ދުނިޔެ

އެމެރިކާ ދެކެނީ ދޫދިނުމަކީ ބަލިވުން ކަމަށް: ސިޔާސީ ތަޖުރިބާކާރުން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ޖޫން 18 ގައި ޗައިނާ އަށް ވަޑައިގަތީ ދެ ގައުމުގެ ގުޅުން އާ ސަފުހާއަކުން ފެއްޓެވުމުގެ އުންމީދުގަ އެވެ. މި ނިޔަތުގައި ބްލިންކެން ޗައިނާ ސަރުކާރުގެ އެންމެ އިސްވެރިންނާ ވެސް ބައްދަލު ކުރެއްވި އެވެ.

އެހެން ނަމަވެސް، ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު ބަދަލުކޮށްގެން ނޫން ގޮތަކަށް ޗައިނާއާ އެކު ދެން ގާތް ގުޅުމެއް އުފެއްދުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެ އެވެ.

ޗައިނާއާ އެކު ގާތް ގުޅުމެއް އޮތުމަކީ ރައްކާތެރި ކަމަކަށް ވާނެ ކަމަށް އެމެރިކާއަށް މި ވިސްނުނީ، ޗައިނާ ރުޅިއަރުވަން އެތައް ކަމެއް -- އިޚުތިޔާރުގައި ނުވަތަ ބޭއިޚުތިޔާރުގައި ކުރެވުނު ފަހުންނެވެ.

ޓައިވާން އަކީ ޗައިނާގެ ވަކިން އޮންނަ އަވަށެއް ކަމަށް ތަރުކާރުކޮށް ޗައިނާ އިން ބުނަމުން އަންނައިރު -- ޗައިނާގެ މި އެދުމާ ދެކޮޅުހަދައި އެމެރިކާ އިން އަންނަނީ ޓައިވާންއާ އެކު އަސްކަރީ ގޮތުން ވަރަށް ގާތް ގުޅުމެއް ދަމަހައްޓަމުންނެވެ.

ޓައިވާނަށް އަސްކަރީ ގޮތުން އެހީތެރިވުމުގައި އެމެރިކާގެ ވިސްނުމަކީ ޗައިނާގެ ބާރުގެ ދަށަށް ޓައިވާން ގޮސްފި ނަމަ، އެ ސަރަހައްދުން އެމެރިކާގެ ބާރުކެނޑިދާނެ ކަމަށެވެ. އެހެން ނަމަވެސް، "ވަންޗައިނާ ޕޮލިސީ" ގަބޫލުކުރާ ކޮންމެ ގައުކަމުން -- ޗައިނާ އިން ޓައިވާންއާ މެދު ދެކޭ ގޮތް ގަބޫލުކުރަން ޖެހެ އެވެ.

އެމެރިކާ އަކީ ވެސް ވަން ޗައިނާ ޕޮލިސީ ގަބޫލުކުރާ ގައުމެއް ކަމަށް އެ މީހުން ބުނެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ޗައިނާ އޮތީ އަވަަހަށް ސުލްހަ ގާއިމުކުރަން ބާރުއަޅާ ފަޅީގަ އެވެ. އެމެރިކާ އޮތީ ޔުކްރޭނަށް ހަތިޔާރު ފޮނުވައިގެން ހަނގުރާމަ ދިގުދެންމުމުގެ ވިސްނުމުގަ އެވެ.

ރަޝިއާގެ މައްޗަށް ޔުކްރޭން ގަދަވެގަނެ ދުނިޔޭގެ ގަދަބާރުގެ ލިސްޓުން ރަޝިއާ އުނިކުރުމަކީ އެމެރިކާގެ ދަހިވެތިކަމުގެ ސިފަ އެކެވެ. މި ކަމަކާ ހެދި އެމެރިކާ އަށް ވަނީ އެހެން އެއްވެސް ބަޔަކު -- ރަޝިއާ، ޔުކްރޭން މައްސަލަ އަށް ހުށަހަޅާ ސުލްހައެއް ބަލައިގަތުން ދަތިކަމަކަށް ވެފަ އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވަން ޗައިނާ ހުށަހެޅި ކަރުދާހުގައި ރަނގަޅު ނުކުތާތަކެއް ހުރި ނަމަވެސް އެ ހުށަހެޅުން ގަބޫލުނުކުރާނެ ކަމަށް އެމެރިކާ އޮތީ ބުނެފަ އެވެ. އެމެރިކާ ދެކޭ ގޮތުގައި ރަނގަޅު ހުރިހާ ކަމެއް ފެށެން ޖެހެނީ އެމެރިކާ އިންނެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި އެންތަނީ ބްލިންކެން ޗައިނާއަށް ވަޑައިގަތުމުން އެ ގައުމުގެ ރައީސް، ޝީ ޖިންޕިން ބްލިންކެންއާ ބައްދަލު ކުރެއްވުމަކީ ޗައިނާ އިން ދެއްކި ރީތި ސިފައެކެވެ.

ޗައިނާ ދެކޭ ގޮތުގައި އެމެެރިކާއާ ހަނގުރާމަ ކުރުމަކީ ބޭކާރު ކަމެކެވެ. އެމެރިކާ ވެސް ދެކެނީ ހަމަ މިފަދައިން ނެވެ.

ޝީ ޖިންޕިން އަބަދުވެސް ވިދާޅުވަނީ ކިބުރުވެރިކަން ދޫކޮށްލާފައި ދުނިޔެ ތަރައްގީކުރަން ދަމާބަހީ އެވެ. ހަނގުމާ އަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން ކަމަށާއި ހަނގުރާމައިގެ ސަބަބުން ތަރައްގިގެ މަރުހަލާތައް ޒަމާން ފެށުނު ހިސާބަށް ސޮހިގެން ދާނެ ކަމަށްވެސް ޝީ ޖިންޕިން ވިދާޅުވި އެވެ.

މިހެން ކަން އޮތުމުން ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ސުލްހައަށް އޮތް އެންމެ ފުރަތަމަ ފިޔަވަޅަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތު މުރާޖާކުރުމެވެ. އަދި ގޮތް ދޫކުރުމާ އެކު އިހުތިރާމްކުރަން ދަސްކުރުމަކީ ވެސް އެެމެރިކާ އަށަގެންނުވަން ޖެހޭ ސިފައެއް ކަމަށްވެސް ތަޖުރިބާކާރުން ދެކެ އެވެ.