ވާހަކަ

މިލްކުވާނެބާ

(4 ނޮވެމްބަރ 2024 އާ ގުޅޭ)

"އެނގުނަސް ނޭނގުނަސް މިފަހަރު އިޒީކިއަލްވާނީ ފެމެލީއާ ވާހަކަދައްކާފައި ތިކަން ކުރަން." ޒާހިލް ބުންޏެވެ.

"އައި ނޯ... އަހަރެން ވެސް ބޭނުން މިޔާ ފެމެލީއަށް އިންޓްރޮޑިއުސްކޮށްދޭން. މަންމައަށް އެނގޭ އަހަރެން މިޔާއާ މެރީކުރަން ބޭނުންވާކަން. ރާހިންއާއި މިޔާއާ ދެމެދަށް ނުވަންނާށޭ މަންމަ ބުނީ. މިޔާ ނޫޅޭ އޭނާއާ އިންނާކަށް. ކިހިނެއް މި ޗާންސް އަހަރެން ދޫކޮށްލާނީ. ހުރިހާކަމެއް ރަނގަޅުކުރާން ލިބުނު ހަމައެކަނި ފުރުޞަތު މީ." އިޒީކިއަލް ބުންޏެވެ.

"ފަންނަ ދިން އެޑްވައިސްއަކީ މިޔާއާއި ހައިކްގެ ގުޅުން ރަނގަޅުވެގެންނޫނީ އިޒީކިއަލްއަށް ފުރުޞަތެއް ނޯންނާނޭ. އެބުނި ވާހަކައާ އަހަރެން ވެސް އެއްބަސް. ފަސް އަހަރު ފަހުން ދަރިފުޅާ ބައްދަލުވީއިރު މިޔާއަށް މިސްވެގެން އެދިޔައީ ވަރަށް ބޮޑު އެއްޗެއް. އަނެއްކޮޅުން ސޫޒަންގެ ބެލުމުގެ ދަށުގައި ހައިކް ބެހެއްޓުން އެއީ ރަނގަޅު ނިންމުމެއްނޫން. ކަމެއްޖެހޭއިރަށް މަށަށް ގުޅާނެ. އެކަމަކު މިވަރުގެ ކަމެއް ކޮށްލީއިރު އަހަރެން ކައިރީ ބުނެލަން އިޒީކިއަލް ހިތަށް ނޭރި. އަހަރެން ކައިރީ ވެސް މަޝްވަރާއަކަށް އަހާލިނަމަ. އަހަރެން ކައިރީ ތިބުނީ ކުރާނެކަމެއްކޮށް ނިންމާފައި އެންމެފަހުން ނުބުނެ ނުވާނެ ހިސާބަށް އައީމަ." ޒާހިލް ބުންޏެވެ.

"ސޫޒަންއާ ގުޅިފައި އޮތް ކަމެއްގައި އަހަރެން މީހެއްގެ މަޝްވަރާ ހޯދީ ކޮންއިރަކު. އަހަރެންގެ މުޅި ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް އެއީ... އަހަރެން އޭނާއާ ދޭތެރޭ ދުށީ ހާދަ ރަނގަޅަކަށޭ. އެއޮއްހާ ދުވަހު އަހަރެންގެ ހިތަށް އެންމެ ފަހަރަކު ވެސް ނޭރި އަހަރެން ހުރީ ސޫޒަންގެ ކޮންޓްރޯލުގެ ދަށުގައޭ. އޭނާ ބޭނުންވާގޮތަކަށޭ އަހަރެން ކުރިޔަށް ދިޔައީ... އެވާހަކަ ދެއްކިޔަސް ވީ ހުރިހާކަމެއް ނުވާކަމަކަށްނުވާނެ. އަހަރެންނަށް މިޔާ ޚާއްޞަ. އެކަމަކު އެކަން އަހަރެންނަށް ޝޯ ކުރެވުނީ ވަރަށް ގޯސްކޮށް." އިޒީކިއަލް އަމިއްލަ ކުށަށް އިއުތިރާފުވާފަދައަކުން ވާހަކަދެއްކި އެވެ.

"ފަހަށްފަހަށް ނުހުރެ މަށަށް ފެންނަނީ ކާފަ ކައިރީ ހުރިހާ ވާހަކައެއް ކިޔައިދޭން." ޒާހިލް ކުރީން ވެސް ބުނެފައި އޮތް ވާހަކައެއް އަލުން ހަނދާންކޮށްދިނެވެ. އިޒީކިއަލް ހަމައެކަނި ބޯޖަހާލީ އެވެ.

"ސޫޒަންގެ އުނދަގުލެއް އިރާދަކުރެއްވިއްޔާ ދެން ދުވަހެއްގެ ކޮޅުން ވެސް ނުފޯރާނެ. އަފްރާހު އޮތީ ޖަލުގައި. އަވަހަކަށް އެތަނަކުން ނުނިކުމެވޭނެ. ސްކޭމްތަކުގައި މީހުން އަތުން ކަޓުވާލާފައި އޮތް ލާރިގަނޑުގެ މައްސަލައިގައި އޭނާ ރަނގަޅަށް ވެސް ބަނގުރޫޓުވާނެ." ޒާހިލްގެ ވާހަކައަށް އިތުރުކޮށްލި އެވެ.

* * * * *

މިޔާގެ ނަޒަރު އުޑު މައްޗަށް ދަތުރުކޮށްލި އެވެ. އޭނާ ހުރީ ޕާކުގަ އެވެ. ކުޑަކުދީންތައް ދުވެދުވެފައި އުޅޭއިރު ހައިކް ވެސް ކުޅިވަރެއްގައި އުޅެ އެވެ. ހައިކް އެކަނި ދޫކޮށްލާފައި ދުރުގައި ހުންނަން މާޔާއަށް ނުކެރެނީ އެވެ. އެކަމަކު ދެން އިތުރަށް ޕާކުގައި މަޑުކުރުމުގެ ވިސްނުމެއް މާޔާގެ ނެތެވެ. އިރުއޮއްސެން ކައިރިވަމުން އަންނާތީ އެވެ.

"ހައިކް... ހިނގާ ދާން ދޯ. އެހެން ދުވަހަކުން ދެން އަންނާނީ." ހައިކްއާ ދިމާއަށް ކަނާއަތް ދަމާލައިގެން ހުރެ މާޔާ ބުންޏެވެ.

"އަދި އަންނާނަންތަ؟." ދުވަމުން އައިސް މާޔާގެ އަތުގައި ހިފާލަމުން ހައިކް އަހާލި އެވެ. ދުވެދުވެ އެކުއްޖާ ހުރީ ދާހިއްލާލާފަ އެވެ. ހައިކްގެ ޓީޝާޓުކޮޅު ރީތިކޮށްލަ ދެމުން މާޔާ ގެންގުޅުނު ޓިޝޫ ޕެކެޓުން ޓިޝޫއެއް ނަގައި ދަރިފުޅުގެ މޫނު ފުހެލައި ދިނެވެ.

"ޔެސް ޑިއަރ." ހައިކްގެ ސުވާލަށް ޖަވާބުދެމުން އެކުއްޖާގެ އަތުގައި ހިފައިގެން ހުރެ މާޔާ ހިނގައިގަތެވެ.

އިރުއޮއްސެންވާއިރަށް އެމީހުން ގެއަށް އައީ އައިސްކްރީމް ބޯން ތަނަކަށް މަޑުކޮށްފަ އެވެ. ގެއަށް ވަދެވުނު ގޮތަށް ހައިކް ދުވެފައި އައިސް އެރީ ސޯފާއަށެވެ. ހައިކްއަށް ބަލާލާފައި އެއީ ހެނދުނު އިޒީކިއަލް އެގެއަށް ގެނެސްލީ ކުއްޖާއޭ މީހަކު ނުބުނާނެ އެވެ. ލަދުރަކިކަމާއި ބަސްމަދުވެފައި ހުރި ހައިކްގެ އަނގަވަނީ ގަދަވެފަ އެވެ. އެކިއެކި ސުވާލުތައް މާޔާއާ ކުރެ އެވެ. ހައިކްގެ ދިރިއުޅުމާއި ގޭތެރޭގެ މާޙައުލުގެ ވާހަކަތައް އެކުއްޖާ މާޔާއާ ޚިއްޞާކުރި އެވެ. މާޔާއާ ހައިކް ރައްޓެހިވީލެއް ނިކަން އަވަހެވެ.

"ޑެޑީއަށް ފޮނުވައްޗޭ ހައިކްގެ ވީޑިއޯތައް. ހައިކް މަތިން ފުންމާލިތަން ވީޑިއޯގަ އިންނާނެތަ؟." ހައިކްގެ ވާހަކަތަކުގެ ތެރެއިން އޭނާ ކަމެއް ހަނދާންވެގެން ބުނެލި އެވެ.

"ހައިކް ވަރަށް މޮޅު. މަންމަ ކިރިޔާ ބިރުން ހަލާކުނުވީ. ހައިކް ވެއްޓިދާނެތީ. މިހާރު ހަމަ މި ފޮނުވާލަނީ ޑެޑީއަށް." މާޔާ ބުންޏެވެ.

މާޔާ އައިސް ސޯފާގައި އިށީނދެ ފޯނު ނެގުމާއެކު ހައިކް ވަގުތުން މާޔާގެ ގާތަށް ޖެހިލައިފި އެވެ. އެކުއްޖާ މާޔާގެ ކޮނޑުގައި ދެ އަތް އަޅުވާލައިގެން ފޯނަށް ބަލަން ފެށީ ޝައުގުވެރިކަމާއެކީ އެވެ. މާޔާގެ ފޯނުގައި ނަގާފައި ހުރި ފޮޓޯތަކާއި ވީޑިއޯކޮޅުތައް އިޒީކިއަލްއަށް ފޮނުވާތަން ބަލަން ހައިކް ހުއްޓެވެ.

"ހައިކް އެކަނި ފޮޓޯތަ ފޮނުވަނީ؟." މާޔާއާއެކީ ނަގާފައިވާ އެއްވެސް ފޮޓޯއެއް ނުފޮނުވާކަން ފާހަގަވެ ހައިކް ބުނެލި އެވެ. މާޔާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.

"ހައިކް މަންމައާއެކީ ހުރި ފޮޓޯ ބޭނުން." ހިމޭންވަގުތުކޮޅަކަށްފަހު ހައިކް ބުނެލީ މާޔާގެ ކަންފަތް ކައިރީ އެވެ. އޭނާގެ އާންމު އަޑަށްވުރެ ތަންކޮޅެއް މަޑުންނެވެ.

"އައިޕެޑަށް އަޅާދޭން." މާޔާ އަހާލި އެވެ. ހައިކް އެގެއަށް އައީ އޭނާ ގޭގައި ގެންގުޅޭ އައިޕެޑް ކުޑަ ދަބަހަށް ލައިގެންނެވެ. އިޒީކިއަލްއަށް ފޮނުވުމަށްވުރެ މާޔާއަށް ވިސްނުނީ ހައިކްގެ އައިޕެޑަށް ފޮޓޯތައް އަޅައިދިނުމެވެ. އޭރުން އެކުއްޖާއަށް ބޭނުންއިރަކު އެ ފޮޓޯތައް ފެންނާން ހުންނާނެތީ އެވެ. މާޔާ ސޯފާއިން ތެދުވީ އައިޕެޑް ހޯދާ އެއަށް ފޮޓޯތައް އަޅާށެވެ. އޭނާގެ ހިޔަނިހެން ހައިކް ދުރަށް ނުގޮސް އުޅެ އެވެ.

ހައިކްއަށް ކާންދީފައި ފެންވަރުވާލައިގެން ނެރުމާއެކު އެ ކުއްޖާ އާ ފުރެން ފަށައިފި އެވެ. މާޔާގެ ގާތުގައި އެނދުގައި ހައިކް ބާއްވާލައިގެން އޭނާ އޮތެވެ. ހައިކްގެ ވާހަކަތަކުން މާޔާއަށް ވަރަށް ގިނަ ކަންކަން އެނގުނެވެ. ސޫޒަންއާއެކު އެކުއްޖާ ދިރިއުޅުނު އިރު އޭނާގެ ގިނަ ކަންކަން ކުރަނީ ހިލްމީ އެވެ. ސޫޒަންއާއެކީ އުޅުނުއިރު އިޒީކިއަލް ވެސް ދަރިފުޅާއެކު ހޭދަކުރާ ވަގުތު މަދުކަން ހައިކް ފާހަގަކުރި އެވެ. އިޒީކިއަލްގެ މަންމަ ކައިރިޔަށް ބަދަލުވުމާއެކު ހައިކްގެ މުޅި ދިރިއުޅުން ވަނީ ބަދަލުވެފަ އެވެ. އެކުއްޖާ މިހާރު ހުރީ އުފަލުންކަން އެނގެ އެވެ. ހުރިހާ ވަގުތެއްގައި ހައިކްގެ ކައިރީ މާމަ ހުންނާތީ އެކުއްޖާ އުފާވާކަން ބުނެ އެވެ. ހައިކްގެ ވާހަކަތައް އެންމެ ގިނައިން އަޑު އަހަނީ މާމައޭ ހައިކް ބުނެ އެވެ.

މާޔާއަށް އެންމެ ބޮޑަށް ފާހަގަވީ ހައިކް ތަންތަނަށް ދާހިތްވާ ވަރެވެ. އެކަމަކު އޭނާ ގޮވައިގެން ދާނޭ މީހަކު ނެތުމެވެ. ސޫޒަންގެ ގާތުގައި އެކުއްޖާ ބޮޑުވަމުން އައީ ބަންދުވެފައިވާ ކޮއްޓެއްގެ ތެރޭގައި ގެންގުޅުނު ފަދައަކުންނެވެ. ސޫޒަންގެ ހަރުކަށި ބަސްތަކުން އެކުއްޖާ ހުންނަނީ އިންތިހާއަށް ޖެހިލުންވެފަ އެވެ. ޒާތެއްގެ ބިރެއްގައި ބަނދެވިފައި ހުންނަ ކަހަލަ އެވެ. އެ ބަންދުކަމުން މިނިވަންކަން އެކުއްޖާއަށް އިޙްސާސް ކުރެވިގެންދިޔައީ އިޒީކިއަލްގެ ޢާއިލާ ކައިރިޔަށް ބަދަލުވި ހިސާބުންނެވެ. ކުޑަ ކުއްޖަކަށް ވިޔަސް އެކުދީންގެ ވާހަކަތަކަށް ސަމާލުކަން ދީފިނަމަ ވަރަށް ގިނަ ކަންކަން އޮޅުން ފިލާނޭކަން މިއަދު މާޔާއަށް އެނގިއްޖެ އެވެ. ހަމައެއާއެކު މާޔާއަށް ދޭހަވީ އެއްޗަކީ ހައިކް އެ ހުރިހާ ވާހަކައެއް ކޮންމެވެސް ސިފައެއްގައި ވިޔަސް ޚިއްޞާ އެކުރީ މާޔާއަށް އެކުއްޖާ އިތުބާރު ކުރާތީކަމެވެ.

ބެލް އަޅާ އަޑު އިވިގެން މާޔާ އެނދުން ތެދުވަން އުޅުނެވެ. ހައިކްގެ އަޑު ކެނޑިއްޖެކަން މާޔާ ރެއަކާލީ ދެނެވެ. ބަލާލިއިރު އެކުއްޖާއަށް އޮތީ ނިދިފަ އެވެ. ލޯތްބާއެކު ދަރިފުޅުގެ ނިތްކުރިމަތިން އިސްތަށިކޮޅުތައް އެއްފަރާތްކޮށްލުމާއެކު ނިތުގައި މާޔާ ބޮސްދިނެވެ. ދެން މަޑުމަޑުން އެނދުން ފައިބައި ކޮޓަރިން ނުކުތެވެ.

"ހާއި..." ދޮރުހުޅުވާލުމާއެކު އިވިގެން ދިޔައީ އިޒީކިއަލްގެ އަޑެވެ.

"ހައިކްއަށް ނިދިފަ އޮތީ." މާޔާ ވަގުތުން ބުނެލި އެވެ.

"ތި އެހެންވީރު ވަރަށް ވަރުބަލިވީ." ހިނިތުންވުމަކާއެކު އިޒީކިއަލް ބުނެލި އެވެ. އަދި އޭނާ އެޕާޓްމެންޓް ތެރެއަށް ވަނެވެ.

"ކޮޓަރީގައި އޮތީ." މާޔާގެ ކޮޓަރިއަށް ވައަތުން އިޝާރާތް ކޮށްލަމުން އޭނާ ބުނެލި އެވެ.

"އިރުކޮޅަކު މަޑުކޮށްލިޔަސް އޯކޭތަ؟." އިޒީކިއަލް އަހާލި އެވެ. މާޔާ ބޯޖަހާލުމުން އިޒީކިއަލް އައިސް ސޯފާގައި އިށީނެވެ. އެވަގުތު ކޮފީ މޭޒުމަތީ ހުރި ކުރެހުންތައް އިޒީކިއަލްގެ ލޮލުގައި އަޅައިގަތެވެ.

"މީ ހައިކްގެ މަސައްކަތްތަ" އިޒީކިއަލް އަހާލި އެވެ. އަދި ކަރުދާސްތައް ނަގައި އޭގައިވާ ކުރެހުންތައް އޭނާ ބަލަންފެށި އެވެ. މާޔާ އައިސް ވައަތް ފަރާތުން ހުރި ސޯފާގޮނޑީގައި އިށީނެވެ.

"ހައިކްގެ ހައުސް ކުރަހާދިނީ. ދެން ހައުސްގަ އުޅޭ ކުދީން." ކުރެހުންތަކުގެ ހަޤީޤަތް މާޔާ ކިޔާދިނެވެ. ހިނިތުންވެލައިގެން އިޒީކިއަލް އެ ކުރެހުންތައް ބަލަމުންދިޔަ އެވެ.

"ތޭންކްސް." ކޮފީމޭޒު މަތީ ކަރުދާސްތައް ބަހައްޓާލާފައި މާޔާއަށް އިޒީކިއަލް ބަލާލި އެވެ.

"ކޮންކަމަކަށް؟." މާޔާ ސުވާލު އުފެދުނީ އެވެ.

"ފޮޓޯތައް، ވީޑިއޯއާ." އިޒީކިއަލް ބުންޏެވެ.

"ހައިކް ބޭނުންވީ އިޒީކިއަލްއާ ޝެއަރ ކުރަން." މާޔާ ތެދު ހާމަކުރި އެވެ.

"މިޔާ ހާދަ ދުރުންނޭ ތިއުޅެނީ. އަދިވެސް އަހަރެންދެކެ ހިތްހަމަނުޖެހެނީތަ؟." އިޒީކިއަލްއަށް ބުނެވުނެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟." ޖަވާބެއް ދިނުމުގެ ބަދަލުގައި މާޔާ ވެސް ކުރީ ސުވާލެވެ. އިޒީކިއަލް އެންމެ ރަނގަޅޭ ބުނާ ފަދައަކުން ބޯޖަހާލީ އެވެ.

"އިޒިކް ކީއްވެ ހައިކްއާ މެދު ފަރުވާކުޑަކުރީ. އަހަރެންނަށް ނުދީ އެކުއްޖާ ގެންދިޔައީ އެ ޒިންމާ އަމިއްލައަށް ނަގަން. ދެން ކީއްވެ ހައިކް އެހާ އެކަނިވެރި ދިރިއުޅުމެއް އުޅޭން ޖެހުނީ. ކީއްވެ އިޒިކް އޭނާއަށް ވަގުތު ނުދިނީ... ނުބުނާތި ސޫޒަންއާ ހެދިއޭ. ބްލޭމް ކުރާން ވަރަށް ފަސޭހަވާނެ. އެއްފަހަރު ވެސް އަމިއްލައަށް ތިމާއަށް ކަންކަން ކުރެވުނީ ހަމަ އެންމެ ރަނގަޅައްތޯ ބަލާލުން ކިހިނެއްވާނެ. ސޫޒަންގެ ދަރިއެއްނޫން އެކަމަކު އެއީ އިޒީކިއަލްގެ ލޭ. އެހެން އެއްވެސް މީހަކު އަޅާނުލިޔަސް އިޒީކިއަލް ޖެހޭނެ ހައިކްއަށް ބަލަން. އެކުއްޖާ ބޭނުންވާ ކަންކަމަށް ސަމާލުކަން ދޭން." މާޔާގެ ވާހަކަތަކުން އިޒީކިއަލް ދޫކޮށްލީ މާޔޫސްކަމުގެ ފުންނޭވާއެކެވެ.

"ސޫޒަންގެ އިހުމާލެއްނޫން. އަހަރެން ޤަބޫލުކުރަން މިޔާ ތި ދެއްކި ވާހަކަ. ހައިކް ބޮޑުވަމުން އައިއިރު އަހަރެންނަށް ވަގުތެއް ނުދެވޭ. ކިހިނެއްކަން ހައިކް ބޮޑުވަމުން އެ އަންނަނީ ވިސްނާލެވުނީ މާފަހުން. ކަމެއްވިޔަސް ހައިކް ނުބުނެ ހުންނަނީ ސޫޒަންގެ ސަބަބުންކަން ވެސް އެނގުނީ ވަރަށް ފަހުން... ކައުންސެލިންނަށް ގެންދަންފެށީމަ ހައިކް އޯޕަންވާން ފެށީ. އަމިއްލަ އިޙްސާސްތައް ހާމަކުރަން ފެށީ. ހައިކް ބޭނުންވާ ގޮތް އަހަރެންނަށް ވެސް ކިޔާދޭންފެށީ އެހާ ހިސާބުން. އޭގެ ކުރީން އަހަރެންނަށް ވެސް ހީކުރެވުނީ ހައިކްއަކީ ބަސްމަދު މަޑުމަޑުން ހުންނަ ކުއްޖެކޭ. ނައު އައި އޭމް ޓްރައިން. އަހަރެންގެ މެކްސިމަމް މިހާރު ހައިކްއަށް ދެން. އަހަރެންނަށް ހެދުނު ހުރިހާ ގޯހެއް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ. މިޔާ... އަހަރެން އެއްގޮތަކަށް ވެސް ހިޔެއްނުކުރަން އެންމެ ދުވަހަކުން މިޔާއަށް ހައިކް ތިހާބޮޑަށް އެނގިދާނޭ. އެ ދަރިފުޅު ވެސް ތިހާ ގިނަ ވާހަކަތަކެއް މިޔާއާ ޚިއްޞާކުރާނޭ ހިތަކަށް ނާރާ." އިޒީކިއަލް ބުންޏެވެ.

"އަހަރެން ވެސް ހިޔެއްނުކުރަން." މާޔާއަށް ވެސް ބުނެލެވުނީ ބޭއިޚްތިޔާރުގަ އެވެ.

"ކޮންއިރަކުން އޮފީހަށް ނުކުންނަނީ؟. އެތަނުން ކެނޑުނީތަ؟." އިޒީކިއަލް އެހެން ދިމާއަކަށް ވާހަކަ އަނބުރާލި އެވެ.

"ހަފްތާއެއް ފަހުން. ވަޒީފާއިން ވަކިވުމުގެ ޚިޔާލެއްނެތް. އިޒިކް ބޭނުންވަނީ ގޭގައި އިންނަ އަނތްބެއްތަ؟. ކުރީން އަހަރެންވީ އެކަހަލަ އަނތްބަކަށް. އެކަމަކު މިހާރު އެ ވިސްނުމެއްނެތް. ކުރިޔާއި މިހާރާ ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ. އިޒީކިއަލް ހޯދަނީ ކުރީގެ މިޔާއަށް ވިޔަސް އަހަރެން މީ އޭނާއެއްނޫން." ނިކަން ސާފު އިބާރާތުން މާޔާ ބުނެލީ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ޔަޤީންކަމާއެކީ އެވެ.

"އަހަރެންނަށް އަބަދުވެސް ތި ސޫރައިން ފެންނާނީ މިޔާ. އަހަރެން މިޔާއަށް ކަމަކަށް ފޯސް ކުރާކަށްނެތިން. ވަޒީފާއަށް ދިއުމާ ނުދިއުން އެއީ މިޔާގެ އަމިއްލަ ނިންމުމެއް. މީ މިވަގުތު ބުނާ އެއްޗެއްނޫން. ބްލީވް މީ." އިޒީކިއަލް ބުނެލި އެވެ.

"އަހަރެންނާއެކީ ޑިނާއަށް ހިނގައިދާނަންތަ؟." އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި އިޒީކިއަލް ދަޢުވަތު އެރުވި އެވެ.

"މިރޭ." ސުވާލުގެ ނަޒަރަކުން މާޔާއަށް ބުނެވުނެވެ.

"މާދަމާ ރޭ އޯކޭތަ." އިޒީކިއަލް ބުނެލި އެވެ. އޭނާގެ މޫނުމަތީގައިވާ އަސަރުތަކުން މާޔާއަށް ހީނލެވުނެވެ.

"އެންމެ ރަނގަޅު." މާޔާ ބުންޏެވެ.

"އޯ! ތެންކިޔު... އައި ތޯޓް އައި ވޯޒް ޕުޝިން މައި ލަކް." އިޒީކިއަލް ހިވީ ހިފަހައްޓާލައިގެން އިން ނޭވާ ދޫކޮށްލާފައި ވާހަކަދެއްކި ހެންނެވެ. އޭރު ވެސް މާޔާގެ ތުންފަތުން ލުއި ހިނިތުންވުމެއްގެ އަސަރު ފާޅުވެ އެވެ.

"މި ވީކްގެ ދުވަހެއްގައި ހައިކް ބަލާ ސްކޫލަށް އަހަރެން ދިޔަޔަސް އެންމެ ރަނގަޅުތަ؟." މާޔާ އެދުނެވެ.

"ކީއްވެ ރަނގަޅުނުވާންވީ. އަންގާރަ ދުވަސް ކިހިނެއްވާނެ. އަހަރެން ވެސް ތަންކޮޅެއް ފްރީވާނެ އެ ދުވަހު." އިޒީކިއަލް ބުންޏެވެ. މާޔާ އަވަސްއަވަހަށް އެއްބަސްވެލި އެވެ. އޭނާއަށް ކޮންމެ ދުވަހެއް ވެސް ރަނގަޅެވެ. ބޭނުންވަނީ ހައިކްގެ ދިރިއުޅުމާ ގުޅިފައިވާ ހުރިހާކަމެއްގައި މާޔާ ޝާމިލްވާށެވެ.

"އަހަރެންނަށް ހީވަނީ އެހާ ލަސްނުވަނީސް ހައިކް ގޮވައިގެން ދިޔައީމަ ކަންނޭނގެ ރަނގަޅުވާނީ. މާދަމާ ސްކޫލު ދުވަހެއްވީމާ ބަންދު ދުވަހަކާއި ތަފާތުވާނެއެއްނު." އިޒީކިއަލް ފޮނުވާލަން ބޭނުންވެގެން މާޔާ ބުންޏެވެ. ނަސީބަކުން އިޒީކިއަލް މަޑުކުރާކަށް ބަހަނާއެއް ނުދެއްކި އެވެ.

މާޔާއާއެކު އޭނާގެ ކޮޓަރިއަށް އިޒީކިއަލް ވަނެވެ. އެނދުމަތީ އޮތް ދަރިފުޅު ނަގައި ކޮނޑުމައްޗަށް ލަމުން އިޒީކިއަލް ކޮޓަރިން ނުކުތެވެ. އިޒީކިއަލްގެ ކަނާއަތުގެ މުލައްދަނޑީގައި ދަބަސްތައް އަޅުވާލާފައި އޮތެވެ. އޭނާގެ ފަހަތުން މާޔާ އެޕާޓްމެންޓްއިން ނުކުތެވެ. އިމާރާތުގެ ތިރިއަށް މާޔާ ފޭބި އެވެ. އިޒީކިއަލް ކާރަށް އަރަންދެން ދުވާރު މަތީ މާޔާ ބަލަން ހުއްޓެވެ. ކާރު ދުއްވާލަމުން އިޒީކިއަލް އަތުން ހަނާ އަޅާލި އެވެ. މާޔާއަށް އަތް އުފުލާލެވުނީ ގަސްދަކާނުލަ އެވެ.

"އައި ޑޯންޓް ވޯންޓް ދިސް." އިޒީކިއަލް ކާރުގައި ނައްޓާލިތަން ބަލަން ހުރެ މާޔާއަށް ބުނެވުނެވެ.

(ނުނިމޭ)