ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބުރާސްފަތި ދުވަހު ޗައިނާއަށް ވަޑައިގަންނަވަނީ އެވެ.
މިއީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވަރަށް ހާއްސަ ދައުވަތަކަށް ޕޫޓިން ކުރައްވާ ދެ ދުވަހުގެ ދަތުރެކެވެ.
މިއީ ޕޫޓިން ރަޝިއާގެ ރައީސްކަމުގެ ފަސްވަނަ ދައުރަކަށް ހުވައިކުރެއްވުމަށް ފަހު ގައުމުން ބޭރަށް ކުަރައްވާ ފުރަތަމަ ދަތުރެވެ.
ދުނިޔޭގެ ބާރުތައް ފުރޮޅިގެންދާ ދުވަސްވަރެއްގައި، ދުނިޔޭގެ ވަރުގަދަ ދެ ނިއުކްލިއާ ބާރުގެ ވެރިން ބައްދަލުކުރައްވައި ކުރައްވާ މަޝްވަރާތަކުގައި ބަރުދަނެއް ހުންނާނެ އެވެ.
ޗައިނާ އިގުތިިސާދީ ގޮތުން އެމެރިކާއާ ފައިހަމަކޮށްފާނެ ކަމަށް ބިރުން އެމެރިކާއިން ވަނީ ޗައިނާގެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އަދި ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމުގެ ކުށުގައި ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ބޭރުކޮށް އިގުތިސާދީ ހަރުކަށި ފިޔަވަޅުތަކެއް ރަޝިއާއާ ދެކޮޅަށްވެސް ވަނީ އަޅާފަ އެވެ.
އެމެރިކާގެ ބިރުދެއްކުމާއި ފިއްތުންތަކުގައި އޮތް ދެ ގައުމެއްގެ ވެރިން މިފަދަ ޝަރަފުވެރި ގޮތަކަށް މަޝްވަރާއަށް ބައްދަލުކުރުމަކީ އެމެރިކާއަށް ވަރަށް ބޮޑު ކަމަކަށް ވާނެ އެވެ. އަދި މި ދެ ގައުމު މަޝްވަރާކޮށްފާނެ ކޮންމެ ކަމަކާ ބެހޭ ގޮތުން އެމެރިކާ ވިސްނައި މައުލޫމާތު ހޯދާނެ އެވެ.
ޕޫޓިންގެ މި ދަތުރުގައި ޗައިނާއާ އެކު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ އެވެ. އެއްބަސްވުންތަކުގެ ތަފްސީލު މީޑިއާއަށް ފޭދިފައި ނެތް ނަމަވެސް އެއްބަސްވުންތަކުގެ މިސްރާބު އިގުތިސާދު އަދި ސަލާމަތާއި ރައްކާތެރިކަމުން ބޭރެއް ނުވާނެ އެވެ.
ރަޝިއާ އާއެކު އެއްވެސް ރޮނގަކުން ދެމެހެއްޓެނިވި އެއްބަސްވުންތަކެއް ހެދުމަކީ އެމެރިކާއަށް ގަބޫލުކުރެވޭ ކަމަކަށް ނުވާނެ އެވެ. ނަމަވެސް އެމެރިކާގެ ވިސްނުން ހުރި ގޮތެއް އަދި އެދޭ ގޮތެއް ޗައިނާއަށް މުހިއްމެއް ނުވާނެ އެވެ.
ޔުކްރޭން ހަނގުރާމައިގައި ޗައިނާއިން ރަޝިއާ ކޮޅަށް އޮތުމަކީ ވެސް އެމެރިކާ ވަރަށް ކަންބޮޑުވާ ކަމެކެވެ. މިހެން ކަން އޮއްވައި ޕޫޓިންގެ މި ދަތުރުގައި ޗައިނާއިން ހަތިޔާރާއި އަސްކަރީ ޑްރޯން ގަތުން ފަދަ މަޝްވަރާތަކުގައި ރަޝިއާ މަސްއޫލްވާނެ އެވެ.