ލައިފްސްޓައިލް

ބަނބުކެޔޮ: ދުޅަހެޔޮ ސިއްހަތަކަށް ކޮންމެހެން ބޭނުން

ބަނބުކޭލަކީ ދިވެހިންގެ ކެއުމުގެ ތެރޭގައި ހިމެނޭ ވަރަށް އާންމު އެއްޗެކެވެ. ބަނބުކޭލުގެ ސިއްހީ ފައިދާވެސް އެހާމެ ގިނަ އެވެ. ބަނބުކޭލަކީ ވިޓަމިން ސީގެ އިތުރުން ތައިމިން އަދި ގިނަ އަދަދަކަށް ފައިބާ އެކުލެވޭ އެއްޗެއް ކަމުން ހަށިގަނޑަށް ނުހަނު ފައިދާ ބޮޑެވެ.

މީގެ އިތުރުން ބަނބުކޭލަކީ ކެންސަރު ފަދަ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތައް އެކުލެވޭ އަދި ހަޖަމު ކުރުމުގައި އެހީތެރިވެދޭ ރަނގަޅު ކެއެމެކެވެ. ހަމައެހެންމެ ހަށިގަނޑުގައި އެކުލެވޭ ކަށީގެ ބާރު ގަދަކޮށްދޭ އެއްޗެކެވެ. ހާއްސަކޮށް ހަކުރު ބަލި ހުންނަ މީހުންނަށް ބަނބުކޭލަކީ ރަނގަޅު ކެއެމެކެވެ. ބަނބުކޭލުގައި ހުންނަ ފައިބާގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ކުއްލިއަކަށް މަތިވެގެންނެއް ނުދާނެ އެވެ.

ބަނބުކޭލަކީ ވިޓަމިން އާއި މިނަރަލް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. މީގެތެރޭގައި ވިޓަމިން އީ އާއި ސީ އަދި ވިޓަމިން ކޭގެ އިތުރުން ވިޓަމިން ބީ ކޮމްޕްލެކްސް ހިމެނެ އެވެ.

ބަނބުކޭލުގައި ހިމެނޭ މިނަރަލްގެ ތެރޭގައި ފޮލޭޓް އަދި ޕޮޓޭސިއަމްގެ އިތުރުން ފައިދާހުރި އެތައް މާއްދާތަކެއް ހިމެނެ އެވެ.

ބަނބުކޭލުގައި އެކުލެވޭ ޕޮޓޭސިއަމްގެ ސަބަބުން ހަށިގަނޑުގައި ލޭދައުރުކޮށްދިނުނަށް ފަސޭހަކޮށްދެ އެވެ. އެހެންކަމުން ހިތުގެ ހިނގުމާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދެ އެވެ. ބަނބުކޭލުގައި އެކުލެވޭ ފައިބާގެ ސަބަބުން ކޮލެސްޓްރޯލް މަދުކުރުމަށްވެސް އެހީވެދެ އެވެ. އަދި ބަނބުކޭލުގައި އެކުލެވޭ އޮމެގާ ތިނެއްގެ ސަބަބުން ރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު އިތުރުކޮށްދެ އެވެ.

ބަނބުކޭލުގައި ދަގަނޑުގެ މިންވަރު އެކުލެވޭލެއް ގިނަ އެވެ. އެހެންކަމުން ހަށިގަނޑުގެ މައި އަސްލު ކަމުގައިވާ ސެލްތައް އޭގެ ސަބަބުން ވަރުގަދަކޮށްދެ އެވެ. ހަމައެއާ އެކު ސިކުނޑީގެ ބާރު ރަނގަޅުކޮށްދިނުމުގައި އެހީތެރިވެދެ އެވެ. ބަނބުކޭލަކީ ދަރިމައިވުމަށްވެސް ރަނގަޅު ކެއެމެކެވެ. ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށްވެސް މަގުފަހިކޮށްދެ އެވެ.

ބަނބުކޭލަކީ ހަށިގަނޑުގެ ހަމަށް ވަރަށް ފައިދާ ހުރި ކެއެމެއް ކަމުން ހަންގަނޑުގައި ރޫޖެހުމާއި އިރުގެ އަވިން ލިބޭ ގެއްލުންތަކުން ދުރުކޮށްދެ އެވެ. އަދި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް އެކުލެވޭތީ ދިފާއީ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމުގައި ބަނބުކެޔޮ މުހިއްމު ދައުރެއް އަދާ ކުރެ އެވެ.

އެއްވެސް ބާވަތެއްގެ ކާ އެއްޗަކީ މާގިނައިން ކައިފިނަމަ ސިއްހަތަށް ގެއްލުންވެދާނެ އެއްޗެކެވެ. އެގޮތުން ބަނބުކެޔޮ ވެސް މާގިނައިން ކައިފިނަމަ ވައިގެ އުނދަނގޫ ނުވަތަ ގެސްޓްރިކްގެ މައްސަލަ ދިމާވެދާނެ އެެވެ.

ބަނބުކޭލަކީ ފެނު ކައްކައިގެން ނުވަތަ ތެލުލައިގެން ވެސް މީރު ކާތަކެތި ތައްޔާރު ކުރެވިދާނެ ރަނގަޅު ކާއެއްޗެކެވެ. ހަމައެހެންމެ ދޮން ބަނބުކެޔޮ ފިހެގެންވެސް ދިވެހިން ކައި އުޅެއެވެ. ވަޅޯ މަހު ބަނބުކެޔޮ ރިހަ އަކީ ވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ދިވެހި ކެއުމެކެވެ.