ދުނިޔެ

ރަޝިއާއާ ދެކޮޅު ހަނގުރާމައަކަށް ތާއީދެއް ނުކުރަން: މެކްރޮން

ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮންއާ މެދު ސިޔާސީ ތަޖުރިބާކާރުން ބުނަނީ މެކްރޮންގެ ބޭނުމަކީ -- ސިޔާސީ ހަޔާތް ދޫކޮށްލައްވަން ޖެހިވަޑައިގަތުމުގެ ކުރިން -- އޭނާގެ ނަން ތަރީޚުގައި ލިޔުއްވުމެވެ.

ފަރަންސޭސިވިލާތަށް ވަރަށް މުހިއްމު ހިދުމަތެއް ކުރެއްވި ބަތަލެއްގެ ދަރަޖައަށް މެކްރޮން ދަހިވެތިވެ ވަޑައިގަންނަވާ ކަމަށް އޭނާގެ ވާދަވެރިން ތުހުމަތުކުރެ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން އެމެރިކާ އިސްވެ ރަޝިއާއަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އެއަށް ވުރެ ވަރުގަދަކުރަން ފެނިވަޑައިގަންނަވާ ކަމަށް މެކްރޮން ކިތަންމެ ފަހަރަކު ވިދާޅުވި އެވެ.

ޔުކްރޭނަށް ނަސްރު ލިބެން އޮތީ ނޭޓޯ ސިފައިން އެއްގަމު މަގުން އެ ގައުމަށް ފޮނުވައިގެން ކަމަށާއި ފަރަންސޭސި ސިފައިން ޔުކްރޭނަށް ފޮނުވުމަކީ ވިސްނުންފުޅެއް ކަމަށްވެސް މެކްރޮން އެތައް ފަހަރަކު ވިދާޅުވި އެވެ.

އެހެން އެއްވެސް ގައުމަކުން ސިފައިން ޔުކްރޭނަށް ނުފޮނުވި ނަމަވެސް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ސިފައިން ފޮނުވަން ތައްޔާރު ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ.

މިފަދަ ކިތަންމެ އިންޒާރަކުން ރަޝިއާއަށް ހަމަލާދެއްވުމުގައި ހުންނެވި މެކްރޮން މިހާރު ވިދާޅުވަނީ އޭނާ އަކީ ރަޝިއާއާ ދެކޮޅު ބޭފުޅެއް ނޫން ކަމަށެވެ. އަދި ރަޝިއާ މީހުންނަކީ ފަރަންސޭސިންގެ އަދުއްވުން ނޫން ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިހާރު އުޅުއްވަނީ ޔޫރަޕަށް ކުރައްވާ ދަތުރުފުޅެއްގައި ފަރަންސޭސިވިލާތުގަ އެވެ.

ޝީ ޖިންޕިންގެ އަރިހުގައި ވާހަކަދައްކަވަމުން މެކްރޮން ވަނީ ރަޝިއާއާ ދެކޮޅު ހަނގުރާމައަކަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މެކްރޮންގެ ބަސްމަގަށް ކުއްލިއަކަށް އައި ބަދަލަކީ ޝީ ޖިންޕިންގް ދެއްކެވި ވާހަކަތަކާ ގުޅިގެން އައި ބަދަލުތަކެކެވެ.

ޝީ ޖިންޕިންގެ އެދިވަޑައިގަތުމަކީ ފިނި ހަނގުރާމައެއް ހޫނުގަދަވެ ސީދާ ކުރިމަތިލުކަމަށް ނުދާނެ ގޮތަކަށް މެކްރޮންގެ ބަސްމަގު ސީދާކުރެއްވުމެވެ. މަސްރަހު ހޫނުކުރުމަށް ވުރެ ފިނިކުރަން މަސައްކަތްކުރުމާއި ސުލްހައަށްޓަކައި ކުރިމަތިލުންތައް ސީދާކުރުމަށްވެސް ޝީ އެދިވަޑައިގެންނެވި އެވެ.

ޝީ ޖިންޕިންގެ އަރިހުގައި މެކްރޮން ވިދާޅުވީ ރަޝިއާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމެއް ނެތް ކަމަށެވެ. އަދި މޮސްކޯގައި އޮތް ވެރިކަން ބަދަލުކުރުމަކީވެސް ފަރަންސޭސިވިލާތުން ހިތްވަރުދެއްވާ ކަމެއް ނޫން ކަމަށެވެ.