ވާހަކަ

މިލްކުވާނެބާ

( 28 އޮކްޓޯބަރ 2024 އާ ގުޅޭ )

އެތައް އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ ދެ ލޮލުން ފޭބީ އުފާވެރިކަމުގެ ހޫނު ކަރުނަ އެވެ. މަޑުމަޑުން އޭނާއަށް ކަނާއަތުން މޭގައި ފިރުމާލެވުނެވެ. ލިބިފައިވާ ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ހައިކްގެ ދުލުން މަންމާއޭ ގޮވާލަ އަޑު ނީވުނަސް އެކުއްޖާ އޭނާއާމެދު ގާތްކޮށް ދެކޭކަން މާޔާއަށް ވެސް ބުނާން އެނގެ އެވެ.

ރޭގަނޑުގެ ހަމަހިމޭންކަމުގައި ބެލްކަނީގައި މަޑުކޮށްލައިގެން ހުރި މާޔާގެ ތުންފަތުން އަދިވެސް ހިނިތުންވުން ފާޅުވެ އެވެ. ގަޑިތަކުން އެގާރަ ޖެހުމާ ކައިރިވެފައިވާއިރު އޭނާގެ ސިކުނޑީގައި ރާވަމުން ދިޔައީ މާދަމާއަށް ކުރާ އުންމީދެވެ. ދަރިފުޅާއެކު މުޅި ދުވަސް ހޭދަކުރާނޭ ގޮތެވެ. އިރުއިރުކޮޅުން މާޔާގެ ތުންފަތް ދެމިލަނީ އެ ޚިޔާލުތަކުންނެވެ.

ހައިކް ގޮވައިގެން އިޒީކިއަލް ދިއުމުން މާޔާ ހުރީ ނުހަނު ބޮޑަށް ޖަޒުބާތުގައި ޖެހިފަ އެވެ. އަމިއްލަ ނަފްސު ހަމައަކަށް އެޅުމުން އޭނާ އަވަސްވެގަތީ ފައިނާނަށް ގުޅާށެވެ. އެކުވެރިޔާގެ ގާތުގައި ހުރިހާ ވާހަކައެއް ކިޔާދެމުން ދިޔައިރު މާޔާއަށް އެއްފަހަރު ހީނލެވުނިއްޔާ އަނެއްފަހަރު ކަރުނައިގެ އަސަރުން ނޭފަތް ދަމާލެވެ އެވެ. އެހެންވިޔަސް އޭނާއަށް ލިބިފައިވާ އުފާވެރިކަން އަގުނުކުރެވޭނެ އެވެ. ފައިނާނު ގާތުގައި ހައިކް ދުށީންތޯ އެހުނު އަދަދެއް ވެސް މާޔާއަށް ނޭނގެ އެވެ. އެއީ އޭނާގެ ހަށިގަނޑުގެ އެއްބައިކަން އެތައްފަހަރަކު މާޔާއަށް ބުނެލެވުނީ ބޭއިޚްތިޔާރުގަ އެވެ. ދަރިފުޅާއި ގުޅުވައި ކުރެވެމުން އައި ޚިޔާލުތަކުގެ މައްޗަށް ފައިނާނުގެ ޚިޔާލެއް ވެސް މާޔާ ހޯދި އެވެ.

ފުންނޭވާއެއް ދޫކޮށްލުމާއެކު ބެލްކަނީގައި ހުރެފައި މާޔާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ދަމާލެވޭ ގޮތަށް ހުރި ބިއްލޫރި ދޮރު ތަޅުލާފައި އެ ދިމާ ނިވާވާނޭހެން ހުރި ފަރުދާތައް މާޔާ ދަމާލި އެވެ. ސޯފާތަކުގެ މެދުގައި ހުރި ކޮފީމޭޒުމަތިން ފޯނު ނަގައިގެން މާޔާ އައީ ކޮޓަރިއަށެވެ. އޭނާ ފޯނު ބަލާލީ ނިދަން ތައްޔާރުވެގެން އައިސް އެނދަށް އަރާފަ އެވެ. މިސްވެފައި އޮތް އިޒީކިއަލްގެ ކޯލު މާޔާއަށް ފެނުނީ ދެނެވެ. އޭރު އެ ކޯލެއް އައިތާ ގަޑިއެއްހާއިރު ވާން ކައިރިވެއްޖެ އެވެ. ފޯނަށް އައިސްފައި އޮތް މެސެޖު މާޔާ އަވަހަށް ހުޅުވާލީ އިޒީކިއަލްގެ މެސެޖަކަށްވީމަ އެވެ. މާޔާގެ ސަމާލުކަން ވަގުތުން ފޯނަށް ދެވިއްޖެ އެވެ. ހައިކް ނިދާލާފައި އޮތްލެއް ލޯބިކަމޭ މާޔާގެ ހިތަށް އެރި އެވެ. އިޒީކިއަލް ފޮނުވީ ހައިކް އެނދުގައި ނިދާލާފައި އޮއްވާ ނަގާފައިވާ ފޮޓޯއެކެވެ.

"ހާއި މިޔާ. މިރޭ އަހަރެން ވަރަށް އުފާވެއްޖެ. މި ލިބުނު ފުރުޞަތު ގެއްލުވައެއްނުލާނަން. ވަޢުދުވަން. ދެން އިރާދަކުރެއްވިއްޔާ ގަސްދުގައެއް ގޯހެއްވިޔަ ނުދޭނަން. އަހަރެން މިޔާއާ ވަރަށް ގިނަ ވާހަކަދައްކަން ބޭނުން. މަޑުކޮށްގެން މިހުރީ... މިޔާ އަހަރެންނާ ބައްދަލު ކުރާން އެދޭނެ ވަގުތަކަށް. މާދަމާ ހެނދުނުން ހައިކް ގޮވައިގެން ދިއުމުގެ ކުރީން އަހަރެން ގުޅާނަން. ފޯނު ނަގައްޗޭ. ގުޑްނައިޓް މިޔާ." ހައިކްގެ ފޮޓޯއަށްފަހު އިޒީކިއަލް ލިޔެފައި އޮތް ލިޔުންކޮޅު މާޔާ ކިޔާލި އެވެ.

"އިޒީކިއަލްގެ އެހާ ކެތްތެރިކަން އެބަހުރިތަ؟. އިޒީކިއަލްއާ ގުޅުން ބަދަހި ކުރުމަށްވުރެ މިވަގުތު އަހަރެން ބޭނުމީ ހައިކް. އެ ދަރިފުޅާ ގާތްކަން އުފެދުން. އަހަރެމެންގެ ގުޅުން ރަނގަޅުވެ ވަރުގަދަވުން. ހައިކް އަހަރެންނަށް މަންމާއޭ ގޮވާލާ އަޑު އަހާލުން. އެއަށްފަހު އެ ދަރިފުޅުގެ ޚިޔާލެއް އަހަރެންނަށް މުހިންމީ." ފޯނަށް ބަލަހައްޓައިގެން އިނދެ މާޔާ ބުނެލި އެވެ. އޭނާ އިޒީކިއަލްގެ މެސެޖަށް ޖަވާބެއް ނުލިޔުނެވެ. މެސެޖު ބެލިކަން އެނގޭނެކަން ވެސް މާޔާ ދެނަހުއްޓެވެ. އެހެންނަމަވެސް އިޒީކިއަލްގެ ހުރި ކެތްތެރިކަމެއް ވެސް އެނގިދާނެތާއޭ މާޔާގެ ޟަމީރު ބުނީ އެވެ.

* * * * *

ބަގީޗާ ތެރޭގައި ހެނދުނުގެ އަވީގައި އާސިފް ހިންގުވުމުގައި ފިޒިއޯތެރަޕިސްޓް އުޅެ އެވެ. ދުރުނޫން ހިސާބަކު އާސިފް އިންނަ ފުރޮޅުލީ ގޮނޑި ހުއްޓެވެ. އާސިފްއަށް ހިނގަންވީ ގޮތް ކިޔައިދޭން އެމީހުންގެ ކައިރީ ހައިކް އުޅެ އެވެ. ދޭތެރެއަކުން އާސިފް ހީނގަންނަނީ ހައިކްގެ ހަރަކާތްކާއި ވާހަކަ އަޑު އިވިފަ އެވެ.

"ކާފަ ގެއަށް ބަދަލުކުރި ފަހުން ރަނގަޅުވެލައިފިހެން ހީވޭ." ބަގީޗާއާ ދިމާއަށް ސަރައްކާލީގައި ކަނޑާފައި ހުރި ދޮރުމަތީ މަޑުކޮށްލައިގެން ހުރި އިޒީކިއަލް ވާހަކަދެއްކީ އޭނާގެ ގާތުގައި އައިސް ހުއްޓިލި ސަރީކާއަށެވެ.

"އާން. މިހާރު ތަންކޮޅެއް ގިނައިރު ކޮޅަށް ވެސް ހުރެވޭ. ބަރާބަރަށް ފިޒިއޯ ހަދަންޏާ މަސްދުވަސްތެރޭ އިޒީކިއަލްގެ ކުރީގެ ކާފައަށް ވާނެއޭ ޑަކްޓަރުން ބުނަނީ. އިންޝާﷲ އެ ދުވަސް އަންނަން މަންމަ ވެސް ބޭނުމީ." ސަރީކާ ބުންޏެވެ.

"މަންމާ. އަޅުގަނޑު ބުނީމެންނު މިޔާގެ ވާހަކަ. ހައިކްގެ މަންމަ." އިރުކޮޅެއްގެ ހިމޭންކަމަށްފަހު އިޒީކިއަލް ނުކެރިފައި ހުރި ފަދައަކުން ވާހަކަފެށި އެވެ.

"އެގެއަށް ދާން އުޅޭ ވާހަކަތަ ހައިކް އެ ދައްކަނީ؟." ސަރީކާ ސުވާލުކޮށްލި އެވެ.

"ހޫމް... މިޔާއާއި ހައިކްގެ ގުޅުން ރަނގަޅުވާން އަޅުގަނޑު ބޭނުމީ. ހައިކްއަށް ވެސް އޭނާގެ މަންމަ އެނގެންވާނެ." އިޒީކިއަލް ބުންޏެވެ.

"ހައިކްއަށް ރަނގަޅަކަށްތަ ނޫނީ ދަރިފުޅަށް ރަނގަޅަށްތަ." ދެ މާނަ އެކުލެވޭހެން ސަރީކާ ބުނެލީ އިޒީކިއަލްއަށް ބަލާލަމުންނެވެ.

"އަޅުގަނޑު ކައިވެންޏެއް ކުރަންޏާ ކުރާން ބޭނުމީ ހައިކްގެ މަންމައާ. އެކަމަކު އެ ފުރުޞަތު މިޔާ ދީފިއްޔާ." އިޒީކިއަލްގެ ނަޒަރު ވެސް މަންމައާ އަމާޒުކޮށްލި އެވެ.

"ކާފައަށް ތި ވާހަކަތައް ކިޔައިދޭންވާނެ." ސަރީކާ ބުންޏެވެ.

"ކާފަގެ ހާލު ރަނގަޅުވެލަންދެން މަޑުކޮށްގެން މިހުންނަނީ. އެ ހާލަށް ކާފަ އެ ދިޔައީ ވެސް އަޅުގަނޑަށް ހެދެން އުޅުނު ގޯހަކުން." އިޒީކިއަލްއަށް ހެދެން އުޅުނު ގޯސް އޭނާ ޤަބޫލުކުރެ އެވެ. ސޫޒަންގެ ހަޤީޤަތާއެކު އިޒީކިއަލްއަށް ވެސް ވިސްނާ ފިކުރު ހިންގާނޭ ފުރުޞަތު ލިބިގެންދިއުމުން ހަޔާތުގައި ރަނގަޅު ކުރަންވީ ކޮންކަންތައްތަކެއްކަން އެނގިއްޖެ އެވެ.

* * * * *

ބަޒާރުކޮށްގެން އައިސް ކޮތަޅުތައް ހިފައިގެން މާޔާ ވަނީ ބަދިގެއަށެވެ. ކާމޭޒުމަތީ ކޮތަޅުތައް ބަހައްޓާލައި ގަނެގެން އައި އެއްޗެހި ނަގައި ބައިބަޔަށް ވަކިކުރަން ފެށި އެވެ. އަދި އައިސްއަލަމާރިއަށް އަޅަންޖެހޭ އެއްޗެހި އެއަށް ލަމުން ދިޔަ އެވެ. އޭނާގެ ހަރަކާތްތައް ހުރީ ނިކަން އަވަސްއަރުވާލާފަ އެވެ. އޭނާ ހެނދުނު ހޭލި ގޮތަށް އަވަހަށް ދިޔައީ ވިޔަފާރިކުރާށެވެ. ހައިކް އަންނަންވާއިރަށް ގެއަށް ބޭނުންވާނޭ އެއްޗެހި ގަނެ ހަމަކުރާށެވެ.

"އޯކޭ ޑަން." ފަހުކަމެއްގެ ގޮތުން ފޯނުގައިވާ ލިސްޓަށް ބަލަން ހުރެ މާޔާ ބުނެލި އެވެ.

ހެނދުނުހެނދުނާ އިޒީކިއަލް ގުޅައިފައި އަމިއްލަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި އޭނާ މާޔާއަށް ކިޔައިދިނީ ހައިކްގެ ދިރިއުޅުން ހުންނަ ގޮތެވެ. އަދި ހައިކް އެންމެ ކާހިތްވާ އެއްޗިއްސާއި އެންމެ ގިނައިން ބަލާ ޓީވީ ޕްރޮގްރާމާއި މިހެން ގޮސް ހައިކްއާ ބެހޭ މުހިންމު ހުރިހާ ކަމެއް ހިމަނާފައިވާ ލިސްޓެއް މާޔާއަށް ފޮނުވި އެވެ. އެއްޗެހި ގަންނަން ގޮސްފައި މާޔާ އިސްކަން ދިނީ އެ ލިސްޓުގައި ހުރި އެއްޗެހި ހަމަކުރާށެވެ. އިޒީކިއަލްގެ އެ އިސްނެގުން މާޔާއަށް ކަމުދިޔަ އެވެ. ދަރިފުޅާއެކު މާޔާއަށް ފުރުޞަތު ހޯދައިދޭން އިޒީކިއަލް ހުރީ ތައްޔާރަށްކަން އޭނާގެ އެ ޢަމަލުން މާޔާއަށް ބުނެދީފި އެވެ.

"ތެންކިޔު." ހިތާހިތުން މާޔާ ކިޔާލި އެވެ. ކުރިމަތީގައި އިޒީކިއަލް ހުރިނަމަ ޝުކުރު އަދާކުރާން ބޭނުންވާ ފަދައިންނެވެ. ތުންފަތުގައިވީ ލުއި ހިނިތުންވުން ފުޅާވެލުމާއެކު މާޔާ ފުންނޭވާއެއް ދޫކޮށްލި އެވެ. އެގޮތަށް ހުއްޓި ހުރެވޭކަށްނެތްކަން ވިސްނި އެނާ ހަލުވި ފިޔަވަޅުގައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

އެޕާޓްމެންޓްގެ ބެލް އަޅާލި އަޑާއެކު މާޔާގެ ފޯނު ރިންގުވާން ފެށި އެވެ. ދުވަމުން ކަހަލަ ގޮތަކަށް މާޔާ ކޮޓަރިން ނުކުމެގެން އައެވެ. ކަންފަތުގައި ފޯނު ޖައްސާލަމުން ހެލޯއޭ ބުނިއިރު އޭނާ އައިސް އެޕާޓްމެންޓްގެ ދޮރު ވެސް ހުޅުވާލައިފި އެވެ.

"ހާއި." އިޒީކިއަލްއާއި ހައިކް ފެނުމާއެކު މާޔާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

ހައިކްގެ އަތުގައި ހިފާލަމުން ދަރިފުޅު ގޮވައިގެން މާޔާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެ ދެމައިންގެ ފަހަތުން އިޒީކިއަލް ވަންއިރު އޭނާގެ ނަޒަރު ހުރީ މާޔާއަށް ހުއްޓިފަ އެވެ. "އައިސްބްލޫ" ކުލައިގެ ސްކިނީ ޖީންސްއާއެކު ބިސްތޮށި ކުލައިގެ ސްވެޓަރ ފާޑުގެ ދޫކޮށް ހުރި ޓޮޕުކޮޅުގައި މާޔާ ފެންނަލެއް އިޒީކިއަލްއަށް ނުހަނު ހިތްގައިމުވި އެވެ. ޚާއްޞަކޮށް މާޔާގެ އިސްތަށިގަނޑުގައި ޖަހާފައިވާ ދަތީގެ ތެރެއަށް ނުލެއްވި ހުރި އިސްތަށިކޮޅުތައް މޫނުމަތިން އެއްފަރާތްކޮށްލައި ކަންފަތް ކައިރީ އަޅުވާލާ ގޮތުން އިޒީކިއަލްގެ ހިތް އަވަސްވާގޮތްވެ އެވެ. ބޭއިޚްތިޔާރުގައި އިޒީކިއަލްއަށް ތިރީތުންފަތުގައި ދޫ ހިންގާލެވުމާއެކު ބާރަށް ދަތް އަޅާލެވުނެވެ. ހިތާއި ނަފްސުގައި ހިނގައިގަތް ޝުޢޫރުތަކެއްގެ ސަބަބުންނެވެ. އަވަސްއަވަހަށް އޭނާގެ ސަމާލުކަން ދަރިފުޅަށް ހުއްޓާލެވޭތޯ މަސައްކަތް ފެށި އެވެ.

ހައިކްގެ ދަބަސް ސޯފާގައި ބާއްވާލަމުން އިޒީކިއަލް ސޮފާގައި އިށީނެވެ. މާޔާގެ އުނގަށް ހައިކް ލައިގެން އޭނާ އިނީ ވަކިން ހުރި ސޯފާގޮނޑީގަ އެވެ. ހައިކް އަޅުވައިގެން އިން ދަބަހާއި އިޒީކިއަލް ސޯފާގައި ބެހެއްޓި ދަބަހުގައި ހުރީ ކޮންއެއްޗެއްކަން އޭނާ މާޔާއަށް ކިޔާދިނެވެ. ރޭގަނޑު ހަތްގަޑި ބައިގައި ހައިކް ބަލާ އިޒީކިއަލް އަންނާނެ ވާހަކަ ވެސް އޭނާ ބުނެލި އެވެ. އިރުކޮޅަކު މަޑުކޮށްލަން އިޒީކިއަލް ބޭނުންވި އެވެ. ނަމަވެސް މާޔާގެ ދަޢުވަތެއް ނުލިބޭތީ އެ ޚިޔާލު އޭނާ ދޫކޮށްލީ އެވެ. އޭނާއަށް ކުރެވޭ ކުޑަކުޑަ ކަމަކުން ވެސް މާޔާއަށް ޕްރެޝަރ ކުރެވެނީއޭ ހީވެދާނެތީ އިޒީކިއަލް ކަންބޮޑުވެ އެވެ. ސޯފާގައި ހައިކް ބައިންދާފައި އިޒީކިއަލްއާއެކު ދޮރާ ހަމައަށް މާޔާ އައެވެ.

"ޔޫ ހޭވް މައި ނަމްބަރ. ސުވާލެއް އޮތަސް ގުޅާލާ. އަހަރެން ފޯނު ނަގާނަން." ދޮރުން ބޭރުގައި މަޑުކޮށްލައިގެން ހުރެ އިޒީކިއަލް ބުންޏެވެ.

"ތޭންކްސް. ދިސް މީންސް އަ ލޮޓް." މާޔާ ބުނެލި އެވެ.

އެއްޗެއް ބުނަން އުޅެފައި ވެސް އިޒީކިއަލް ހިނިތުންވެލީ އެވެ. ދެން އޭނާ މާޔާގެ ކަނާއަތްތިލައިގައި ހިފާލި އެވެ. އެއްފަހަރާ އެތައް ޖަޒުބާތެއްގައި އިޒީކިއަލް ޖެހިފައި ހުރި ކަހަލަ އެވެ. އޭނާ އަމިއްލަ ނަފްސުގެ މައްޗަށް ކުރި ހޯދި އެވެ. މާޔާގެ އަތުން ދޫކޮށްލާފައި ދަނީ ކަމުގައި ބުނެލި އެވެ. މާޔާ ހަމައެކަނި ބޯޖަހާލީ އެވެ.

އެނބުރި އެޕާޓްމެންޓަށް ވަދެފައި މާޔާ ފުން ނޭވާއެއް ދޫކޮށްލި އެވެ. އިޒީކިއަލްއަށް އައިސްފައިވާ ބަދަލުތައް އޭނާއަށް ފާހަގަވެ އެވެ. ފެންނަމުންދަނީ ކުރީން އިޒީކިއަލްގެ ފުށުން ފެންނަ ކަންކަމެއް ނޫނެވެ.

"ޑެޑީ ދިޔައީތަ؟." ހައިކް އަހާލި އެވެ.

"ހޫމް. މިރޭ އަންނާނެ ހައިކް ބަލާ. ފަހުން ޑެޑީއަށް ގުޅާލަންވާނެ ދޯ." މާޔާ ބުންޏެވެ. އިޒީކިއަލްއާ ވަކިން މާޔާއާއެކު ވަގުތު ހޭދަކުރަންވީމާ ހައިކް ޖެހިލުންވެފައި އިނިއްޔޭ ހީވެ މާޔާ ބެލީ ހައިކް ހިތްހަމަޖެއްސޭތޯ އެވެ.

* * * * *

ޒާހިލްއާއެކު ކޮފީ މޭޒު ދޮށުގައި އިޒީކިއަލް އިނީ ބަސްމަދުވެފަ އެވެ. ދެ އެކުވެރީންގެ މެދުގައި ދެކެވެމުންދިޔައީ މާޔާގެ ވާހަކަ އެވެ. ފައިނާނު ގާތުގައި މާޔާ ވިސްނާފައި އޮތް ގޮތް ބުނާނޭކަން ޒާހިލްގެ އިތުރުން އިޒީކިއަލްއަށް ވެސް އެނގެ އެވެ. އެހެންނަމަވެސް އެ ދެ މީހުންނަށް ވެސް ފައިނާނު ކައިރިން އެކަން އޮޅުންފިލުވޭ ގޮތެއްނުވި އެވެ.

"ބައެއްފަހަރު ހީވޭ ކާފައަށް ހުރިހާކަމެއް އެނގެޔޭ. އަހަރެން މިޔާއާ މެރީކުރިކަމާއި ހައިކް ހޯދުމާ... އެވްރިތިންގް." އިޒީކިއަލް ބުނެލި އެވެ.

"އެނގުނަސް ނޭނގުނަސް މިފަހަރު އިޒީކިއަލްވާނީ ފެމެލީއާ ވާހަކަދައްކާފައި ތިކަން ކުރަން." ޒާހިލް ބުންޏެވެ.

"އައި ނޯ... އަހަރެން ވެސް ބޭނުން މިޔާ ފެމެލީއަށް އިންޓްރޮޑިއުސްކޮށްދޭން. މަންމައަށް އެނގޭ އަހަރެން މިޔާއާ މެރީކުރަން ބޭނުންވާކަން. ރާހިންއާއި މިޔާއާ ދެމެދަށް ނުވަންނާށޭ މަންމަ ބުނީ. މިޔާ ނޫޅޭ އޭނާއާ އިންނާކަށް. ކިހިނެއް މި ޗާންސް އަހަރެން ދޫކޮށްލާނީ. ހުރިހާކަމެއް ރަނގަޅުކުރާން ލިބުނު ހަމައެކަނި ފުރުޞަތު މީ." އިޒީކިއަލް ބުންޏެވެ.

(ނުނިމޭ)