ދުނިޔެ

ޔޫކްރޭން މަޝްވަރާތަކުގައި ރަޝިއާ ހިމަނަން ޖެހޭ: ޗައިނާ

ރަޝިއާ، ޔުކްރޭން ސުލްހަކުރުމަށް ކުރެވޭ ކޮންމެ މަޝްވަރާއެއްގައި ރަޝިއާގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށް ރަޝިއާގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ހަންހުއީ ވިދާޅުވެއްޖެ އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާ ސަމިޓަކަށް ގޮވާލައްވާ ކަމަށްވެސް ޗައިނާގެ ސަފީރު ވިދާޅުވި އެވެ.

ސުލްހައިގެ ސަމިޓާ މެދު ޗައިނާ އެދޭ ގޮތަކީ ސަފީރު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ބައިވެރިވުން ހަމަހަމަ ސަމިޓަކަށް ވުން ކަމަށެވެ.

ސަފީރު ވިދާޅުވީ ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް ކުރާ ކަމަށެވެ. މިހެންކަމުން އެންމެ އެދެވޭ ގޮތަކީ ސުލްހައިގެ މަޝްވަރާތަކުގައި މުޅި ދުނިޔެ ބައިވެރިވުން ކަމަށެވެ.

އެކަމަކުވެސް މަޝްވަރާތަކުގައި ބައިވެރިވެވޭނީ ރަޝިއާ އާއި ޔުކްރޭން ގަބޫލުވާ މަންދޫބުންނަށް ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ ބުނުން މި ގޮތުގައި އޮތް ނަމަވެސް ޔުކްރޭން ސުލްހައިގެ ސަމިޓެއްގައި ރަޝިއާ ބައިވެެރިކުރުމަކީ ޔުކްރޭން އެދޭ ގޮތެއް ނޫނެވެ.

މި އަހަރުގެ ޖޫން 15-16 އަށް ސްވިޒަލޭންޑްގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް ޔުކްރޭން ސުލްހައިގެ ސަމިޓުން ރަޝިއާއަށް ޖާގަ ދީގެން ނުވާނެ ކަމަށްވެސް ޔުކްރޭނުން އޮތީ ބުނެފަ އެވެ. ނަމަވެސް މިހާރު ޔޫރަޕަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގް މި މައުލޫއަށް ބައްލަވާލައްވާނެ ކަމަށް ބެލެވެ އެވެ.

ޔުކްރޭން ސުލްހައިގެ ސަމިޓާކާ ބެހޭ ގޮތުން ޝީ ޖީންޕިންގް ފާޅުކަން ބޮޑު ގޮތެއްގައި މަޝްވަރާ ނުކުރެއްވި ނަމަވެސް މީގެ ދޮޅު އަހަރު ކުރިން ޗައިނާއިން ވަނީ ޔުކްރޭން ސުލްހަކުރުމަށް ކަރުދާހެއް -- 12 ނުކުތާއެއް ހިމެނޭ ގޮތުން ހުށަހަޅުއްވާފަ އެވެ.

މި ކަރުދާހުގައި ރަނގަޅު ނުކުތާތަކެއް ހުރި ނަމަވެސް ޔުކްރޭން އޮތީ މުޅި ކަރުދާހަށް ރުހޭ ގޮތަކަށް ނޫނެވެ.

ޔުކްރޭނަށް މިކަމުގައި އޮތް ދަތި ކަމަކީ އެމެރިކާ އާއި ޔޫރަޕްގެ ބައިވެރިންގެ ފަރާތުން ކުރިމަތިވާ ޕްރެޝަރެވެ.

ރަޝިއާ އާއެކު ސުލްހަ ގާއިމުކުރުމަކީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވެސް އެދޭ ގޮތެއް ނޫނެވެ. ރަޝިއާއާ ސުލްހަ ނުވުމަށް މި ދެ ގައުމުން ވަނީ ޔުކްރޭނަށް ޕްރެޝަރުކޮށްފަ އެވެ.