ރަޝިޔާގެ ހިމާޔަތުގައި ޗައިނާ އޮންނާނެކަން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ދަންނަވައިފި އެވެ.
ޝީ ވިދާޅުވި ގޮތުގައި ރަޝިއާއަށް ގޯނާކޮށް ދައުލަތުގެ އަސާސީ ސިފަތައް ގެއްލުވާލާތަން ބަލަހައްޓައިގެން ޗައިނާ ނޯންނާނެ އެވެ.
ރަޝިއާގެ ސިޔާދަތު ޗައިނާއަށް މުހިންމު ކަމަށް ޕޫޓިންއަށް ޝީ ދެންނެވި އެވެ. އަދި ރަޝިއާ ކުރިއަށް ވިސްނާ ވިންސްނުން ތަކުން ކުށްފިލުވައި ދެއްވާނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.
ޕޫޓިންއަށް ފޯނު ކުރައްވައި ޝީ ދެއްވި ހިތްވަރަކީ ހުޅަނގު މޭކަރާނެ ކަމެކެވެ. ހުޅަނގުން އެދޭ ގޮތަށް ރަޝިއާ ކުށްވެރި ކުރުމަށް ޗައިނާ އިންކާރު ކުރުމަކީ ވެސް ހުޅަނގަށް ލިބުނު ވަރަށް ބޮޑު މާޔޫސް ކަމެކެވެ.
ރަޝިއާއިން މިއަހަރު ފެބްރުއަރީ 24 ގައި ޔުކްރޭނަށް ހަމަލާދޭން ފެށީ ވެސް ޗައިނާ އޯކޭ ދިނުމުން ކަމަށް ބުނެ ކުރިން ވާހަކަ ދެކެވުނެވެ. ޗައިނާއިން މިކަން ދޮގު ކުރި ނަމަވެސް ހުޅަނގުން ބުނަނީ ޗައިނާ ހަދަނީ ދޮގު ކަމަށެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމަކީ ބައިނަލްއަގްވާމީ ގާނޫނުގައި ކުށެކެވެ. އެހެންކަމުން ރަޝިއާ ކުރި ކުށަށް އަދަބު ދިނުމަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ބައިގަނޑުން ތިބީ ފޫގަޅާފަ އެވެ.
ހުޅަނގުން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތައް މީގެ ކުރިން ދުނިޔޭގެ އެއްވެސް ގައުމަކާ ދެކޮޅަށް އަޅާފައެއް ނުވެ އެވެ.
އެހެން ނަމަވެސް ޗައިނާ ބުނަނީ އެ ގައުމުން ވަކި ގޮތެއް އިޚުތިޔާރު ކުރުމުގައި އެހެން ބައެއްގެ މޫނަށް، ކަނދުރާއަށް ނުބަލާނެ ކަމަށެވެ.
ޗައިނާއަށް މިނިވަން އިޚުތިޔާރު އޮންނަ ކަމަށް ޝީ ވިދާޅުވި އެވެ. އަދި އެ އިޚްތިޔާރުގެ ތެރެއިން ރަޝިއާއަށް އެހީތެރިވެ ދެއްވާނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ މިހާރު ނިންމަން ވެއްޖެ ކަމަށް ވެސް ޕޫޓިންއަށް ޝީ ދެންނެވި އެވެ. ދެ ގައުމު ސުލްހަ ކުރުމަށް ޗައިނާ ކުރިން ވެފައި އޮތް ވައުދު ދަމަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.