ދުނިޔެ

ވަން ޗައިނާ ސިޔާސަތަށް ހިފެހެއްޓުމެއް ނެތި ތާއީދުކުރަން: ޕޫޓިން

އުޒްބެކިސްތާންގެ ސަމަރުގަންދުގައި މިހާރު ކުރިއަށްދާ "ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓް"ގެ 22 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން، ސަމިޓްގެ ހަވާސާގައި ވަނީ ބައްދަލުކުރައްވާފަ އެވެ.

ދުނިޔޭގައި ވަރުގަދަ ދެބާރު -- ރަޝިއާ އާއި ޗައިނާގެ ލީޑަރުން އެއްތަންވެ ވަޑައިގެން އެމެރިކާގެ ފުށުން އެ ދެ ގައުމަށް މެދުވެރިވެފައި އޮތް ނުތަނަވަސްކަމާ ބެހޭ ގޮތުން ވެސް ވަނީ ޚިޔާލު ބަދަލުކުރައްވައި ލަފާހޯއްދަފާފަ އެވެ.

ދެ ލީޑަރުން އެއްމޭޒު ދޮށުގައި މަޝްވަރާ ކުރައްވަމުން ޕޫޓިން ވިދާޅުވީ ވަން ޗައިނާ ސިޔާސަތުގައި އަމަލީ ގޮތުން -- ބަހާއި އަމަލުން ބައިވެރިވެ ވަޑައިގެން އެއްބާރުން ޗައިނާއަށް ދެއްވާނެ ކަމަށެވެ.

ޓައިވާން އަށް ހަތިޔާރު ވިއްކުމާއި އެމެރިކާ ސަރުކާރުގެ އޮފިޝަލުން އެ ގައުމަށް ފޮނުވުމަކީ ޗައިނާ ރުޅިއަރުވައި ގޯސް ހެއްދުމުގެ ނިޔަތުގައި އެމެރިކާ ކުރާ ކަމެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ދުނިޔޭގައި ސުލްހައަށް ނޭދޭ ގައިގަނޑަކަށް އޮތީ ހަމައެކަނި ހުޅަނގަށް ބޯލަނބާފައި އޮތް ބައިގަނޑު ކަމަށެވެ.

ޝީ ޖިންޕިން ވިދާޅުވި ގޮތުގައި ދުނިޔޭގައި މިފަހުން ފެތުރިގަތް ކޮވިޑްގެ ހާލަތުގައި ޗައިނާ އާއި ރަޝިއާ އޮތީ އަތާއި އަތް ގުޅާލައިގެންނެވެ. ދުނިޔެއަށް ދިވާމާ މިފަދަ ދަތި އުނދަގޫ ދުވަސްވަރުގައި ރަޝިއާ އާއި ޗައިނާގެ ކިބައިން ދުނިޔެ ދެކޭނީ އެކުވެރިން ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާ އާއި ރަޝިއާ އެކުގައި މަސައްކަތް ކުރަނީ ވަކި ބައެއްގެ ލާބައަށް ނޫން ކަަށް ވެސް ޝީ ވިދާޅުވި އެވެ. އުންމީދަކީ ދެ ގައުމު އެކުގއި ދުނިޔެ ސަލާމަތުގެ އައްސޭރިއަށް ގެންދެވުން ކަމަށް ވެސް ޝީ ވިދާޅުވި އެވެ.

ތަރައްގީގެ ގޮތުން ދުނިޔެ ހެޔޮ ދުވަސްތަކެއް ދެކޭނެ ކަމަށް ޝީ ވިދާޅުވި އެވެ. ޗައިނާ އާއި ރަޝިއާ އެކުގައި ކުރާ މަސައްކަތްތަކުން ދުނިޔެ އެފަދަ ހާލަތަކަށް ބަދަލު ކުރެވޭނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.

ޗައިނާ އާއި ރަޝިއާ އަކީ ދުނިޔެއަށް މިސާލެއް ގޮތުގައި ވާނެ ކަމަށް ޝީ ވިދާޅުވި އެވެ. ޝީ އަދި ވިދާޅުވި އެކުވެރިކަމުގައި ގައުމުތަކުން ދުނިޔެ ތަރައްގީ ކުރުމުގައި މަސްއޫލުވާންވީ ކަމަށެވެ.