ލައިފްސްޓައިލް

އެންޒައިޓީ މައްސަލައަށް ގުދުރަތީ ފަރުވާއެއް

ވަރަށް ގިނަ މީހުންނަށް އެންޒައިޓީގެ މައްސަލަތައް ކުރިމަތިވެ ހަދާނެގޮތް ހުސްވެގެން އުޅެ އެވެ. މިފަދަ މައްސަލަތައް ކުރިމަތިވާ މީހުންނަށް ކުރަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ ބަލީގެ އަލާމާތްތައް ދެނެގަތުމެވެ.

މާޔޯ ކްލިނިކްގެ ރިޕޯޓެއް ބުނާ ގޮތުން ހިތް ނުތަނަވަސްވުން، ހަދާނެގޮތް ހުސްވުން، ހާސްވުން، ކޮންމެވެސް ނުރައްކަލެއް ދިމާވާން އުޅޭކަމުގެ އިހްސާސް ކުރެވުން، ހިތުގެ ހިނގުން އަވަސްވުން، ނޭވާލާން އުނދަގޫވުން، ދާހިތްލުން، މުޅި މީހާ ތުރުތުރުއެޅުން، ގައިގެ ވަރުދޫވުން، ކަންކަމަށް ވިސްނަން އުނދަގޫވުން މިއީ އެންޒައިޓީގެ އަލާމާތްތަކެވެ.

އަމިއްލައަށް ހަމަޖެހިލަން މަސައްކަތްކުރޭ!

މީގެން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭނެ ކަމަކީ އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް ހަމަޖެހިލަން މަސައްކަތް ކުރުމެވެ. އެގޮތުން ތިރީގައި މިވާ ގުދުރަތީ ފަރުވާތައް (ނެޗުރަލް ރިމެޑީޒް)ގެ ތަޖުރިބާކޮށްލާށެވެ.

ކެމޮމައިލް ޓީ ބުއިން – އެންޒައިޓީ މައްސަލަ ހުންނަނަމަ ކެމޮމައިލް ސައިފަތް ހޯދާފައި ބަހައްޓާށެވެ. އަދި މައްސަލައެއް އުޅޭހެން ހީވާއިރަށް ކެމޮމައިލް ސައިތައްޓެއް ހަދައިގެން ބޯލާށެވެ. ސްޓްރެސްތައް ފިލައި ނަފްސަށް ހަމަޖެހުން ލިބޭނެ އެވެ.

އަޅުކަން ކުރުން – ނަމާދުކޮށް ދުއާ ކުރުމަކީ ވެސް ނަފްސަށް ހަމަޖެހުން ލިބޭނެ ކަމެކެވެ. އަދި ނަފްސަށް ހަމަޖެހުން ލިބޭ ކަހަލަ ކަސްރަތެއް ކުރުން ވެސް ރަނގަޅެވެ.

ބްރީތިން އެކްސަސައިޒް – ނޭވާލުމުގެ ކަސްރަތަކީ ވެސް އެންޒައިޓީ އެޓޭކެއް އަންނައިރު ކުރަން ވަރަށް ރަނގަޅު ކަމެކެވެ. މިގޮތުން ކުރެވިދާނެ އެއް ކަސްރަތަކީ އެނދުމަތީގައި ނުވަތަ ތަޅުންގަނޑު މަތީގައި އުއްޑުން އޮށޯންނާށެވެ. ނޭފަތުން އެތެރެއަށް ނޭވާލާފައި ބަނޑަށް ވައިތައް ޖަމާކުރާށެވެ. އަދި ހުރިހާ ވައިތައް ނޭފަތުން ބޭރުކޮށްލާށެވެ. އެއް އަތް ބަނޑު މަތީގައި ބާއްވާށެވެ. ނޭވާ އެތެރެއަށް ލާއިރު ބަނޑަށް އިހްސާސް ވާނެ އެވެ. މިގޮތަށް ތިން ފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ތަކުރާރު ކުރާށެވެ.

ލެވެންޑާ އެރޯމާތެރަޕީ – ލެވެންޑާ އަކީ އެންމެ މަޝްހޫރު އެއް އެރޯމާތެރަޕީ ތެލެވެ. މިއީ އެންޒައިޓީގެ މައްސަލަތަކަށް ލުއިކަން ހޯދަން ވަރަށް ރަނގަޅު އެއްޗެކެވެ. ލެވެންޑާގައި ހުންނަ މީރު މަލުގެ ވަހުން ސްޓްރެސް އާއި އެންޒައިޓީ ފިލަ އެވެ.

އޮމެގާ-3 ބޭނުންކުރާ ވަރު އިތުރުކުރުން – އެންޒައިޓީ އެޓޭކް އައުމާއި އެމީހާ ކައި އުޅޭ ކެއުމާ ވެސް ގުޅުން ހުރެ އެވެ. ވީމާ ކެއުމުގައި އޮމެގާ-3 އެކުލެވޭ ކާނާ އިތުރުކުރާށެވެ. އެފަދަ ކާނާގެ ތެރޭގައި އެވަކާޑޯ، ބްރޯކޮލީ، ކޯލީފްލާވާ އަދި ސާމަން ފަދަ އެއްޗެތި ހިމެނެ އެވެ.

ބެލެންސް ޑައިޓް – ވިޓަމިންސް އާއި މިނަރަލްސް އަދި ޕްރޮޓީންސް، ކާބްސް، ފައިބަރު އެކުލެވޭ ބެލެންސް ޑައިޓެއް ނަގައިގެން ވެސް އެންޒައިޓީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން ފަސޭހަވެ އެވެ.

ނިދުން މުހިއްމު – އެންޒައިޓީ މައްސަލަ ހުންނަ މީހުން އެއްގޮތަކަށް ވެސް ނުނިދާ ނުހުންނާށެވެ. ރޭގަނޑު 7-8 ގަޑިއިރުގެ ނިދި މިފަދަ މީހުންނަށް ވަރަށް މުހިއްމުވާނެ އެވެ.