ހަބަރު

ޝިޔާމަށް އަނިޔާވި މައްސަލަ ބަލާ ސަބް ކޮމިޓީ ބަދަލުކޮށްފި

މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ ބަލަން އެކުލާވަލި އިމްތިޔާޒު ކޮމިޓީގެ ސަބް ކޮމިޓީ ބަދަލުކުރަން އިމްތިޔާޒު ކޮމިޓީން މިއަދު ނިންމައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމަށް އަނިޔާވި މައްސަލަ ބަލަން އެކުލަވާލި ސަބް ކޮމިޓީގައި ފުރަތަމަ ތިއްބެވީ ތިން މެންބަރުންނެވެ. އެއީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އާއި، ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އިމްތިޔާޒު ކޮމިޓީގެ މުގައްރިރު ކަމުގައި ވެސް އިންނަވާ ޔާސިރު ވިދާޅުވީ އެ މައްސަލަ ބަލަން އެކުލަވާލި ސަބް ކޮމިޓީގެ ބައްދަލުވުންތަކާއި މަސައްކަތްތަކުގައި މެންބަރު އާދަމް ޝަރީފް ބައިވެރިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން މައްސަލަ ބަލަން ހުރަސްތަކެއް އެޅިފައިވާ ކަމަށް ޔާސިރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ، އޭނާ ބައިވެރިނުވި ނަމަވެސް ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެއީ ވަރަށް ސީރިއަސް މައްސަލައަކަށް ވާތީ ކަމަށެވެ. އަދި އެ މައްސަލަ ބަލަން އޮންނަން ވާނީ ވެސް އެންމެ ތިން މެންބަރުންގެ ކޮމިޓީއެއް ނޫން ކަމަށެވެ.

މީގެ ކުރިން ވެސް އިމްތިޔާޒު ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން އެންމެ ތިން މެންބަރުންގެ ސަބް ކޮމިޓީއެއް ނަގަން ފާސް ކުރަން އުޅުއްވުމުން އޭރު ކޮމިޓީގައި ތިއްބެވި އެހެން ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭރު އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން ބައިވެރިއެއްނުވެ އެވެ.

އެ ސަބް ކޮމިޓީގެ މެންބަރުންގެ އަދަދު ފަސް މެންބަރުންނަށް އިތުރު ކުރަން މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެވެ. އެއީ ކުރިން ތިއްބެވި ތިން މެންބަރުންނާއި މަނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހާރޫނާއި ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނެވެ.

މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި ތާވަލުކޮށްފައި އޮތީ ކައުންސިލް އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރުކުރާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. އެމްޑީޕީގެ މެންބަރުންނާއި ބައެއް އަމިއްލަ މެންބަރުންނާއި ޖޭޕީގެ މެންބަރުންގެ ވޯޓުން އެ އިސްލާހު ފާސްކުރި އެވެ.

އެ ދުވަހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދެވި ވާހަކައަށް ހުރަސް އެޅޭ ގޮތަށް ޝިޔާމް އަޑުގަދަ ކުރެއްވި އެވެ. ޝިޔާމް އަޑުގަދަ ކުރެއްވުން ހުއްޓާނުލުން ނަޝީދު އޭނާގެ ނަން އިއްވި އެވެ. ދެން ތަޅުން ދޫކުރައްވަން ޝިޔާމް ދެކޮޅު ހެއްދެވި އެވެ. އޭގެ ފަހުން ޝިޔާމް ތަޅުމުން ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ވަށާލައި ހިފައިގަނެގެން ގެންގޮހެވެ. އެ ކަމުގެ ތެރޭގައި ޝިޔާމަށް އަނިޔާތަކެއް ވެގެން ފަރުވާ ހޯއްދެވި އެވެ.