ދުނިޔެ

މުޅި ރަޝިއާއަށް ހަމަލާދިނުން މަނާކޮށްފައި އޮތް އޮތުން އުވާލަނީ

އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ ކޮންމެ ކޮންމެ ތަނަކަށް ހަމަލާދިނުމަކީ ޔުކްރޭނަށް ހުއްދަ އޮންނަ ކަމެއް ނޫނެވެ. މިއީ ހަގީގަތުގައި ކަން އޮންނަ ގޮތް ކަމަށް ނުވި ނަމަވެސް، ލިޔުންތަކުގައި އޮންނަނީ މި ގޮތަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުޅި ރަޝިއާއަށް ހަމަލާދިނުން މަނާކޮށްފައި އޮތް އޮތުން އުވާލައި އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކޮށްގެން ޔުކްރޭން ބޭނުން ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާއިން ދެނީ އެވެ.

މޮސްކޯއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެނަޓޮލީ އެންޓޮނޯފް ވިދާޅުވި ގޮތުގައި، އެމެރިކާއިން ފޯރުކޮށްދޭ ދުރު ރާސްތާ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ އެތެރޭ އަވަށްތަކަށް ހަމަލާދިނުމުގެ ހުއްދަ މިހާރު ވެސް ޔުކްރޭނަށް އޮވެ އެވެ.

ޔުކްރޭނަށް ހުއްދަ ނޯންނަ ކަމަށް ބުނެ ވޮޝިިންގްޓަނުން ހަދަނީ ދޮގު ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ޔުކްރޭން ސިފައިން މިހާރު ތިބީ ރަޝިއާގެ އިމުގެ ތެރޭގައި -- ކުރުސްކު އަވަށުގަ އެވެ. މިއީ ދިގު ރާސްތާ ހަތިޔާރު ބޭނުންކޮށްގެން -- ރަޝިއާގެ ވެރިރަށް، މޮސްކޯއަށް ހަމަދޭން ރަނުގެ ފުރުސަތެއް ކަމަށް ޔުކްރޭންގެ ރައިސް ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި މޮސްކޯއަށް ހަމަލާނުދެވިގެން އުޅެނީ އެކަމަށް ބޭނުންވާ ހުއްދަ އެމެރިކާޢިން ނުދީގެންނެވެ.

އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަނުން ވެސް ވަނީ މި މޭރުމުން މައުލޫމާތުދީފަ އެވެ. ޕެންޓަގަނުން ބުނި ގޮތުން 300 ކިލޯމީޓަރަށް ދަތުރުކުރާ ވަރުގެ މިސައިލްތައް ބޭނުންކުރުން ޔުކްރޭނަށް މަނާވާނެ އެވެ.

ނަމަވެސް، ރަޝިއާގެ ސަފީރު ވިދާޅުވީ އެއީ އެމެރިކާއިން ހަދާ ދޮގެއް ކަމަށެވެ. ރަޝިއާގެ ކޮންމެ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ހުއްދަ ޔުކްރޭނަށް ނޯންނަ ކަމަށް ބުނެ އޮޅުވާލައި، އެމެރިކާ ބޭނުންވަނީ ކުއްލި ހަމަލާއަކުން ރަޝިއާއަށް އަރައިގަންނަން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

އެއްގަމު މަގުން ރަޝިއާއަށް ހަމަލާދިނުމަށް ފަހު ސިފައިން ރަޝިއާ ތެރެއަށް ފެތުރިގަތުމަކީ އެމެރިކާ ލަފާދޭ ގޮތް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ސަފީރު އަދި ވިދާޅުވީ، ޔުކްރޭނަށް ބަރުހަތިޔާރު ފޯރުނުކޮށްދޭނެ ކަމަށް އެމެރިކާ ކުރިން ބުނި ނަމަވެސް، އެމެރިކާގައި އުފައްދާ ހުރިހާ ބާވަތެއްގެ ހަތިޔާރު ޔުކްރޭނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އޭގެ މިސާލަކީ ހަނގުރާމަތީ ޓޭންކަރުތައް ޔުކްރޭނަށް ނުދޭނެ ކަމަށް ބުނުމަށް ފަހު މިހާރު އެކަން ހުއްދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފައިޓަރު ޖެޓުތައް ފޯރުނުކޮށްދޭނެ ކަމަށް ކުރިން ބުނި ނަމަވެސް، މިހާރު އެއީ ހުއްދަ ކަމެއް ކަމަށެެވެ.