އަހުމަދު ޝިޔާމް

ޝިޔާމުގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނެރެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމުގެ ނަން އިއްވާ މަޖިލީހުގެ ޗެމްބަރުން ނެރުނީ، ނުރުހުންފާޅު ކުރައްވަން ފެއްޓެވުމުންނެވެ.

ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެންބަރުން މަޖިލީހުގެ ޗެމްބަރުގައި ނުރުހުންފާޅު ކުރެއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހަޅުއްވާފައިވާ ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅުވާލުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލާ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމަށްފަހު އިތުރު މެންބަރުންނަށް ފުރުސަތު ދެނީ ދެން އޮންނަ ޖަލްސާގައި ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.

އިބްތިދާއީ ބަހުސްގައި މެންބަރު ސައީދު ވާހަކަ ދެއްކެވުމުން ރައީސް ނަޝީދު ވިދާޅުވީ ގަރާރުގެ ބަހުސަށް އެދިވަޑައިގަންނަވާ މެންބަރުންނަށް ފުރުސަތު ލިބިވަޑައިގަންނަވާނީ ދެން އޮންނަ ޖަލްސާގައި ކަމަށެވެ.

"އަޅުގަނޑު ގަސްތުކުރަނީ ގަރާރުގެ އިބްތިދާއީ ބަހުސް ހުޅުވާލަން ފުރުސަތަށް އެދިވަޑައިގަންނަވާ އިއްޒަތްތެރި މެންބަރުންނަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއެއްގައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބާއްވާ ދުވަހެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ދެ ހަފުތާގެ ޗުއްޓީއަކަށްފަހު އެވެ.