވާލި ދޮންނަން ޖެހޭނީ ކިހާ އަވަސް އަވަހަކަށް ހެއްޔެވެ؟ ޓައިމް މެގަޒިންގައިވާ އާޓިކަލް އެއްގައި މައިކްރޮބައޮޖިސްޓް ޗާލްސް ގާބާ ލިޔެފައިވާ ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ ހޭންޑް ޓަވަލް ހަފުތާއަކު ދެ ފަހަރު ދޮވުމުން ފުދޭނެ އެވެ. ހަމައެކަނި އެކަކު ފެންވަރާއިރު ބޭނުންކުރާ ތުވާއްޔެއް ނަމަ ހަފުތާއަކު އެއްފަހަރު ދޮވުމުން ފުދޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ތުވާލި އަލަށް ގަނެފައި ބޭނުންކުރުމުގެ ކުރިން ދޮންނަން ހަނދާން ކުރަން ވާނެ ކަމަށް އޭނާގެ ލިޔުމުގައި ވެއެވެ. ސަބަބަކީ ތުވާލި އުފައްދާ ފަރާތުން އެ ވިއްކާއިރު މަޑުކޮށް ފުފިފައި ހުންނަ ގޮތް ދެއްކުމަށް ބައެއް ކަހަލަ ކެމިކަލްތައް ބޭނުންކުރާތީ އެވެ. ތުވާލި ނުދޮވެ ބޭނުން ކޮށްފިނަމަ ގައި ހިރުވުމުގެ މައްސަލަތައް ދިމާވެދާނެ ކަމަށް ޗާލްސްގެ ލިޔުމުގައި ވެއެވެ. އަދި ތުވާލި ދޮވުމަށްފަހު އަވިން ހިއްކުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.