ހަބަރު

މަޖިލީހުގައި ހަމަނުޖެހުން ހިންގީތީ ނަޝީދު މައާފަށް އެދެން ޖެހޭ: އާދަމް ޝަރީފު

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގެންފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން ވަނީ އިއްޔެއާއި މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ. އިދިކޮޅު މެންބަރުން ޖަލްސާ ބޮއިކޮޓް ކުރީ، ހޯމަ ދުވަހުގެ ރޭގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވެ ހާލު ދެރަވަމުން ކަމަށް ބުނެ އެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވާ ކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އެއީ މީގެ ކުރިން ވެސް އާންމުކޮށް އެ މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވާތީ ކަމަށެވެ. އެ މެންބަރުން ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުން އެދޭނީ މަޖިލީހުގެ މަސައްކަތުގައި ބައިވެރިވުމަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅު ޝާއިއުކޮށްފައިވާ ހަބަރަކާއެކު އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ ދެ ދުވަހު މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރީ ރައީސް ނަޝީދު ގަވާއިދާ ހިލާފުވެ މާރާމާރީ ހިންގާފައިވާތީ އެ ކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ކަމަށް ނަޝީދު މައާފަށް އެދިވަޑައިގަންނަވަން ގޮވާލެއްވި އެވެ.

"މަޖިލީހުގެ ރައީސް [ރައީސް މުހައްމަދު ނަޝީދު] މައާފަށް އެދިވަޑައިގަންނަވަން ޖެހޭ، މަޖިލީހަކީ ޖަންގަލީގައި ސިންގާ ވެރިކަން ކުރާހެން ހިންގަން ހުރި ތަނެއް ނޫން،" އާދަމް ޝަރީފުގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

މިއަދުގެ ޖަލްސާ އިދިކޮޅު މެންބަރުން ބޮއިކޮޓް ކޮށްފައިވަނިކޮށް، ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް ހިމަނާފައި އޮތީ ވެސް ޕީއެންސީގެ މެންބަރު އަދި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރެކެވެ. މިއަދު އެ ގަރާރު އެޖެންޑާކުރިއިރު، އެއީ މިދިޔަ ފެބްރުއަރީ މަހު އޭނާ ހުށަހެޅުއްވި ގަރާރެކެވެ.

މަޖިލީހުގެ ދެ ޖަލްސާއެއް އިދިކޮޅު މެންބަރުން ބޮއިކޮޓްކުރިއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭގެ ޖަލްސާާގައި ހަމަނުޖެހުން ހިންގަން ފެށީ ޝިޔާންގެ ނަން ނަޝީދު އިއްވުމުން ވެސް ޖަލްސާ ދޫކުރައްވަން އޭނާ ދެކޮޅު ހެއްދެވުމުންނެވެ. ތަޅުމުން ޝިޔާމް ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ.

ޝިޔާމަށް އަނިޔާވުމުން އޭޑީކޭއިން ފަރުވާ ހޯއްދެވި އެވެ. ޝިޔާމްގެ މައިބަދައަށާއި މޭކަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާތީ ހިނގާބިނގާވެ އުޅެން ދަތި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ އިދިކޮޅުން ވަނީ ފުލުހަށް ރިޕޯޓްކޮށްފަ އެވެ. ފުލުހުން ވަނީ މައްސަލަ ބަލަން ފަށައިފަ އެވެ. އެ ކަމުގައި ބައިވެރިވި އެމްޑީޕީގެ މެންބަރުންނަށާއި ނަޝީދަށް ދައުވާ ކޮށްދޭން އެދި އިދިކޮޅުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. ޕީޖީން އަދި އެ ކަމުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.