އެމެރިކާއިން ދުރު ރާސްތާ މިސައިލާއި، މިސައިލުން ސަލާމަތްވާނެ އާލާތްތައް ޔުކްރޭނަށް ދިނެއް ކަމަކު، ރަޝިއާގެ ރަށުތެރެއަށް ހަމަލާދޭން ޔުކްރޭންގެ އަސްކަރިއްޔާއަށް އިރުޝާދު ނުދެއްވާ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
ރަޝިއާގެ އަވަށްތަކަށް އަދި އެހެނިހެން އަމާޒުތަކަށް ހަމަލާދިނުމާއި ނުދިނުން އެއީ ޔުކްރޭންގެ އަސްކަރިއްޔާ އިން ކުރާ އިހްތިޔާރެއް ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.
ބްލިންކެން މިހާރު އުޅުއްވަނީ ޔުކްރޭނަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ކީޔެވްގަ އެވެ. އޭނާގެ މި ދަތުރާ ބެހޭ ގޮތުން މީޑިއާގައި ތަފާތު އެތައް ވާހަކައެއް ދަނީ ފެތުރެމުންނެވެ.
މީގެތެރެއިން އެއް ވާހަކަ އަކީ -- ކުރިން އިއުލާން ކުރެއްވުމެއް ނެތި ބްލިންކެން ޔުކްރޭނަށް ވަޑައިގަތީ، ޔުކްރޭންގެ ރައީސް ޒެލެންސްކީގެ ރިޔާސީ ދައުރު ނިމުމަކާ ގާތްވެފައި ވާތީ ކަމަށެވެ.
ޒެލެންސްކީގެ ރިޔާސީ ދައުރު މެއި 20 ގައި ހަމަވާނެ އެވެ. ނަމަވެސް ޔުކްރޭން އޮތީ ރިޔާސީ އިންތިހާބެއް ބޭއްވޭ ހާލަތެއްގައެއް ނޫނެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ޔުކްރޭންގައި އޮތީ މާޝަލް ލޯ ހިންގާފަ އެވެ. މި ހާލަތުގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަކީ ޔުކްރޭންގެ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. މިހެންކަމުން ވެރިކަމުގައި ޒެލެންސްކީއަށް އަދި ހުންނެވިދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއާއި ޒެލެންސްކީއާ ދެމެދު ގުޅުން މިހާރު އެހާ ރަނގަޅެއް ނޫނެވެ.
ޔުކްރޭނަށް ފޮނުވާ ހަތިޔާރުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ފާޅުވެފައި ވުމަކީ ވެސް ޒެލެންސްކީ ސަރުކާރުގެ ވެރިންނާ މެދު އޮތް ނުތަނަވަސް ކަމަކަށް ވަނީ ވެފަ އެވެ.
ޔުކްރޭންގައި މިހާރު ރިޔާސީ އިންތިހާބެއް ބާއްވައިފިނަމަ ރަޝިއާގެ ނުފޫޒު ވަރަށް ބޮޑުވާނެ ކަމަށް އިދިކޮޅުންވެސް ދެކެ އެވެ. އަދި ރަޝިއާއަށް ގާތްކޮށް ހިތާ މީހަކަށް ނޫނީ ރައީސްކަން ނުލިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެވެ އެވެ.
އެމެރިކާ އިން ޔުކްރޭނަށް ފޯރުކޮށްދޭ ހަތިޔާރުން ރަޝިއާ ބަލިކުރުމަށް ޒެލެންސްކީއަށް ޕްރެޝަރު ކުރެއްވުމަކީވެސް އެންޓަނީ ބްލިންކެންގެ އަމާޒެއް ކަމަށް ބުނެވެ އެވެ. ނަމަވެސް އެމެރިކާ ބޭނުންވާ ވަރަށް ހަނގުރާމަކުރާ ސިފައިން ޔުކްރޭންގައި މިހާރު ނެތް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.