ޖިބޫޓީ

އިސްލާމީ ގައުމުތައް - ޖިބޫޓީ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގެ ފަގީރު ޖަޒީރާ ގައުމެއް ކަމުގައިވާ ޖިބޫޓީގެ މައުލޫމާތެވެ.

ޖިބޫޓީ

ފަރަންސޭސި ވިލާތުގެ އަތްދަށުން މިނިވަންވެ، ރިޕަބްލިކް އޮފް ޖިބޫޓީ އުފެދުނީ 1977 ގައެވެ.

އެފްރިކާގެ ހޯންގައިވާ މި ގައުމުގެ އުތުރަށް އެރިޓްރިއާ، ހުޅަނގު ދެކުނަށް އިތިއޯޕިއާ، ދެކުނަށް ސޯމާލިއާ އޮންނައިރު، އިރަށް އޮންނަނީ ރަތް ކަނޑާއި ގަލްފް އޮފް އާޑެން އެވެ. މިއީ އެފްރިކާގެ މެއިންލޭންޑްގައިވާ އެންމެ ކުޑަ ގައުމެވެ.

ޖިބޫޓީއަކީ ގުދުރަތީ ވަސީލަތްތައް މަދު، ފަގީރު ގައުމެކެވެ. މިކަމުގެ ސަބަބުން ބޭރު ގައުމުތަކުންނާއި ޖަމިއްޔާތަކުން ދޭ އެހީއަކީ މި ގައުމުގެ އިގްތިސޯދަށް ވަރަށް މުހިއްމު އެއްޗެކެވެ.

ޖިބޫޓީގެ އިގްތިސޯދުގެ ބޮޑުބައި ބިނާވެފައިވަނީ ހިދުމަތްތަކަށެވެ. މި ގައުމަށް ވާރޭ ވެހުން މަދުކަމުން ބައެއް ކަހަލަ ތަރުކާރީ އާއި މޭވާ ހެއްދުން ނޫން ދަނޑުވެރިކަމެއް ނުކުރެވެ އެވެ. އެހެންކަމުން ކާބޯތަކެތީގެ ގިނަ ބާވަތްތައް ޖެހެނީ އެހެން ގައުމުތަކުން އެތެރެކުރާށެވެ. ގިނަ ތަކެތި އެތެރެ ކުރަނީ ފްރާންސުންނެވެ. މިއީ ފްރީ ޓްރޭޑް ޒޯނެއްގެ ގޮތުގައި ބިނާކޮށްފައިވާ ގައުމަކަށްވުމުންނާއި މި ގައުމު އޮންނަ ތަނުގެ ސަބަބުން އަވަށްޓެރި ބައެއް ގައުމުތަކުން ކޮފީ، ޖަނަވާރު ހަންގަޑު ފަދަ ތަކެތި ބޭރުކުރުމަށް ޖިބޫޓީގެ ޕޯޓް ބޭނުންކުރެ އެވެ.

ޖިބޫޓީގައި ކުރިން ހިނގި ދާހިލީ ހަނގުރާމައާއި ކޮރަޕްޝަނާއި ބޮޑުވަމުން އަންނަ އާބާދީއާ ގުޅިގެން މި ގައުމުގެ އިގްތިސޯދު ކުރިނާރާ، ދަރަނިވެރި ވެފައިވެ އެވެ. މީގެ އިތުރުން އަވަށްޓެރި ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ގަވައިދާ ހިލާފަށް ޖިބޫޓީއަށް އެތެރެވާ ރެފިއުޖީންވެސް ގިނަ އެވެ. އަދި ޖިބޫޓީގައި ވަޒީފާ ނުލިބޭ މީހުންގެ އަދަދު ވަރަށް ގިނަ އެވެ. މި ގައުމުގައި މަސްވެރިކަމާއި ފަތުރުވެރިކަން ކޮންމެވެސް ވަރަކަށް އޮންނައިރު، އެކަން ބޮޑަށް އޮންނަނީ ވެރިރަށުގަ އެވެ.

މި ގައުމުގެ އެއް މިލިއަނެއްހާ އާބާދީގެ ގާތްގަނޑަކަށް 94 ޕަސަންޓަކީ ސުންނީ މުސްލިމުންނެވެ. އަދި ގިނައީ ޝާފީ މަޒްހަބަށް އުޅޭ މުސްލިމުންނެވެ. ބާކީ މީހުންގެ ތެރެއިން ގިނައީ ކްރިސްޓިއަން ގޮފިތަކަށް ތަބާވާ މީހުންނެވެ. ޖިބޫޓީގައި އެންމެ ގިނައީ ސޯމާލީ އާއި އަފާ ދަރިކޮޅުގެ މީހުންނެވެ.

މީގެ އިތުރުން ޔަމަންގެ އަރަބީންނާއި އިތިއޯޕިއާ މީހުންނާއި ފްރާންސް އަދި އިޓަލީގެ ދަރިކޮޅުގެ ރައްޔިތުން ވެސް ޖިބޫޓީގައި ދިރިއުޅެ އެވެ. މި ގައުމުގެ ރަސްމީ ބަހަކީ އަރަބި ބަހާއި ފަރަންސޭސި ބަހެވެ. އަދި އަފާ އާއި ސޯމާލީ އަކީވެސް ގައުމީ ބަހެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ޖިބޫޓީގެ ވެރިރަށަށްވެސް ކިޔަނީ ޖިބޫޓީ އެވެ. މިއީ މި ގައުމުގެ އެންމެ ތަރައްގީވެފައިވާ އަދި ގައުމުގެ އާބާދީގެ ތިންބައި ކުޅަ ދެބައި މީހުން ދިރިއުޅޭ ރަށެވެ. ބާކީ މީހުންނަކީ ނޯމެޑުން ގޮތުގައި އުޅޭ ދަނޑުވެރިންނެވެ.

ޖިބޫޓީ ރަށުގައި ފަތުރުވެރިން ބަލާލަން އެންމެ ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ރިޔާސީ ގަނޑުވަރު، ތުރްކިޔޭއިން އަޅައިދިން އަބްދުލް ހާމިދް 11 މިސްކިތް، ހަމޫދީ މިސްކިތް، ސަދާ މިސްކިތް، އަލް މުލްކް މިސްކިތް، ޖިބޫޓީ ޓަވަރު، ލިއެލިކްސާ ޕާފިއުމަރީ، ޕާކިން ޕްލޭސް މެނެލިކް، ގްރޭންޑް ޕެޝޭރީ މަސް މާރުކޭޓް، ޓްރޮޕިކަލް އެކުއޭރިއަމް ހިމެނެ އެވެ.

މީގެ އިތިރުން ކޯރް އަމްބަޑޯ ބީޗް، ދޮރާލޭ ބީޗް، އާޓާ ބީޗް، ހެރަން ބީޗް، ރަސް ބީރް ބީޗް، ގޫބޭ ބީޗް، ލަ ސިއެސްތާ ބީޗް، އިލޭ މޫޝާ، ތަޖޫރާ ފަދަ ރަށްތަކާއި ރީތި ގޮނޑުދޮށްތައް ބަލާލުން ރަނގަޅެވެ. އަރޭ، މަބްލާ، ގާބީ އަދި ގޯޑާ ފަރުބަދައާއި ޖިބޫޓީ ނެޝަނަލް ޕާކް، ގޮބާ އަދް ޕްލެއިން، ހަންލޭ ޕްލެއިން، ރެފިއުޖް ޑެކަން، ލޭކް އަސަލް، ލޭކް އާބޭ، މެންގްރޯވް ޑި ގޮޑޯރިއާގެ އިތުރުން އަލީ ސާބިއެއް އާއި ޑެޒާޓް ތަޖުރިބާ ކޮށްލެވިދާނެ އެވެ. ޖިބޫޓީގެ ޑޭ ފޮރަސްޓް ނެޝަނަލް ޕާކްގައި ކިންގ ކޮންގ ފަދަ ހޮލީވުޑް ފިލްމު ކުޅެފައިވެ އެވެ.

ސަގާފަތް

ޖިބޫޓީގެ ސަގާފަތަކީ މައިގަނޑު ގޮތެއްގައި ސޯމާލީ އަދި އަފާ މީހުންގެ ސަގާފަތާއި އަރަބީން އަދި ފަރަންސޭސި ނުފޫޒް ފޯރާފައިވާ ސަގާފަތެކެވެ.

މި ގައުމުގެ މީހުން ނަން މަޝްހޫރުވެފައިވާ އެއްކަމަކީ ނާޒުކު، ކުލަގަދަ ފޭރާން ހެދުމަށެވެ. އަންހެނުން ދިރަކް އާއި ޖިލްބާބް ލައިއުޅޭއިރު، ފިރިހެނުން ޖީންސާއި ޓީޝާޓްގެ އިތުރުން ތޯބް ލައެވެ. މި ފޭރާން ބޭނުންކުރަނީ (ފޫޓާ) މުންޑުފާޑަކަށް ގައިގައި އޮޅައިގެން ލުމަށެވެ.

ޖިބޫޓީގައި އަތްތެރި މަސައްކަތް ކޮންމެވެސް ވަރަކަށް އޮވެ އެވެ. މިއުޒިކާއި އަނގަބަހުން ވާހަކަތައް ޖީލުތަކަށް ކިޔައިދިނުމަކީ އާންމު ކަމެކެވެ. އެފްރިކާގެ ހޯންގައިވާ ގިނަ ގައުމުތަކެކޭ އެއްފަދައިން މި ގައުމުގެ މީހުން ކަތް ކިޔާ ގަހެއްގެ ފަތް ހަފާއުޅެ އެވެ. މި ގައުމުގެ މީހުން ފުޓްބޯޅަ އާއި ބާސްކެޓްބޯޅަ ކުޅުމަށް ޝައުގުވެރިވެ އެވެ.

ކެއުންބުއިން

ޖިބޫޓީގެ ކެއުންތަކަކީ ސޯމާލީ، އަފާ، ޔަމަނީ، ފަރަންސޭސި ވިލާތުގެ ކެއުންތަކާ އެކުވެފައި އޮންނަ ކެއުންތަކެކެވެ. މީގެ އިތުރުން އިންޑިއާ އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ކެއުންތަކުގެ ރަހަތައްވެސް ކޮންމެވެސް ވަރަކަށް ކެއުންތަކުގައި ހިމެނެ އެވެ. މެދު އިރުމަތީގެ ކުކުން އަދި ފޮނި ތޮށި ފަދަ ސްޕައިސް ލައިގެން ކުޅިކޮށް ކައި އުޅޭ މި މީހުންގެ ކެއުމުގައި ކަނޑުމަސް، ޖަމަލު، ބަކަރި އަދި ގެރި ފަދަ އެއްގަމު މަސް، ސޫޕް އާއި ސްޓޫ، ބަތް، ޕާން، ޕާސްތާ އަދި ދޮންކެޔޮ، ޔޯގަޓް ފަދަ ކެއުންތައް ހިމެނެ އެވެ. މީގެއިތުރުން ފާފާ، ލަހޫހް، ކަމްބަބޫރް، މުކްބަޒާ، ސްކުދާކްރީސް ސްޓޫ، ސަބަޔާދް، ބަރިސް އިޔޯ ކާލޫން، މަރަކޭ ކާލޫން އަދި ހަރީހާ ވެސް ކެއުމުގެ ތެރޭގައި ހިމެނެ އެވެ. ދޮންކެޔޮ އަދި ޕަކޯރާ، ސަމްބޫސާ، ހަލްވޯ، ގަރޫބޭ ފަދަ ކެއުންތަކަކީ ހަވީރުގެ ނާސްތާއަށް ޖިބޫޓީ މީހުންނަށް ވަރަށް ކަމުދާ އެއްޗިއްސެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް ޖިބޫޓީއަށް ޒިޔާރަތްކުރުމަށް އީ-ވިސާ ހޯދަންޖެހެ އެވެ.