މީހުން

އަބީ އަހްމަދު އަލީ: އިތިއޯޕިއާގެ އުއްމީދީ ލީޑަރު

އިތިއޯޕިއާގެ ހަތަރު ވަނަ ބޮޑުވަޒީރުކަމަށް އަބީ އަހްމަދު ވަޑައިގަތީ އެޕްރީލް 2، 2018 ގައެވެ.
އަބީ އަހްމަދު އުފަންވެވަޑައިގެންފައިވަނީ އޮގަސްޓް 15، 1976 ގައެވެ. އެމަނިކުފާނުގެ ބައްޕާފުޅަކީ މުސްލިމް ބޭފުޅެކެވެ.

ޑާގް ރެޖިމް ޖަމާއަތުން 1990 ވަނަ އަހަރު އިތިއޮޕިއާ ކޮންޓްރޯލް ކުރަމުން ދިޔައިރު އެ ޖަމާއަތާ ދެކޮޅަށް މަސައްކަތް ކުރި ޖަމާއަތަކާ އެމަނިކުފާނު ޓީނޭޖް ދުވަސްވަރު ގުޅިވަޑައިގަތެވެ. އަދި ޑާގް ރެޖިމް ބޭރުކޮށްލެވުމުން އިތިއޯޕިއާގެ ނެޝަނަލް ޑިފެންސް ފޯސް އާއި 1987 ގައި ގުޅިވަޑައިގަތެވެ. އަދި ދާދި އަވަހަށް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ކަމަށް ވަޑައިގަތެވެ.

އަވަށްޓެރި ރުވާންޑާގެ ދާހިލީ ހަނގުރާމައިގައި 1995 އިން 1997 އަށް ސުލްހަ ބެލެހެއްޓި އދގެ ސުލްހައިގެ ލަޝްކަރުގައި ވެސް އަބީ ހިމެނިވަޑައިގަތެވެ. އަދި އެނބުރި ގައުމަށް ވަޑައިގެން 1998 ގައި ތައުލީމީ މަރުހަލާ ކުރިއަށް ގެންދަވައި ކޮމްޕިއުޓާ އިންޖިނިއަރިން ޑިގްރީ ހާސިލް ކުރެއްވި އެވެ. އޭގެ ފަހުން އެގައުމުގެ އިންފޮމޭޝަން ނެޓްވާކް ސެކިއުރިޓީ އެޖެންސީގެ ވެރިޔާގެ ގޮތުގައި ހަމަޖެހުނެވެ.

އަބީ ވަނީ އިތިއޯޕިއާގެ ގާނޫނު ހަދާ މަޖިލިހަށް 2010 ގައި ހޮވިވަޑައިގެންފަ އެވެ. އަދި 2011 ގައި ޓްރާންސްފޮމޭޝަނަލް ލީޑަޝިޕް ރޮނގުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައި އަދި 2013 ގައި އިތުރު މާސްޓާސްއެއް ހާސިލް ކުރެއްވި އެވެ. އަދި ޑޮކްޓާ އޮފް ފިލޯސޮފީ 2017 ގައި އެޑިސް އަބާބާ ޔުނިވަސިޓީ އިން ހާސިލް ކުރެއްވި އެވެ.

އަބީ އަހްމަދު އިތިއޯޕިއާގެ މިނިސްޓާ އޮފް ސައެންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް 2016 ގައި އައްޔަން ކުރެވުނެވެ. އިތިއޯޕިއާގެ ބޮޑުވަޒީރު ހައިލެމާރިއަމް ޑެސާލެން އިސްތިއުފާ ދެއްވުމުން 2018 ގައި އަބީ ބޮޑުވަޒީރު ކަމަށް ވަޑައިގަތެވެ. އެމަނިކުފާނު ވެވަޑައިގެންފައިވަނީ އިތިއޯޕިއާގެ ނަސްލު އެންމެ ބޮޑު ދަރިކޮޅު ކަމުގައިވާ އޮރޮމޯ ނަސްލުން ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތް ފުރަތަމަ ބޭފުޅާ ކަމުގަ އެވެ.

އުމުރުފުޅުން 42 އަހަރުގައި ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެން އިތިއޯޕިއާއަށް ބޮޑެތި ބަދަލުތައް އެމަނިކުފާނު ވަނީ ގެންނަވާފަ އެވެ. އެގޮތުން ސިޔާސީ ހައްޔަރީން މިނިވަންކުރައްވައި އަރުވާލެވިގެން ތިބި ސިޔާސީ ފަރާތްތައް އަނބުރައި ގައުމަށް ވަޑައިގަތުމުގެ ހުއްދަ ދެއްވައި އިގްތިސޯދު ރަނގަޅު ކުރެއްވުމަށް ބޭރުގެ އިންވެސްޓްމަންޓް ތަކަށް ގައުމު ހުޅުއްވާ ލެއްވި އެވެ. އެމަނިކުފާނުގެ ކެބިނެޓަކީ މިންތީގެ ހަމަހަމަ ކަން ގާއިމުކުރެވިފައިވާ ކެބިނެޓެކެވެ.

އިތިއޯޕިއާގައި ކުރިން ހިފެހެއްޓިފައި އޮތް މީޑިއާ މިނިވަން ކުރައްވައި ހިޔާލުފާޅުކުރުމުގެ ހައްގު ފުޅާކުރެއްވި އެވެ. އަދި އިތިއޯޕިއާގެ އެތަކެއް ނަސްލީ ސަގާފީ ބަހުގެ ތަފާތުތައް ބަލައިގަނެ އެންމެންގެ މެދުގައި ގައުމީ އެއްބައިވަންތަކަމަށް މަސައްކަތް ކުރެއްވި އެވެ.

އަބީގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅަކީ އަވައްޓެރި އެރިތްރިޔާ އާއި އެކު ކުރެވެމުންދިޔަ ދިގު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސުލްހައިގެ އެއްބަސްވުމަށް އާނއެކޭ ވިދާޅުވެ ހަނގުރާމަ ނިންމަވާލެއްވި މަސައްކަތްޕުޅެވެ. އެމަނިކުފާނު ސުލްހައަށްޓަކައި ކުރެއްވި މަސައްކަތްޕުޅު މުޅި ދުނިޔެ ބަލައިގަނެ އެމަނިކުފާނަށް ނޯބަލް ސުލްހައިގެ އިނާމް 2019 ގައި ވަނީ ލިބިވަޑައިގެންފަ އެވެ.

އަބީ އަހްމަދުގެ މަސައްކަތްޕުޅާއި ހިތްވަރުފުޅު ގަދަކަމުގައިވިޔަސް އިތިއޯޕިއާގައި ފަގީރުކަމާއި ހައިހޫނުކަން ބޮޑުވުމުގެ ސަބަބުން ގައުމު ތެރޭގައި އެތަކެއް ހަލަބޮލިކަން އުފެދި ސިޔާސީ ހަމަނުޖެހުންތައް އަދިވެސް ދަނީ ހިނގަމުންނެވެ.