ކޮމޮރޮސް

އިސްލާމީ ގައުމުތައް - ކޮމޮރޮސް

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގެ ފަގީރު ޖަޒީރާ ގައުމެއް ކަމުގައިވާ ކޮމޮރޮސް އެވެ.

ކޮމޮރޮސް

ފަރަންސޭސި ވިލާތުގެ ދަށުން މިނިވަންވެ، ޔޫނިއަން އޮފް ދަ ކޮމޮރޮސް އުފެދުނީ 1975 ގައެވެ.

ބޮޑު ތިން ރަށާއި ކުދި ރަށްތަކެއްގެ މައްޗަށް އޮންނަ ކޮމޮރޮސް އަކީ އެފްރިކާ ބައްރުގެ އިރު ދެކުނަށް މޮޒަމްބީކް ޗެނަލްގެ އުތުރަށް އިންޑިއަން އޯޝަންގައި ވަކިން އޮންނަ ގައުމެކެވެ.

މި ގައުމުގެ ހުޅަނގުގައި މޮޒަމްބީކް އޮންނައިރު، އިރު ދެކުނަށް އޮންނަނީ މަޔޯ އާއި މަޑަގަސްކަރަ އެވެ. މިއީ އެފްރިކާގައި ހަތަރުވަނައަށް އެންމެ ކުޑަ ގައުމެވެ.

ކޮމޮރޮސް އަކީ ގުދުރަތީ ވަސީލަތްތައް މަދު، ފަގީރު ގައުމެކެވެ.

އަލިފާން ފަރުބަދައިން ހެދިފައިވާ މި ގައުމުގެ ރީތި ގޮނޑުދޮށްތައް ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާ އަޅާ ކިޔޭނެ އެވެ. މި ގައުމުގެ އިގްތިސޯދުގެ 40 ޕަސަންޓް ބިނާވެފައިވަނީ ދަނޑުވެރި ކަމަށެވެ.

ވެނީލާ، ފޮނިތޮށި، ކަރަންފޫ، ކަކާއޮ ކޮފީ ބީން، އަލަނާސި، ކުރުނބާ ފަދަ މޭވާ އަދި ސްޕައިސްއަކީ މި ގައުމުން އުފައްދާ، އެކްސްޕޯޓް ކުރާ ތަކެއްޗެވެ. މިއީ ކޮމޯޑިޓީ މާކެޓްގެ އަޑިއުސްތަކަށް ފައިދާވާ އެކްސްޕޯޓެވެ. އަދި ދުނިޔޭގެ ސެންޓު އިންޑަސްޓްރީން ސެންޓު ހެދުމަށް ބޭނުންކުރާ އިލެންގ-އިލެންގެ 80 ޕަސަންޓް ސަޕްލައި ކުރަނީވެސް ކޮމޮރޮސްއިންނެވެ.

މަސްވެރިކަން އަދި އުފެއްދުންތެރިކަމާއި ހިދުމަތްދިނުމުގެ އިންޑަސްޓްރީ އާއި ބޭރު ގައުމުތަކުގައި މަސައްކަތްކުރާ ކޮމޮރޮސްގެ ރައްޔިތުން ފޮނުވާ ފައިސާ އިގްތިސޯދަށް އެހީވެދެ އެވެ.

ޔޫރަޕިއަން ޔޫނިއަން (ހާއްސަކޮށް ފަރަންސޭސި ވިލާތް)، ސައުދި އަރަބިއާ، ކުވޭތު، ޖަޕާން ފަދަ ގައުމުތަކުން ކޮމޮރޮސްއަށް އެހީ ދެއެވެ.

ކޮމޮރޮސްގެ ގިނަ މީހުންގެ ތައުލީމީ ފެންވަރު ދަށެވެ. މި ގައުމުގައި ހައިޑްރޯޕަވާ ޕްލާންޓް ހުރިނަމަވެސް ފެނާއި ކަރަންޓު ލިބުމުގައި މައްސަލަތައް ދިމާވެ އެވެ.

ކޮމޮރޮސްގެ ނުވަ ލައްކަ މީހުންގެ އާބާދީގައި ގާތްގަނޑަކަށް 99 ޕަސަންޓަކީ ސުންނީ މުސްލިމުންނެވެ.

މި ގައުމުގައި ދިރިއުޅޭ މަޑަގަސްކަރަގެ ރައްޔިތުންނާއި ފްރާންސްގެ ރައްޔިތުންނަކީ ކްރިސްޓިއަން ގޮފިތަކަށް ތަބާވާ މީހުންނެވެ.

ކޮމޮރޮސްގެ ރަސްމީ ބަހަކީ ބަންޓޫގެ ބަހެއް ކަމުގައިވާ ޝިކޮމޯރީ، އަރަބި އަދި ފަރަންސޭސި ބަހެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

"އައިލެންޑްސް އޮފް ދަ މޫން" އަދި "ޕާފިއުމް އައިލެންޑް"ގެ ނަން ދީފައިވާ ކޮމޮރޮސްގެ ވެރިރަށް މޮރޯނީ އަކީ އެ ގައުމުގެ އެންމެ ބޮޑު ރަށް ގްރޭންޑް ކޮމޯގައި އޮންނަ ރަށެކެވެ. މި ރަށުގެ ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ކުރީގެ ޝާހީ ގަނޑުވަރު ރުއިންސް، ނެޝަނަލް މިއުޒިއަމް، ބަންޑްޖާނީ މިސްކިތް، ނޫވެލް މިސްކިތް، ވެންޑްރެޑީ މިސްކިތް، ޕާލަމަންޓް ހައުސް ފަދަ ތަންތަން ހިމެނެ އެވެ.

މި ގައުމުގެ ރީތި ގޮނޑުދޮށްތައް ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާ އަޅާ ކިޔޭނެ އެވެ. އެގޮތުން އިޓްސަންޑްރާ ބީޗް، ޕެޓީ ޓެރޭ، ޗިންދިނީ ބީޗް، މޯޔާ ފަދަ އެތައް ބީޗަކާއި، މަމޫޑްޒޫ، މޮހޭލީ، ފޮމްބޯނީ، ޗޮމޯނީ ފަދަ ރަށްރަށުގެ މޫދުން ކޯމަސް، ބޮޑުމަސް ފެނުންވެސް ވަރަށް ހިތްގައިމެވެ.

އެންމެ ގިނަ މީހުން ދިރި އުޅޭ އަންޖުއަންގެ ޕްލާންޓޭޝަންތައް، ޓިންގުއި ފަރުބަދަ، ކާތާލާ ފަރުބަދަ އަދި ކްރޭޓާ އާއި، ކޮމޮރޯސްއަށް ހާއްސަ ދޫނިތަކާއި، ޖަނަވާރުތައް ބަލާލުން ރަނގަޅެވެ.

ސަގާފަތް

ކޮމޮރޮސްގެ ސަގާފަތަކީ މަލަގާސީ ފަދަ އެފްރިކާ، އަރަބި އަދި ފަރަންސޭސި ސަގާފަތް އެއްވެފައިވާ ސަގާފަތެކެވެ. އަންޖުއަންގެ އަންހެނުން ރަތްކުލަ އާއި ހުދުކުލައިގެ ޑިޒައިން ފޮތިގަނޑެއް ގައިގައި އޮޅަ އެވެ. އެހެން ރަށްތަކުގައި އެކި ޑިޒައިންގެ ކުލަގަދަ ޝޯލް ފަދަ ފޮތިގަނޑެއް އޮޅަ އެވެ. އަދި މޫނުގައި ކެލާ އާއި މުރަކައިން ހަދާފައިވާ ޕޭސްޓެއް ހާކާ އުޅެ އެވެ. ފިރިހެނުން ހުދު އަދި އެހެން ކުލައިގެ ދިގު ގަމީހެއް ފާޑުގެ ހެދުމެއް ލާއިރު ބޮލުގައި އެ ގައުމަށް ހާއްސަ ތާކިހަލެއް އަޅަ އެވެ.

ކޮމޮރޮސްގައި ކުޑަ ކައިވެންޏަކާއި ބޮޑު ކައިވެންޏެއްކޮށް އުޅެ އެވެ. ކުޑަ ނުވަތަ ނާ ދާހޯ ކައިވެންޏަކީ ހަރަދުކުޑަ، ކުޑަ ރަނަކާއެކު ތަންކޮޅެއް ލުއިފަސޭހަކޮށް ކުރިއަށް ގެންދާ ކައިވެންޏެކެވެ. މި ވައްތަރުގެ އެތައް ކައިވެންޏެއް މީހުން ކޮށްފާނެ އެވެ.

ބޮޑު ކައިވެނި ނުވަތަ އަޑާ އަކީ ހަޔާތުގައި އެންމެ ފަހަރަކު ކުރާ ކައިވެންޏެކެވެ. މިއީ ވަރަށް ހަރަދު ބޮޑު، ބޮޑު ރަނަކާއެކު ގިނަ މީހުންނަށް ދައުވަތު ދީގެން ބާއްވާ ކައިވެންޏެކެވެ. ކޮމޮރޮސްގެ މީހުން ތްވަރަބް ފަދަ މިއުޒިކް ކުޅުމާއި ނެށުން، ހާއްސަކޮށް އަޑާ ހަފްލާތަކުގައި ކުޅެއުޅެ އެވެ.

ކެއުންބުއިން

ސަގާފަތެކޭ އެއްފަދައިން ކޮމޮރޮސްގެ ކެއުން ވެސް ވަނީ އަރަބި، އެފްރިކާ އަދި ފަރަންސޭސި ވިލާތުގެ ކެއުންތަކާ މަސްހުނިވެފަ އެވެ. ކަނޑު އަދި ފަރު މަސް، އިހި އަދި ކަކުނީގެ ސޫޕް އާއި ސްޓޫ، ގެރި މަހާއި، ކުކުޅު މަސް، ބަތް، އަލަ، ފެހި ޅަ ދޮންކެޔޮ، އަނބު، ސައްކެޔޮ، ބަނބުކެޔޮ، ފޭރު ފަދަ ކާނާ ރީނދޫ، ދިރި އަދި ކަރަންފޫ ލައިގެން ކެއުންތައް އާންމުކޮށް ތައްޔާރުކުރެ އެވެ. މިގޮތުން ޕުލޭ އޯ ކޯކޯ، މަޓާބާ، ލެ މެ ސޮލޯލާ، ލެންގޫ އަލަ ވެނީލް، ކަތްރާ ފޫތްރާ، ޝަކީކީ، އަޝާޑް އޯ ލެގޫމް، ކޮމޮރޮސް ޕިލާއު، ޓްރޮވީ ޔާ ނަޒީ، ރޯޓީ ޔާ ހޫމަޕަމްޕާ އަދި ލަދޫ ފަދަ ކާނާ ފާހަގަކޮށްލެވެ އެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް ކޮމޮރޮސްއަށް ޒިޔާރަތްކުރުމަށް އޮން އެރައިވަލް ވިސާ ލިބެ އެވެ.