ދުނިޔެ

އިމަނުއެލް މެކްރޮން ތިން ދުވަހަށް ޗައިނާއަށް، އިންޒާރެއް އޮތް ކަމަށް ވިދާޅުވި

ރަޝިއާއިން ޔުކްރޭންގައި ހިންގާ ޖަރީމާތަކަށް ތާއީދުކޮށް ނުވަތަ ރަޝިއާ ކޮޅަށް އަރައި ތިބި ކޮންމެ ބަޔަކަށް ވެސް މެސެޖެއް އޮތް ކަމަށް ވިދާޅުވެ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ޗައިނާއަށް އިންޒާރު ދެއްވައިފި އެވެ.

ޗައިނާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި ވެރިރަށް ބެއިޖިންގައި ނޫސްވެރިނާ ވާހަކަދައްކަވަމުން މެކްރޮން ވިދާޅުވި ގޮތުގައި ރަޝިއާއަށް އަމަލާއި ބަހުން ތާއީދުކުރުމަކީ ހަނގުރާމާގައި ބައިވެރިވުން ކަމަށެވެ.

މެކްރޮން ވިދާޅުވީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް ހުޅަނގުން ދެކޭނީ ހަމައެކަނި ކަނޑިއާއި ބަޑި ހިފައިގެން ހަނގުރާމައިގެ މައިދާނަށް ނުކުތުން ނޫން ކަމަށެވެ. ރަޝިއާއަށް ހިތްވަރު ދިނުމާއި އަދި ރަޝިއާއާ އެކު އޮތްކަން ދޭހަކޮށްދޭ މެސެޖްތަކަކީ ވެސް ހަނގުރާމާގައި ބައިވެރިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގައި ދިރިއުޅޭ ފްރާސްގެ ރައްޔިތުންނާ މުހާތަބު ކުރައްވައި މެކްރޮން ވިދާޅުވީ -- ރަޝިއާ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަށް ބަލާއިރު -- ޔުކްރޭން ހަނގުރާމަ ހުއްޓުވުމުގައި ޗައިނާއަށް ވަރަށް ބޮޑު ރޯލެއް އޮތް ކަމަށެވެ.

ޔުކްރޭން ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަކީ ޗައިނާ ދެކޮޅު ހަދާ ކަމެއް ކަމަށް މެކްރޮން ވިދާޅުވި އެވެ. އަދި ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ހުޅަހަޅާފައި އޮތް ކަރުދާހުގައި ބަރުދަނެއް ހުރި ކަމަށްވެސް ވިދާޅުވި އެެވެ.

މެކްރޮން ވިދާޅުވީ މި ހުރިހައި ކަމެއް ޗައިނާއިން ފަށައިގަނެގެން އުޅޭއިރު، ރަޝިއާ އާއި ޔުކްރޭން ސުލްހަކުރަން ޗައިނާއަށް ވުރެ ވަކިން ފަސޭހަވާނެ ގައުމެއް ނެތް ކަމަށެވެ.

ޔޫރަޕުން އިގްތިސާދީ ގޮތުން ޗައިނާއާ ވަކިވެގަތުމަކީ ޔޫރަޕިއަން ޔޫނިއަނަށް ލިބޭނެ ދެރައެއް ކަމަށްވެސް މެކްރޮން ވިދާޅުވި އެެވެ.

މެކްރޮން ޗައިނާއަށް ވަޑައިގަތުމުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރެއްވި އެވެ. އެއީ ބެލެވޭ ގޮތުގައި ހުޅަނގުން ޗައިނާއަށް ދޭން އޮތް މެސެޖުން ކުށްފިއްލުވުމަށެވެ. އަދި ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ޗައިނާ މެދުވެރިކޮށް ރަޝިއާއަށް ޕްރެޝަރު ކުރުމަށެވެ.

މެކްރޮންގެ މި ދަތުރުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވާނެ އެވެ. އަދި ޗައިނާގެ ބޮޑުވަޒީރު ލީ ޗިއަންގްއާ ބައްދަލުކުރައްވާނެ އެވެ.