ޔުކްރެއިން

ޔޫކްރެއިން އިން އެމެރިކާގެ މިސައިލް ބޭނުންކޮށްގެން ރަޝިޔާއަށް ހަމަލާ ދީފި

އެމެރިކާއިން ޔުކުރެއިން އަށް ފޯރުކޮށްދީފައިވާ ދުރުރާސްތާގެ ބެލަސްޓިކް މިސައިލް ބޭނުންކޮށްގެން ރަޝިޔާއަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

މިއީ ޔޫކްރެއިން އިން ރަޝިއާގެ އެތެރެއަށް ދިން ފުރަތަމަ މިސައިލް ހަމަލާ އެވެ. މީގެ ކުރިން ރަޝިއާގެ ވެރިރަށް މޮސްކޯ އަށާއި އަދި އެނޫންވެސް އެގައުމުގެ ބޮޑެތި ޝަހަރުތަކަށް ޑްރޯން ހަމަލާތަކެއް އެކި ފަހަރު މަތިން ދީފައި ވެއެވެ.

ޔޫކްރެއިން އިން ރަޝިއާއަށް ހަމަލާ ދީފައި މިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް 1,000 ދުވަސް ފުރުމާ ދިމާކޮށެވެ.

މި ހަމަލާތައް އަމާޒު ކޮށްފައިވަނީ ރަޝިއާގެ އަސްކަރީ ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ކަމަށް ޔޫކްރެއިން އިން ބުނެ އެވެ.

އެމެރިކާގައި އުފައްދާ އޭޓީއޭސީއެމްއެސް މިސައިލް ބޭނުންކޮށްގެން ޔުކްރެއިން އިން ރަޝިއާގެ އެތެރެއަށް ހަމަލާދީފައި މިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އެކަމާ ހުއްދަ ދެއްވުމުންނެވެ.

ރަޝިއާއަށް ދިން ހަމަލާއާ ގުޅިގެން އެ ގައުމުން މިހާރު ވަނީ ޔުކްރެއިން އަށް އިންޒާރު ދީފަ އެވެ. ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލެވްރޮފް ވިދާޅުވީ މިއީ ހަނގުރާމަ އިތުރަށް ފުޅާކުރަން ހުޅަނގުން މަސައްކަތް ކުރަމުންދާ ކަމުގެ ހެއްކެއް ކަމުގައެވެ.

ރަޝިއާ އިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޔުކްރެއިން އަށް އަރައިގެންފަހުން އެ ގައުމުގެ ބިމުގެ 18 ޕަސަންޓް ވަނީ ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ރަޝިއާ-ޔުކްރެއިން ހަނގުރާމައިގައި އެމެރިކާއަކީ ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރެވެ. މި ހަނގުރާމަ އަކީ އަމަލީގޮތުން އެމެރިކާއާއި ނޭޓޯއިން ރަޝިއާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ސިފަކުރެ އެވެ.