ދުނިޔެ

އިސްލާމީ ގައުމުތައް - ސެނެގާލް

އި ސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގެ ސެނެގާލްއާ ބެހޭ މައުލޫމާތެވެ.

ސެނެގާލް

ފަރަންސޭސި ވިލާތުގެ ދަށުން މިނިވަންވެ، ރިޕަބްލިކް އޮފް ސެނެގާލް އުފެދުނީ 1960 ގައެވެ. މި ގައުމުގެ އުތުރުގައި މޮރިޓޭނިއާ އޮންނައިރު، އިރުމަތީގައި މާލީ، އިރު ދެކުނުގައި ގިނީ، އަދި ހުޅަނގު ދެކުނުގައި ގިނީ-ބިސާއު އަދި ހުޅަނގުގައި އެޓްލާންޓިކް ކަނޑު އޮވެ އެވެ. ސެނެގާލް އޮންނަނީ ކުޑަ ގައުމެއް ކަމުގައިވާ ގެމްބިއާ ގާތްގަނޑަކަށް ވަށާލާފަ އެވެ.

ސެނެގާލްގެ އިގްތިސޯދު ބިނާވެފައި އޮންނަނީ ދަނޑުވެރިކަން (ބަދަން، އުއްދަނޑި އަދި ކޮޓަން) ކަނޑުމަސް، ފޮސްފޭޓްސްގެ އެކްސްޕޯޓަށާއި ފަތުރުވެރިކަމަށާއި ބޭރުގެ އެހީތަކަށެވެ. ނަމަވެސް މޫސުމީ ބަދަލުތަކާއި ކޮމޮޑިޓީ މާކެޓްގެ އަގުތަކަށް އަންނަ ކުއްލި ބަދަލުތަކާ ގުޅިގެން މި ގައުމުގެ ބައެއް އެކްސްޕޯޓްތައް ދަށަށް ގޮސް، ބޭރުގެ އެހީއަށް ބުރަވާން ޖެހެ އެވެ. 2014 ގައި އެޓްލާންޓިކް ކަނޑުން ގޭހާއި ތެޔޮ ފެނުމުން، މި ގައުމުގެ އިގްތިސޯދު ވަނީ ކުރިއަރަން ފަށާފަ އެވެ. އަދި ވޯލްޑް ބޭންކުން އަންދާޒާކުރަނީ މި އަހަރު ސެނެގާލްގެ އިގްތިސޯދު އަށް ޕަސަންޓަށް އަދި އަންނަ އަހަރު 10.5 ޕަސަންޓަށް ކުރިއަރާނެ ކަމަށެވެ. މިއީ މި ސަރަހައްދުގައި ކޯޓޭ ޑިއައިވޯ އަށްފަހު އެންމެ ބޮޑު ބޭންކިން ސެކްޓާ އޮންނަ ގައުމެވެ.

ސެނެގާލްގެ 17 ވަރަކަށް މިލިއަންގެ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް 94 ޕަސަންޓަކީ މުސްލިމުންނެވެ. އަދި މީގެ ތެރޭގައި ސޫފީގެ ބައިތައް އެންމެ ގިނައިރު، މަހްދީންނާއި ޝީ (ގިނައީ ލުބްނާންގެ ދަރިކޮޅުގެ މެދުގައި) އަދި އަހްމަދީ މީހުންވެސް ހިމެނެ އެވެ. މި ގައުމުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަސް ކަމުގައިވީ ނަމަވެސް، އަރަބި، ވޮލޮފް، ފުލާ، ސެރާ، ޑިއޯލާ، މަލިންކާ، ބަމްބަރާ، ސޮނިންކޭ ފަދަ 39 ބަހުން ވާހަކަ ދައްކާ އުޅެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ސެނެގާލްގެ ވެރިރަށް ޑާކާއަކީ އެ ގައުމުގެ އެންމެ ގިނަ މީހުން ދިރި އުޅޭ ރަށެވެ. މި ރަށުގެ ރީތި ގޮނޑުދޮށްތަކަކީ މަޖާކޮށްލަން ދާން މަގުބޫލު ތަންތަނެވެ. މި ރަށުގައި ޕްރެޒިޑެންޝަލް ޕެލެސް، ބިނާތައް، އައިފަން މިއުޒިއަމް އާއި، ހައުސް އޮފް ސްލޭވްސް ފަދަ މިއުޒިއަމްތަކާއި، ލައިޓްހައުސް އަދި މަސް ބާނާތަނާއި، ކުލަގަދަ މާރުކޭޓްތައް ބަލާލުން ރަނގަޅެވެ.

ގުދުރަތީ ރީތިކަން ހުންނަ ތަންތަނާއި ރީތި މޫދާއި ގޮނޑުދޮށްތަކަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް ސެނެގާލް ކޯރު، ވޯޓާފޯލްތައް، ފިޔާތޮށިކުލައިގެ ލެކް ރެޓްބާ، ޕޯޗުގީޒުން އަޅުންގެ ވިޔަފާރިކުރުމަށް ބޭނުންކުރި ގޮރީ އައިލެންޑް އާއި، އެ ރަށުގައިވާ ތާރީހީ ބިނާތައް، ސެއިންޓް ލުއީ އައިލެންޑް، ގޯ އައިލެންޑް، ލޮމްޕޫލް ޑެޒާޓް، ލެގޫން ޑި ލާ ސޮމޯން، ކަސަމަންސް، އެމްބޫ އަދި ސަލީ ވަރަށް ކަމުދާނެ އެވެ.

މިއީ ގިނަ ޖަނަވާރާއި ދޫނިތަކާއެކު ގިނަ ނެޝަނަލް ޕާކްތަކާއި ސެންކްޗުއަރީތައް ގިނަ ގައުމެކެވެ. އަދި ސެނެގާލްގެ ޖޫޖް ނެޝަނަލް ބާޑް ސެންކްޗުއަރީ އާއި ނިކޮކޮލޯ ކޮބާ ނެޝަނަލް ޕާކް ފަދަ އެތައް ތަނަކީ ޔުނެސްކޯގެ ހެރިޓޭޖް ސައިޓެވެ. މީގެ އިތުރުން ރިޒާވް ޑީ ބާންޑިއާ، ފަތާލާ ރިޒާވް، ދެލްޓާ ސަލޫމް ނެޝަނަލް ޕާކް، އަދި ބޮޓެނިކަލް ގާޑަންތަކަކީވެސް ބަލާލަން ވަރަށް ހިތްގައިމު ތަންތަނެވެ.

ސަގާފަތް

ސެނެގާލް އަކީ ގިނަ ގަބީލާތަކެއްގެ ސަގާފަތްތަކާއި އިސްތިއުމާރު ކުރި ގައުމުތަކުގެ ސަގާފަތް ކޮންމެވެސް ވަރަކަށް މަސްހުނި ވެފައިވާ ގައުމެކެވެ. އެކި ސަރަހައްދުތަކުގައި ކޮށް އުޅޭ ސަގާފީ ކަންތައްތައް ތަފާތެވެ. މިގައުމުގެ މީހުންނަކީ މެހެމާންދާރީ ވަރަށް ރަނގަޅު ބައެކެވެ. އަދި ވާހަކަ ކިޔައިދިނުމުގެ ސަގާފަތެއް ގެންގުޅެ އެވެ. ފިލްމް ފެސްޓިވަލްތަކާއި ފެޝަން ޝޯތައް ބޭއްވުމުގެ އިތުރުން ބެލޭ އާއި ސަގާފީ ނެށުމާއި މިއުޒިކަކީ މީހުން ޝައުގުވެރިވާ ކަމެކެވެ.

ސެނެގާލްގެ ރައްޔިތުން އެންމެ ގިނައިން ކުޅެ އުޅެނީ ފުޓްބޯޅަ އާއި ބާސްކެޓް ބޯޅަ އަދި ރެސްލިން އެވެ. މިގޮތުން ސެނެގާލްގެ ފުޓްބޯޅަ ޓީމަކީ ފީފާ ވޯލްޑްކަޕްގައި އާންމުކޮށް ވާދަކުރާ އަދި އެފްރިކަން ކަޕްވެސް ހާސިލްކޮށްފައިވާ ޓީމެކެވެ.

ކެއުންބުއިން

ސެނެގާލް މީހުންގެ ކެއުމުގައި އުތުރު އެފްރިކާ، ޕޯޗުގީޒް އަދި ފަރަންސޭސިއާއި ވޮލޮފް ފަދަ ގަބީލާތަކުގެ ކެއުމާއި އެއްވެފައިވެ އެވެ. ބަތާއި، ކުސްކުސް، ކަނޑުމަހާއި، ކުކުޅު، ގެރި އާއި ކަންބަޅި ބަކަރި އަދި ބަކަރި މަހާއި ތަރުކާރީ، މޭވާއާއި ސްޓޫ، ޗީޒް، ޕޭސްޓްރީ، ޕާން ފަދަ ކެއުން ހިމެނެ އެވެ. މިގޮތުން ޗެބުޖިން، ޗޭބޫ ޔެޕް، ޗޭބޫ ގިނާރު، ޔައްސާ ކުކުޅު، ދަމްބޭ، މާފޭ، ބާސީ-ސޯލްޓޭ، ފޫތީ އަދި ފަތާޔާ ހިމެނެ އެވެ. ބުއިންތަކުގެ ތެރޭގައި ސަޔާއި ބިސަޕް (ސައިމަލުގެ ސައި)، ކޮފީ އަދި ޖޫސް ހިމެނެ އެވެ.

ވިސާ އާއި ދަތުރުކުރުން

ސެނެގާލްއަށް ޒިޔާރަތްކުރުމަށް ދިވެހީން ވިސާ ނަގަންޖެހެއެވެ. މި ގައުމަށް ދަތުރުކުރާއިރު ވައްކަމާއި ފޭރުމުގެ ނުރައްކަލާ ކުރިމަތިވެދާނެ ކަމަށް ސަމާލުވާން ޖެހެ އެވެ. އަދި ސިޔާސީ މަސްރަހު ރަނގަޅު ނަމަވެސް، ބައެއް ފަހަރު ކުދި ހަމަނުޖެހުންތަކާ ދިމާވުން އެކަށީގެންވެ އެވެ.