ތުރުކީ

އިސްލާމީ ގައުމުތައް - ތުރުކިއޭ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އޭޝިއާ އަދި ޔޫރަޕް ގުޅުވައިދޭ ތުރްކިޔޭގެ މައުލޫމާތެވެ. ތުރުކިޔޭގެ ނަން ދިވެހިންނަށް އެންމެ ފަސޭހަ ވާނީ "ތުރުކީ"އޭ ބުނުމުން ކަމަށް ބެލެވެ އެވެ.

ތުރުކިޔޭ

ތުރްކިޔޭއަކީ ބޮޑުބައި އޭޝިއާގައި އަދި އެއްބައި ޔޫރަޕްގައި އޮންނަ ގައުމެކެވެ. މިއީ މި ދެ ބައްރު ގުޅުވައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރާ ގައުމެކެވެ. ތުރްކިޔޭ އަކީ އާސާރީ ހަޟޯރާތްތަކާއި އިސްތިއުމާރުތަކަށްފަހު، އޮޓޮމަން އެމްޕަޔާގެ ގޮތުގައި ފުރަތަމަ ބޮޑު ހަނގުރާމައާ ހަމައަށް އޮތް ގައުމެކެވެ.

މިނިވަންކަން ހޯދުމަށް ކުރި ހަނގުރާމައަކަށްފަހު، ރަސްކަން އުވާލައި 1923 ގައި މިނިވަން ޖުމްހޫރިއްޔާއެއްގެ ގޮތުގައި ތުރްކިޔޭ ބިނާވި އެވެ. ތުރްކިޔޭގެ އުތުރުގައި ބްލެކް ސީ އޮންނައިރު، އިރު އުތުރުގައި ޖޯޖިއާ އަދި އާމޭނިއާ، އިރުމަތީގައި އާޒަރްބައިޖާން އަދި އީރާން، އިރުދެކުނުގައި އީރާގް އާއި ސީރިއާ އަދި ހުޅަނގުގައި މެޑިޓަރޭނިއަން ކަނޑާއި އޭޖިއަން ކަނޑު އޮންނައިރު، ހުޅަނގު އުތުރުގައި ގްރީސް އަދި ބަލްގޭރިއާ އޮވެ އެވެ. މިއީ ދުނިޔޭގެ 19 ވަނައަށް އެންމެ ބޮޑު ގައުމެވެ.

ތުރްކިޔޭ އަކީ ޖީ20 އަދި އޯއީސީޑީގެ މެންބަރެކެވެ. ކުރިން މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމަށާއި ބަކަރިފަދަ ޖަނަވާރު ހުއިހެއްޕުމަށް ބިނާވެފައިވާ އޮތް ތުރްކިޔޭގެ އިގްތިސާދު ވަނީ ސާވިސް އަދި "އިންޑަސްޓްރިއަލައިޒްޑް" އިގްތިސާދަކަށް ބަދަލުކޮށްލާފަ އެވެ. މިއީ ފެކްޓަރީތައް މެދުވެރިކޮށް ކޮޓަން އާއި ފޭރާން، ދުންފަތް، ތަރުކާރީ އާއި، މޭވާ، ހަކުރު، ނަޓްސް، އެއްގަމު މަސް ފުޅާކޮށް އެކްސްޕޯޓް ކުރާ ގައުމެކެވެ. މިއީ ކޯލް، ދަގަނޑު، ކްރޯމައިޓް، ލިގްނައިޓް ފަދަ މައުދަންތައް އެކުވެލޭ ގުދްރަތީ ވަސީލަތްތައް ވެސް ގިނަ ގައުމެކެވެ.

ތުރްކިޔޭގައި ތެޔޮގެ އަދަދު މަދުކަމުން އިމްޕޯޓްކުރަންޖެހެ އެވެ. އަދި އިއާދަކުރަނިވި ހަކަތަ އުފައްދާ އެތައް ހައިޑްރޯއިލެކްޓްރިކް ޕްލާންޓްތައް ކޯރުތަކުގައި ހަދާފައިވެ އެވެ. ފަތުރުވެރިކަމަކީ މި ގައުމުގައި މުހިއްމު ރޯލެއް އަދާކުރާ ސިނާއަތެކެވެ. މިގައުމުގެ ފަގީރުންގެ ރޭޓު ދަށަށް ގޮސް، މެދު ފަންތީގެ މީހުންގެ ރޭޓު ގިނަ އަދަދަކަށް އިތުރުވެފައިވެ އެވެ. މި ގައުމަކީ ގިނައިން ބިން ހެލުން އަންނަ ގައުމެކެވެ. އަދި އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނަގޮސް، އިގްތިސޯދަށާއި އުމްރާނީ ގެއްލުން ލިބެ އެވެ.

ސެކިއުލާ ސްޓޭޓެއްގެ ގޮތުގައި އޮންނަ މި ގައުމުގެ 86 މިލިއަންގެ އާބާދީއަށް ބަލާއިރު، ގާތްގަނޑަކަށް 99 ޕަސަންޓަކީ ރަސްމީގޮތުން މުސްލިމުންނެވެ. މީގެ ތެރެއިން ގިނައީ ހަނަފީ މަޒްހަބްގެ ސުންނީ މުސްލިމުންނެވެ. އެހެންނަމަވެސް، މީގެ ތެރެއިން އިސްލާމްދީނާ އެއްގޮތަށް އުޅޭ މީހުންގެ އަދަދު މިއަށްވުރެ މަދުވާނެ އެވެ. މީގެ އިތުރުން ކްރިސްޓިއަނުންގެ ގޮފިތަކާއި ޔަހޫދީންނާއި މަދު އަދަދަކަށް އެއްވެސް ދީނަކަށް ތަބާނުވާ މީހުން މިގައުމުގައި ދިރިއުޅެ އެވެ.

ތުރްކިޔޭގައި އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ބިރުއޮވެ އެވެ. ތުރްކިޔޭގެ ރަސްމީ ބަހަކީ ތުރުކީ ބަހެވެ. މީގެ އިތުރުން ކުރްމަންޖީ ކުރްދިޝް، އަރަބި، ޒާޒާ ފަދަ ބަހުން ގިނަ މީހުން ވާހަކަ ދައްކާއުޅޭއިރު، އެކި ގަބީލާތަކުގައި ވާހަކަ ދައްކާއުޅޭ ގިނަ ބަސްތައް ހިމެނެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ތުރުކިޔޭއަކީ އާސާރީ ތަންތަނާއި ބިނާތަކާއި އިމާރާތްތަކާއި މިސްކިތްތަކުގެ އިތުރުން ގުދްރަތީ ރީތިކަމުން މުއްސަނދި ގައުމެކެވެ.

ތުރްކިޔޭގެ ވެރިކަން ކުރާ ރަށަކީ އަންކާރާ އެވެ. މިއީ ތުރުކީގައި ދެވަނައަށް އެންމެ ބޮޑު ރަށެވެ. މި ރަށުގައި ބަލާލަން ރަނގަޅު ތަންތަނުގެ ތެރޭގައި އަންކާރާ ގަނޑުވަރާއި، ސިޓަޑެލް، ފުރަތަމަ ރައީސް މުސްތަފާ އަތަތުރްކްގެ މިއުޒިއަމް އަދި ޒިޔާރަތް، ނެޝަނަލް މިއުޒިއަމް، އެތްނޮގްރަފީ މިއުޒިއަމް، އެނަޓޯލިއަން ސިވިލައިޒޭޝަން މިއުޒިއަމް، ނެޝަނަލް ހިސްޓްރީ މިއުޒިއަމް، އޯޕަން އެއާ މިއުޒިއަމް ފަދަ އެތައް މިއުޒިއަމްއެއް، އަސްލަންހާން މިސްކިތާއި، ކޮކާތެޕް މިސްކިތް ފަދަ ރީތި އަދި ބޮޑު މިސްކިތްތައް، އުލުސް ރޯމަން ރެމްނަންޓްސް، ސްޓޭޓް އޮޕެރާ ހައުސް، އޭމިރް ލޭކް އަދި ގެންޗްލިކް ޕާކް ފަދަ ތަންތަން ހިމެނެ އެވެ.

މި ގައުމުގެ އެންމެ ބޮޑު ރަށަކީ ކުރީގައި ވެރިކަން ކުރި ރަށް އިސްތާންބުލް އެވެ. އިސްތާންބުލްގެ އެންމެ ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ހާގިއާ ސޯފިއާ މިއުޒިއަމް މިސްކިތް، ސުލްތާން އަހްމަދް (ނޫ) މިސްކިތް، އޯޓަކޯއި މިސްކިތް، ސުލޭމާނިއްޔާ މިސްކިތް ފަދަ މިސްކިތްތައް، ބޭލަބޭ ގަނޑުވަރު، ޓޮޕްކަޕީ ގަނޑުވަރު، ހިޕޮޑްރޯމް އޮފް ކޮންސްޓަންޓިނޯޕަލް، ވޯލްސް އޮފް ކޮންސްޓަންޓިނޯޕަލް، ގަލަޓާ ޓަވާ، މިއުޒިއަމްތަކާއި، އިސްތިކްލާލް މަގާއި ބާޒާރުތައް ހިމެނެ އެވެ.

ގޮބެކްލިޓެޕް، ހަޓޫސާ، ޓްރޯއި، ޕާޖް، ޕަޓާރާ، އެފެސަސް، ނިމްރޫތް ޑާގީ އަދި ގިނަ އަދަދެއްގެ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް އާކިއޮލޮޖިކަލް ސައިޓްތައް މި ގައުމުގައި ހިމެނޭއިރު، ކަޕަޑޯޗިއާ، ކޮންޔާ، ސަފްރަންބޮލޫ، އަލަކަހޮއިޔުޓް، ގޯޑިއޮން އާއި، އަންތަލްޔާ ވެސް މީ އާސާރީ ތަންތަން ހިމެނޭ ރަށްރަށެވެ. އެފެސަސްގައި ލައިބްރަރީ އޮފް ސެލްސަސް، ތިއެޓާ އޮފް އެފެސަސް އަދި ޕަމުކަލެގެ ހައިރަޕޮލިސް އާއި ރީތި ޓްރަވާޓިންސް ހިމެނެ އެވެ. ތިންވަނައަށް އެންމެ ބޮޑު ރަށް އިޒްމީރް އާއި އަމަސްރާ އަކީވެސް ފާހަގަކޮށްލެވޭ ރީތި ދެ ރަށެވެ.

މީގެ އިތުރުން ފަރުބަދަ ތަކާއި ކޯރުތަކާއި ވޯޓާފޯލްވެސް މި ގައުމުގައި މަދެއް ނޫނެވެ. އެގޮތުން މާމާރިސް، ޔެޑިގޯލާ، ، ބުޔުކް މެންޑެރެސް އަދި ކޮޕްރޫލޫ ފަދަ އެތައް ނެޝަނަލް ޕާކް އަކާއި، އިލްގާޒް، އޮލިމްޕަސް-ބޭ އަދި ރެޑް ފަދަ މައުންޓަން ނެޝަނަލް ޕާކްތަކާއި، އެކުއޭރިއަމްތަކާއި، ޒޫތައް ހިމެނެ އެވެ.

ސަގާފަތް

ތުރްކިޔޭގައި އާބާދީގެ 75 ޕަސަންޓަކީ ސީދާ ތުރްކް މީހުންނެވެ. މީގެއިތުރުން ކުރްދީންނާއި ބަލްކަންސް އަދި ޔޫރަޕްހެ އެހެން ގަބީލާތަކުގެ މީހުން މިގައުމުގައި ދިރިއުޅެ އެވެ. މިގައުމުގެ ސަގާފަތްތެރެއަށް އަރަބީން، އިރުމަތީ މެޑިޓަރޭނިއަން، ޔޫރަޕިއަން އަދި މެދުތެރޭ އޭޝިއާގެ ސަގާފަތް ވަދެފައިވެ އެވެ. މި ކަންތައްތައް އާކިޓެކްޗައިންނާއި ކެއުންތަކުންވެސް ފެންނަން ހުރެ އެވެ. ތުރްކިޔޭ މީހުން އާއިލާ ދެކެ ލޯބިވާ އަދި އާއިލާއާއެކު ވަގުތު ހޭދަކުރުމަށް އިސްކަންދެ އެވެ. ރަނގަޅު މެހެމާންދާރީއެއް އަދާކުރުމަކީ މި މީހުންނަށް ވަރަށް މުހިއްމު ކަމެކެވެ.

ތުރުކިޔޭގެ މީހުން އެސްފީނަ ވަރަށް ގަބޫލުކުރެ އެވެ. އެހެންކަމުން ނޫކުލައިގެ ލޮލެއް އިންނަ ބިއްލޫރިކޮޅެއް ގޭގެއިންނާއި ތަންތަނުން ފެނުމަކީ އާންމު ކަމެކެވެ. ސަލާމް ގޮވުމާއި އަތުގައި ބޮސްދިނުމާއި، ގޭގެއަށް ވަންނައިރު ފައިވާން ބޭލުމާއި ހަމާމްގައި ފެންވެރުމާއި ދިގު ސަފަރަކަށް ދާއިރު ގަޔަށް ފެން ޖެހުން ފަދަ އާދަކާދަ ގެންގުޅެ އެވެ. މިއީ ވަރަށް މަގުބޫލް ފިލްމާއި ޓީވީ ސީރީޒް އަދި މިއުޒިކް ހަދާ ގައުމެކެވެ. އަދި ފުޓްބޯޅަ އަކީ އެންމެ ޝައުގުވެރިކަމާއެކު ކުޅޭ އެއް ކުޅިވަރެވެ.

ކެއުންބުއިން

ތުރްކިޔޭގެ ކެއުމަކީވެސް ސަގާފަތް ގޮތަށް އަރަބީންނާއި މެޑިޓަރޭނިއަން، ޔޫރަޕް އަދި މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ ކެއުމުގެ ނުފޫޒް ފޯރާފައިވާ ކެއުންތަކެކެވެ. އެކި ރަށްރަށުގައި ކޮންމެވެސް ވަރަކަށް ކެއުން ތަފާތުވެ އެވެ. ލޭމްބް، ގެރި އަދި ބަކަރި މަސް، ކުކުޅާއި، ކަނޑަމަސް، ބަށި އަދި ބީންސް ފަދަ ތަރުކާރީ ބަތާއި ޕާނާއި ސޫޕް އާއި ސްޓޫ، ސެލެޑް އަދި ނަޓްސް ކެއުމުގައި ހިމެނެ އެވެ. މިގޮތުން ޕިޔާޒް، އެގްޒެލިމް ކޯބާ، ޝަކްޝޫކާ، ކިސިރް، ޑޮނާ، ކަގް، އިސްކަންދަރު އާއި އެހެން ކެބާބް، މެސިމެކް އާއި އިނެގޯލް ކޮފްތާ، ޔަޕްރަކް ދޮލްމާ، ޝަވަރްމާ، ހަމްސިލީ ޕިލާވް، ޕަރްދޭ ޕިލާވް، ބޮރެކް އާއި ޕިޑޭ ފާހަގަކޮށްލެވެ އެވެ. އަދި ފޮނި ކާއެއްޗެހި ތެރޭގައި ބަކްލާވާއާއި ލޯކަމް (ޓާކިޝް ޑިލައިޓް)، ޑޮންޑުރްމާ އާއި އެކްމެކް ކަޑޭފި ހިމެނެ އެވެ. މިއީ ސައި އަދި ކޮފީ ބުއިމަށް ވަރަށް ލޯބިކުރާ ބައެކެވެ.

ވިސާ އާއި ދަތުރުކުރުން

ތުރްކިޔޭއަށް ޒިޔާރަތްކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބެ އެވެ. އަދި ތުރުކިޔޭ އަކީ މިއަދު ދިވެހިންގެ މެދުގައި އެންމެ މަގޫބުލު މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.