ހަބަރު

މަޖިލީހުގައި ބައިވެރިނުވެވުނީތީ ޝިޔާމް މައާފަށް އެދިއްޖެ

މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަން ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަނެވުނީތީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މައާފައަށް އެދިވަޑައިގެންފި އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޝިޔާމަށް އަނިޔާވި ފަހުން، އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުންނަށް ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ބުނެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފަހުން މިއަދުގެ ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައެއް ވެސް ޝިޔާމް ހުށަހެޅުއްވި އެވެ. އެއީ ކުރީ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދީފައިވާ ފަރާތްތަކަށް ހަވާލު ކުރުމުން ލަސްވަމުންދާތީ ހުށަހެޅުއްވި މައްސަލައެކެވެ.

ކުއްލި މައްސަލަ ތަޅުމަށް ހުށަހެޅުއްވުމަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ފުރަތަމަ ވިދާޅުވީ، މިދިޔަ މަސް ދުވަސް ވަން ދެން އޭނާއަށް ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަނެވުނީ އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ޖަލްސާތަކުގައި ލިބުނު އަނިޔާތަކާ ގުޅިގެނެވެ. ޖަލްސާތަކުގައި ބައިވެރިނުވުމުން މައާފަށް އެދިވަޑައިގެންނެވި އެވެ.

"ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ މި ތަނުގައި (މަޖިލީހުގައި) ހިނގާ ދިޔަ ހާދިސާއަކާ ގުޅިގެން އަޅުގަނޑަށް މަޖިލީހަށް ނާދެވެނީ. އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން، މިދިޔަ ފަސް ހަފްތާ ނާދެވުނީތީ ނިހާޔަތަށް މައާފަށް އެދެން. ވަކިން ހާއްސަކޮށް އަޅުގަނޑުގެ ދާއިރާ (ނައިފަރު ދާއިރާ) ގެ ލޮބުވެތި ރައްޔިތުންގެ އަރިހުން،" ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ދަންވަރު ބޭއްވި ޖަލްސާއަކީ ގާނޫނު އަސާސީ އިސްލާހު ކުރަން ބޭއްވި ޖަލްސާއެކެވެ. ޝިޔާމްގެ ނަން ރައީސް ނަޝީދު އިއްވެވި އެވެ. ނަމަވެސް ތަޅުން ދޫކުރައްވަން އޭނާ ދެކޮޅު ހެއްދެވި އެވެ. ދެން ތަޅުމުން ނެރުނީ އެމްޑީޕީ މެންބަރުން އޭނާ ވަށާލައި ހިފައިގަނެގެން ގެންގޮހެވެ.

އެކަމުގެ ތެރެއިން ލިބުނު އަނިޔާއަށް ފަރުވާ ހޯއްދަވަން ޝިޔާމް އޭޑީކޭއަށް ވަޑައިގަތެވެ. އަދި ފުލުހަށް ވަޑައިގެން މައްސަލަ ރިޕޯޓް ކުރި އެވެ. އެކަމުގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ޕީޕީއެމް ހުށަހެޅުމުން މަޖިލީހުގެ ސުލޫކް އަދި އިމްތިޔާޒު ކޮމިޓީން ވެސް ދަނީ ބަލަމުންނެވެ.