ލައިފްސްޓައިލް

އުއްބައްތިން ނުކުންނަ ދުމުގައި ވިހަ ކެމިކަލް ހުރޭތަ؟

މީރުވަސް ދުވާ އުއްބައްތި ރޯކޮށްފައި ބެހެއްޓުމަކީ ބައެއް މީހުންގެ އާދަ އެކެވެ. ގޭތެރޭގައި ހުންނަ ނުބައި ވަސްތައް ކަނޑުވާލައި ވަސް މީރު ކޮށްލުމަށެވެ. އަދި އުއްބައްތީގެ އަލީގައި މުޅި ތަނަށް އެ ލިބޭ ރީތި އަލީގެ ސަބަބުން ވެސް ބައެއް މީހުން އުއްބައްތި ބަހައްޓާފައި ހުރެ އެވެ. ނަމަވެސް އުއްބައްތި ރޯކުރުމުން މުޅި އެ ތަން ވިހަ ކެމިކަލުން ތަޣައްޔަރުވާކަން އެނގޭ ހެއްޔެވެ؟

އޮސްޓްރޭލިއާގެ ވޯންސް ޕޮންޑްސްގައި ހުންނަ ޑީކިން ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ސްވެޓްލާނާ ސްޓެވަނޯވިޗް ވިދާޅުވި ގޮތުގައި އުއްބައްތިއަށް ލޯބިކުރާ މީހުން އެ ރޯކުރުމުގެ ކުރިން ވިސްނާލަން ޖެހެ އެވެ. އޭގެން ލިބޭ ހިތްހަމަޖެހުމަށްވުރެ ގެއްލުން ބޮޑުވީމަ އެވެ.

"އުއްބައްތި އާއި އެނޫންވެސް މީރުވަސް ދުވާ ސެންޓްގެ ތެރެއިން ވައިގެ ތެރޭގައި ގިނައިރު ހަރުލާފައި ހުންނަ ތަކެތީގައި ހުންނަ އޯގަނިކް ކަމްޕައުންޑްސް އަދި ކުދި ޕާޓިކަލްސް ވައިގެ ތެރޭގައި އެތައް އިރަކު ހުރޭ. އަދި ދުމާއެކު ނުކުންނަ ވަހުގައި ހުންނަ އެއްޗެތި ސީދާ ފުއްޕާމެއަށް ދަތުރުކުރޭ،" ޑރ. ސްޓެވަނޯވިޗް ވިދާޅުވި އެވެ.
މީގެ ސަބަބުން ސިއްހަތަށް ތަފާތު ނޭދެވޭ އަސަރުތައް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރޯކޮށްފައި ހުންނަ އުއްބައްތިން ނުކުންނަ ދުމުން ސިއްހަތަށް ގެއްލުމެއް ނުވެ އެވެ. މި ތަކެތިން ވާވަރުގެ ގެއްލުން ގޭގޭގައި ދަވާދާއި ކުލަ ލުމުންނާއި ފަރުނީޗަރުގައި ހާކާފައި ހުންނަ ޕޮލިޝް އިން އަދި ވޯލްޕޭޕާ ފަދަ ތަކެތީގައި ހުންނަ ވަހުން ވެސް ވާނެ އެވެ. މި ތަކެތިން ވެސް އަދި އުއްބައްތީގެ ދުމުން ވެސް ސިއްހަތަށް ނުރައްކާ ވަނީ އެ އެއްޗެއް ހަށިގަނޑަށް ވާސިލުވާ މިންވަރަށާއި ވަގުތަށް ބިނާކޮށެވެ.

މިފަދަ އެއްޗެތީގެ އަސަރު ކުރުމުން ބައެއް މީހުންގެ ލޮލާއި ނޭފަތް އަދި ކަރު ހިރުވާ، ބޮލުގައި ރިއްސާ، މޭ ނުބައިކޮށް އަދި ފުރަމެއާއި ކިޑްނީއަށް ގެއްލުން ލިބިފައި ވެސް އެބަހުއްޓެވެ. އަދި ބައެއް މީހުންގެ ސެންޓްރަލް ނާވަސް ސިސްޓަމަށް ވެސް ގެއްލުން ވެފައިވާ ކަމަށް ޕްރޮފެސަރު ފާހަގަކުރެއްވި އެވެ.

މީރުވަސް ދުވާ އުއްބައްތި ރޯކުރުމުން ސިއްހަތަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން 2014ގައި ހެދި ދިރާސާއެއް 'ރެގިއުލޭޓަރީ ޓޮކްސިކޮލޮޖީ އެންޑް ފާމަކޮލޮޖީ ޖާނަލް"ގައި ޝާއިއުކޮށްފައި ވެއެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުގައި އާއްމު ހާލަތެއްގައި މިފަދަ އުއްބައްތިއެއް ބޭނުންކޮށްލުމަކުން ސިއްހަތަކަށް ގެއްލުމެއް ނުވާނެ އެވެ.

ޔޫރަޕްގެ ކެންޑްލް އެސޯސިއޭޝަނުން ފަންޑްކޮށްގެން ޖަރުމަނުގެ ސައިންސްވެރިން ވެސް މިކަމާ ގުޅޭ ދިރާސާއެއް ހަދާފައިވެ އެވެ. މި ދިރާސާގައި މީރުވަސް ދުވާ އުއްބައްތީގައި ބޭނުންކޮށްފައި ހުންނަ ވެކްސްގައި ވިހަ ކެމިކަލްސް ހުރިތޯ ޓެސްޓް ކޮށްފައި ވެއެވެ. މި ދިރާސާއިން ދެއްކި ގޮތުގައި އުއްބައްތިން އަރާ ދުމުން އިންސާނުންގެ ސިއްހަތަށް ނުވަތަ އެ ރޯކޮށްފައި ހުންނަ ތަނެއްގެ ވައިގެ ކޮލިޓީއަށް ގެއްލުންވާ ވަރުގެ ކަމެއް ކުރިމައްޗެއް ނުވެ އެވެ.

ނަމަވެސް މިއީ ތަޖުރިބާކާރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ މައްސަލައަކެވެ. ބައެއް ތަޖުރިބާކާރުން ބުނަނީ އުއްބައްތީގައި ހުންނަ ސެންޓު ވަސް ޖެހުމުން ބައެއް މީހުންނަށް އެލާޖިކް ރިއެކްޝަން އަންނަ ކަމަށެވެ. އަދި ބައެއް މީހުންގެ ބޮލުގައި ވެސް ރިއްސާ ކަމަށެވެ. އަދި ނޭވާ ހިތްލުމާއި ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ތިބޭ ތަންތަނުގައި އުއްބައްތި ރޯކޮށްފައި ނުބެހެއްޓުމަށް ބައެއް ތަޖުރިބާކާރުން އިރުޝާދު ދެއެވެ.