ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ރަސް މީ ދަތުރު ނިމުމަކަށް އަތުވެއްޖެ އެވެ. ދަތުރު ހެދުން ތުރުކުރައްވައި އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން އާދަކާދައާ އެއްގޮތަށް ގުޅިފައި އޮތް ބަޔާނެއްގައި ސޮއިކުރެއްވުން ފިޔަވައި ދަތުރާއިގެން ވަޑައިގެންނެވިއިރު ވިސްނުމުގައި އޮތް އެއްވެސް ކަމެއް ހެޔޮފާލަކަށް ނޭޅުނެވެ.
މެކްރޮން ޗައިނާއަށް ވަޑައިގަތީ ރޭވުމެއްގެ ތެރެއިންނެވެ. އެކަމަކު އޭގެ ކުރިން ލަފާދާރެއްގެ ވިސްނުން އޮތް ގޮތް ބެއްލެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރެއްވި އެވެ. އެއީ ޗައިނާއަށް ވަޑައިގެން އެ ގައުމުގެ ވެރިންނަށް ބުއްދިލައިދެއްވާނެ ގޮތެއް ހޯއްދެވުމަށެވެ.
ފަރަންސޭސި ރައީސްގެ ވިސްނުމުގައި އޮތީ ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ޗައިނާ މެދުވެރިކޮށް ރަޝިއާއަށް ޕްރެޝަރުކުރުމެވެ. އެކަމަކު ދަތުރު ނިންމާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން ނެރުއްވި ބަޔާނުގައި އޮތީ މި ވަގުތު ދުނިޔެއަށް އޮތް އެންމެ މުހިންމު ކަމަކީ ޔުކްރޭނަށް ސުލްހަ ގެނައުން ކަމަށެވެ.
ޗައިނާ އާއި ފްރާންސް ގުޅިގެން ޔުކްރޭނަށް ސުލަހަ ގެނައުމާއި، ޗައިނާ އާއި ފްރާންސްއާ ދެމެދު މަޝްވަރާތައް އިތުރުކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމުގައި އަމިއްލަ ގައުމަށް އެންމެ މުހިންމު ކަންކަމަށް އިސްކަން ދިނުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ އެއްވެސް ކަމެއް އދ. ގެ ޗާޓަރުން ބޭރުވެގެން ނުވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި މަޝްވަރާގެ އުސޫލުތައް ކުރިއަށް ނެރެ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައި ހުރި ގަވާއިދުތަކަށް އިހުތިރާމްކުރުމަށް ވެސް ބަޔާނުގައި ހަނދާކޮށްދީފައިވެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައި މެކްރޮން ވިދާޅުވީ ރަޝިއާއަށް ހެޔޮ ވިސްނައިދިނުމަށް އެންމެ އެކަށީގެން ވަނީ ޗައިނާ ކަމަށެވެ. އެހެންވެ އެކަން އެ ގޮތަށް ކޮށްދެއްވުމަށް އެދި ވަޑައިގެންނެވި އެވެ.
ޝީ ޖިިންޕިން ޖަވާބު ދެއްވަމުން ވިދާޅުވީ ޔުކްރޭނަށް ސުލްހަ ގެނައުމަށް ފްރާންސަށް ފެންނަ ގޮތް ކަރުދާހަށް ތިލަކުރުމަށެވެ. އޭރުން ޗައިނާއަށް ގޮތެއް އަދި ފްރާންސަށް ވެސް ގޮތެއް -- ޕްރޮޕޯސަލެެއް ގޮތުގައި އޮންނާނީ ހުށަހެޅިފައި ކަމަށް ޝީ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދިއުމަކީ އެއްވެސް ބަޔަކަށް އޮތް ފައިދާއެއް ނޫން ކަމަށް ޝީ ވިދާޅުވި އެވެ. އެހެންކަމުން، ފްރާންސަށް ވެސް އޮތް ގޮތަކީ ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ގޮތްތަކެއް ރޭވުން ކަމަށް ޝީ ވިދާޅުވި އެވެ.