ދުނިޔެ

ޝީއަށް ބުއްދިލައިދެއްވާނެ ގޮތެއް މެކްރޮންއަށް އެނގިވަޑައި ނުގަތް

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މިހާރު އުޅުއްވަނީ ޗައިނާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ވެރިރަށް ބެއިޖިންގަ އެވެ.

ދަތުރުފުޅުގެ ވަކި ބޭނުމެއް ފުރާވަޑައިގަތުމުގެ ކުރިން މެކްރޮން ވިދާޅެއް ނުވެ އެވެ. އެހެންނަމަވެސް، މެކްރޮންގެ އެޖެންޑާގައި ހުރި ހުރިހާ ކަމެއް ނޫސްތަކުގެ ސުރުޚީއަށް އަރައި ކުރިއާލައި އޮތީ އެނގި ބާވެފަ އެވެ.

ދެ ގައުމެއްގެ ރައީސުންގެ ބައްދަލުވުންތައް އާންމު ގޮތެއްގައި ފެށެނީ އެ ދެ ގައުމެއްގެ ހާލަތުންނެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ކުރެވޭ މުއާމަލާތްތައް އަދި ކުރިއަށް ހުރި އިންވެސްޓްމަންޓްތަކުގެ ވާހަކައިންނެވެ. އެހެން ނަމަވެސް، މެކްރޮން ޗައިނާއަށް ވަޑައިގެން ބެއިޖިންގައި ފައިޖެހުމާ އެކު ޗައިނާގެ ވެރިންނަށް ދެއްވީ އިންޒާރެވެ.

ރަޝިއާ-ޔުކްރޭން ހަނގުރާމާގައި، ރަޝިއާއަށް ކޮންމެ ބަޔަކު ވާގިވެރިވި ނަމަވެސް އެއީ ހަނގުރާމައިގެ ބައިވެރިންގެ ގޮތުގައި ހުޅަނގުން ދެކޭނެ ކަމަށް މެކްރޮން ވިދާޅުވި އެވެ. އަދި މިކަމުން ޗައިނާވެސް އިސްތިސްނާ ނުވާނެ ކަމަށް ވިދާޅުވި އެވެ.

މެކްރޮންގެ ވާހަކަތައް މިފަދައިން ނޫސްތަކުން ރިިޕޯޓްކޮށްފައި ވަނިކޮށް، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މެކްރޮން ބައްދަލުކުރެއްވި އެވެ. އަދި ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއަށް ޕްރެޝަރުކުރުމަށް ޝީއަށް ދެންނެވި އެވެ.

ޝީ ޖިންޕިންއަށް ތައުރީފް ކުރައްވައި މެކްރޮން ވިދާޅުވީ، ޔުކްރޭން ހަނގުރާމަ ހުއްޓުވުމުގައި ޗައިނާއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ފްރާންސުން ގަބޫލުކުރާ ކަމަށެވެ. އަދި ރަޝިއާ ހޭޖައްސައި ބޯހަރުހާ ބަޔަކު މަޝްވަރާ މޭޒުދޮށަށް ގެނައުމުގައި ޗައިނާއަށް ވުރެ ގާބިލު އެހެން ބަޔަކު މި ވަގުތު ނެތް ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ.

މެކްރޮންއަށް ޖަވާބު ދެއްވަމުން ޝީ ވިދާޅުވީ ޗައިނާގެ ސިޔާސަތު އެއްވެސް އިރެއްގައި ބަދަލުނުވާ ކަމަށެވެ. ޗައިނާ މިހާރުވެސް އޮތީ ޔުކްރޭން ހަނގުރާމަ ފެށުނުއިރު ބުނި ބަހުގައި ކަމަށް ޝީ ވިދާޅުވި އެވެ.

ޝީ އަދި ވިދާޅުވީ ބުއްދިވެރިކަމާއި ހިކުމަތްތެރިކަން އަދި ހަމަހިމޭންކަން އިޚުތިޔާރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލުމުގައި ނުގުނޑާ ވަރުގެ އަޒުމަކާ އެކު ފްރާންސާ އެކު ޗައިނާ އޮތް ކަމަށެވެ.

މިއީ ފްރާންސްއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ނޫންތޯ ޝީ ސުވާލުކުރެއްވި އެވެ.

ޔުކްރޭން ހަނގުރާމައަށް އޮތް ހައްލަކީ ޝީ ވިދާޅުވި ގޮތުގައި މަޝްވަރާތައް ފެށުމެވެ. އދ.ގެ ގަވާއިދުތަކުން ބޭރުނުވާ ގޮތަށް ރައްކާތެރި މާހައުލެއްގައި މަޝްވަރާކުރަން ބާރުއެޅުމަކީ ޔުކްރޭން ހަނގުރާމައާ މެދު ކަންބޮޑުވާ ކޮންމެ ބަޔަކަށް އޮތް ކަމެއް ކަމަށް ޝީ ވިދާޅުވި އެވެ.