ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ތުރުކީގެ އާންމު އިންތިހާބަކުން ފުރަތަމަ ފަހަރަށް ހޮވިވަޑައިގަތް ރައީސްގެ ގޮތުގައި ތުރުކީގެ ވެރިކަމަށް ވަޑައިގަތީ އޮގަސްޓް 10، 2014 ގައެވެ.
ރައީސް އުރުދުޣާން ނިސްބަތްވެވަޑައިގަންނަވަނީ ތުރުކީ އާއި ޖޯޖިއާ ސަރަހައްދުގެ ދެމެދުގައި އޮންނަ ރީޒާގައި އުޅެމުން އަންނަ ތުރުކީގެ ދަރިކޮޅަކަށެވެ. އެއީ ކަޅު ކަނޑާއި ގުޅޭ ތުރުކީގެ ބަނދަރުމަތީ ރަށެކެވެ. އެމަނިކުފާނު އުފަންވެވަޑައިގެންފައިވަނީ ފެބްރުއަރީ 26، 1954 ގައެވެ.
ކާސިމްޕާޝާ ޕިޔާލީ ޕްރައިމަރީ ސްކޫލުން 1965 ގައި ދަސްވެނިމުމަށްފަހު ހައިސްކޫލް ނިންމަވާފައިވަނީ އިމާމް ހަޠީބް ސްކޫލުން 1973 ގައެވެ. މީގެއިތުރުން ތަފާތު ރޮނގުތަކުން އައްޔޫބް ހައިސްކޫލުން ކިޔަވައި ވިދާޅުވެ އިމްތިހާނު ހައްދަވައި ޑިޕްލޮމާ ނަންގަވާފައިވެ އެވެ. އަދި ގްރޭޖުއޭޓް ވެވަޑައިގެންފައިވަނީ މަރްމަރާ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިކޮނޮމިކްސް އެންޑް އެޑްމިނިސްޓްރޭޓިވް ސައެންސަސްގައި 1981 ގައެވެ.
ރައީސް އުރުދުޣާނަކީ އަބަދުވެސް އިޖުތިމާއީ ކަންކަމުގައި އުޅުއްވަމުން ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގަންވަމުން ވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން ޒުވާން އުމުރުފުޅުގައި 1969 އިން 1982 އަށް ފުޓްބޯޅަ ކުޅުއްވައި ޓީމް މެނޭޖްކުރައްވަމުން ވަޑައިގަތެވެ. އެގޮތުގައި އުޅުއްވަމުން ސިޔާސީ ކަންކަމަށް ޝައުގުވެރިވެވަޑައިގެން ސިޔާސީ ކަންކަމަށް ނިކުމެވަޑައިގަތެވެ.
އެމަނިކުފާނު ހައިސްކޫލްގައި އުޅުއްވިއިރު ނެޝަނަލް ސްޓޫޑަންޓް އެސޯސިއޭޝަންގެ ސްޓޫޑެންޓް ބްރާންޗްގެ ރޯލް އަދާކުރައްވަމުން އިސްލާމިސްޓް ނެޝަނަލް ސެލްވޭޝަން ޕާޓީ (އެމްއެސްޕީ) އިން ބެޔޮގްލޫގައި ގާއިމްކޮށްފައިވާ ޔޫތް ބްރާންޗްގެ އިސްވެރިއަކަށް 1976 ގައި ހޮވިވަޑައިގަތެވެ. އަދި ހަމަ އެއަހަރު އެމްއެސްޕީގެ އިސްތަންބޫލް ޔޫތް ބްރާންޗްގެ ވެރިޔާގެ ގޮތުގައި ހޮވިވަޑައިގަތެވެ. އެގޮތުގައި 1980ގެ ސެޕްޓެމްބަރާ ޖެހެންދެން ޕްރައިވެޓް ސެކްޓާގައި ކޮންސަލްޓެންޓެއްގެ ގޮތުގައި ސިޔާސީ ޕާޓީތައް ތުރުކީގައި އޭރު މަނާކުރަންދެން އުޅުއްވި އެވެ.
އެނބުރި ސިޔާސީ ކަންކަމަށް ވަޑައިގަތީ ވެލްފެއާ ޕާޓީއާއި ގުޅިވަޑައިގެން 1983 ގައެވެ. އަދި އިސްތަންބޫލްގެ މޭޔަރު ކަމަށް 1994 ގައި ހޮވިވަޑައިގަތެވެ. އަދި އިސްތަންބޫލަށް އުމްރާނީ ގޮތުން ތަރައްގީގެ ބޮޑެތި ކުރިއެރުން ހޯއްދަވައިދެއްވި އެވެ.
ތުރުކީގައި 1997 ގައި ހުއްދަ ފޮތެއްގައި އޮތް ދީނީ އެއްބައިވަންތަކުމުގެ ޅެމެއް ތަގުރީރެއްގައި ވިދާޅުވެގެން ޖަލަށް ލެވި މޭޔަރުކަން ގެއްލުނެވެ. ޖަލުގައި ހަތަރު މަސް ހޭދަކުރެއްވުމަށްފަހު މިނިވަންވެވަޑައިގެން ޖަސްޓިސް ޕާޓީގެ ޗެއާ ކަމަށް ވަޑައިގެންނެވި އެވެ.
ޖަސްޓިސް ޕާޓީން 2002 ގައި ބޭއްވުނު އާންމު އިންތިހާބުގައި ޕާލިމަންޓުގެ ތިންބައިކުޅަ ދެބައިގެ ބޮޑު ކާމިޔާބެއް އެމަނިކުފާނުގެ ޕާޓީން ހޯއްދެވި އެވެ. އަދި 2003 ގައި ޕާލިމަންޓަށް ވަޑައިގެން ތުރުކީގެ ބޮޑުވަޒީރުކަމާއި ފުރަތަމަ ފަހަރަށް ހަވާލުވެވަޑައިގަތެވެ. އެއަށްފަހު ތުރުކީ އަށް އިންގިލާބީ ސިޔާސީ އިސްލާހީ ބަދަލުތައް ގެންނަވައި އިގްތިސޯދީ ހެޔޮބަދަލުތަކާއެކު ތަރައްގީގެ ދުވެލި އެތައް ގުނައަކަށް ހަލުވިކޮށްލެއްވި އެވެ. ނަތީޖާއެއްގެ ގޮތުން ތުރުކީގެ ހައިސިއްޔަތު ހުރިހާ ގޮތަކުން އުފުލިގެން ދިޔަ އެވެ. އަދި 2007ގެ އާންމު އިންތިހާބު އެމަނިކުފާނުގެ ޖަސްޓިސް ޕާޓީން ކާމިޔާބު ކުރައްވައި ތުރުކީގެ 60 ވަނަ ސަރުކާރު އެކުލަވާލެއްވި އެވެ. އަދި 2011ގެ އިންތިހާބުވެސް ކާމިޔާބު ކުރައްވައި 61 ވަނަ ސަރުކާރުވެސް އެކުލަވާލެއްވި އެވެ.
ރައީސް އުރުދުއާން 2014 ގައި ތުރުކީގެ ރައީސް ކަމަށް ކުރިމަތިލައްވައި ބޮޑު އައުލަބިއްޔަތަކާއެކު ތުރުކީގެ 12 ވަނަ ރައީސްގެ ގޮތުގައި ހޮވިވަޑައިގަތެވެ. އެއަށްފަހު ތުރުކީގެ ސިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް އެޕްރީލް 2017 ގައި ރައްޔިތުންގެ ވޯޓަކުން ބަދަލުކުރައްވައި 2018ގެ އިންތިހާބުގައި ރިޔާސީ ނިޒާމެއްގައި އެންމެ ފުރަތަމަ ތުރުކީގެ ރައީސްގެ ގޮތުގައި އެއަހަރު ޖުލައި ނުވަ އެއްގައި އުރުދުޣާން ވެރިކަމަށް ވަނީ ވަޑައިގެންފަ އެވެ.
ރައީސް އުރުދުޣާން ވަނީ މިދިޔަ އަހަރުގެ މެއި މަހު ތުރުކީގައި ބޭއްވި ރިޔާސީ އިންތިހާބުވެސް ގޮންޖެހުންތަކެއްގެ ތެރެއިން ހަނި އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާފަ އެވެ. އުރުދުޣާން މިފަހުން ވިދާޅުވާ ބައެއް ވާހަކަފުޅުތައް ތަރުޖަމާކޮށްލާއިރު ހިނގަމުން މިދާ ދައުރަށްފަހު އެމަނިކުފާނު ދެން އިންތިހާބެއްގައި ވާދައެއް ނުކުރައްވާނެ އެވެ.