ދުނިޔެ

ޗައިނާއިން މާއްދީ ގޮތުން ރަޝިއާއަށް އެހީވެގެން ނުވާނެ: ބައިޑަން

ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ޗައިނާއިން ވަކިކޮޅެއް ނަގައި ރަޝިއާއަށް އެހީތެރިވެ ދީގެން ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޯނުން ގުޅުއްވައި ދެ ގަޑިއެއްހާއިރު ވަންދެން ބައިޑަން ވާހަކަ ދެއްކެވި އެވެ. ބައިޑަން ވިދާޅުވީ ރަޝިއާއަށް ހިތްވަރު ދިނުމަށް ޗައިނާއިން މާއްދީ ގޮތުން އެހީތެރިވެއްޖެ ނަމަ ރަޝިއާ ކޮޅަށް ޖެހެވުނީ ކަމަށެވެ.

ބައިޑަން ދެއްކެވި ވާހަކަތަކުގެ މައިގަޑު އަމާޒު ކުރެއްވީ ޔުކްރޭނަށެވެ. އެމެރިކާ އާއި ބައިވެރިން ރަޝިއާ ބަލިިކުރަން ކުރަމުން ގެންދާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނެރުމަށްޓަކައި ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވި ގޮތުން ޗައިނާއިން މި ދަނޑިވަޅުގައި ރަޝިއާއަށް އެހީތެރިވެއްޖެ ނަމަ އެމެރިކާއިން ޗައިނާއަށް އަދިވެސް ދަތި ކުރާނެ އެވެ. އަދި އެމެރިކާއާ ގުޅުމެއް އޮތް ގައުމަކަށް ޗައިނާ ނުވާނެ އެވެ.

ރަޝިއާގެ ހަމަލާތަކުން ޔުކްރޭންގެ އުމްރާނީ ތަރައްގީ ފުނޑިއްޖެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

ޗައިނާގެ އެހީތެރި ކަމަށް ރަޝިއާ އެދިފައި އޮތް މި ދަނޑިވަޅުގައި ޗައިނާގެ އެހީތެރިކަން ރަޝިއާއަށް ވަރަށް ބޮޑު އުންމީދަކަށް ވާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

ދެ ލީޑަރުންގެ ފޯނުކޯލާ ބެހޭ ގޮތުން ވައިޓް ހައުސްގެ އޮފިޝަލަކު ނޫސްވެރިންނަށް ވެސް މައުލޫމާތު ދެއްވި އެވެ. ރަޝިއާއަށް އެހީވެއްޖެ ނަމަ ޗައިނާއަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބައިޑަން މަޝްވަރާ ކުރެއްވި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެެހެން ނަމަވެސް، ޗައިނާއަށް ދަތިކުރަން އަޅަން ނިންމި ފިޔަވަޅުތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ވައިޓް ހައުސްގެ އޮފިޝަލް ޖަވާބެއް ނުދެއްވި އެވެ.

ރަޝިއާގެ އަސްކަރީ ހަމަލާތަކުން ސަލާމަތްވާން ޔުކްރޭން ދޫކޮށް 3.27 މިލިއަން މީހުން އަވައްޓެރި ގައުމުތަކަށް މިހާރު ވަނީ އަރާފަ އެވެ. ހަމަލާތަކުގެ ސަބަބުން މަރުވި މީހުންނާއި އަނިޔާވި މީހުންގެ ފުރިހަމަ އަދަދު އެއްވެސް ބަޔަކަށް އަދި ކަށަވަރު ނުކުރެވެ އެވެ.