( 7 ނޮވެމްބަރ 2024 އާ ގުޅޭ )
މާޔާއާއެކު އޭނާގެ ކޮޓަރިއަށް އިޒީކިއަލް ވަނެވެ. އެނދުމަތީ އޮތް ދަރިފުޅު ނަގައި ކޮނޑުމައްޗަށް ލަމުން އިޒީކިއަލް ކޮޓަރިން ނުކުތެވެ. އިޒީކިއަލްގެ ކަނާއަތުގެ މުލައްދަނޑީގައި ދަބަސްތައް އަޅުވާލާފައި އޮތެވެ. އޭނާގެ ފަހަތުން މާޔާ އެޕާޓްމެންޓްއިން ނުކުތެވެ. އިމާރާތުގެ ތިރިއަށް މާޔާ ފޭބި އެވެ. އިޒީކިއަލް ކާރަށް އަރަންދެން ދުވާރު މަތީ މާޔާ ބަލަން ހުއްޓެވެ. ކާރު ދުއްވާލަމުން އިޒީކިއަލް އަތުން ހަނާ އަޅާލި އެވެ. މާޔާއަށް އަތް އުފުލާލެވުނީ ގަސްދަކާނުލަ އެވެ.
"އައި ޑޯންޓް ވޯންޓް ދިސް." އިޒީކިއަލް ކާރުގައި ނައްޓާލިތަން ބަލަން ހުރެ މާޔާއަށް ބުނެވުނެވެ.
ދުރު މީހަކު ފަދައިން އަމިއްލަ ދަރިފުޅާ ބައްދަލު ކުރުން މާޔާގެ ހިތަށް އުނދަގޫ ކުރުވަނީ އެވެ. އޭނާގެ ހިތް އެދެނީ ދަރިފުޅު އަބަދުވެސް އޭނާގެ ގާތުގައި ހުރުމެވެ. ދަރިފުޅަށް ހުރިހާ ކަމެއްކޮށްދޭނެ މީހަކީ އޭނާއަށް ވުމެވެ. ދަރިފުޅުގެ ހަޔާތުން ކޮންމެ ދުވަހެއްގައި މާޔާ ޝާމިލްވުމެވެ.
އެޕާޓްމެންޓަށް ވަދެ ސޯފާގައި މާޔާ ހަމަޖެހިލި އެވެ. ކޮފީމޭޒު މަތިން ހައިކްގެ ކުރެހުންތައް ނަގައި މާޔާ ބަލަން ފެށި އެވެ. އޭނާގެ ހިތް އެދޭ އެދުން ފުރިހަމަވާނީ ކިހިނެއްކަން މާޔާއަށް އެނގެ އެވެ. އެކަމަށް އޭނާއަށް އެއްވެސް ހުރަހެއް ނެތެވެ. އެހެންނަމަވެސް ހިސާބެއްގެ ފަސްޖެހުމެއް އަމިއްލަ ނަފްސުގައިވަނީ އެވެ. ހައިކްއާއެކު ވަގުތު ހޭދަކުރާން ކިތަންމެ ހިތް އެދެމުން ދިޔަ ނަމަވެސް މިފަހަރު މާޔާ އަމިއްލަ ޟަމީރުގެ އަޑު އެހި އެވެ. އަވަސް އަރުވާލުމުގެ ބަދަލުގައި މާޔާގެ ޟަމީރު އޭނާއަށް ވިސްނައިދިނީ އިޒީކިއަލްގެ ކެތްތެރިކަން ހުރި ވަރެއް ބެލުމަށެވެ.
ދެ ހަފްތާ ފާއިތުވެގެން ހިނގައްޖެ އެވެ. ކޮންމެ ދުވަހަކު ހައިކްއާ ބައްދަލު ކުރާނޭ ފުރުޞަތެއް މާޔާއަށް ނުލިބެ އެވެ. އެހެންނަމަވެސް އިޒީކިއަލްއާ ވާހަކަދައްކައިގެން ހަފްތާގެ ވަކި ދުވަސްތަކެއް ހައިކްއާއެކު ވަގުތު ހޭދަކުރެވޭނެހެން ހުސްކޮށްދީފައިވެ އެވެ. އެގޮތުން ހަފްތާއެއްގެ ދެ ދުވަސް ހައިކް ބަލާ ސްކޫލަށް ދާނޭ ފުރުޞަތު މާޔާއަށް ލިބެ އެވެ. ހައިކްއަށް ކިޔަވާދޭ ޓީޗަރުންނަށް އޭގެ ކުރީން ހައިކްގެ މަންމައަކީ ކާކުކަމެއް އެނގިފައެއް ނެތެވެ. ދުވަހަކުވެސް ހައިކްއާއެކު ސުކޫލަށް ސޫޒަން ގޮސްފައި ނެތީ އެވެ. އެހެންވެ ހައިކްގެ މަންމައާ ބައްދަލުވާނޭ ފުރުޞަތެއް އެމީހުންނަށް ލިބިފައިނެތީ އެވެ. ހައިކް ސުކޫލަށް ގެންގޮސް ބަލާ ގޮސް ހެދީ އިޒީކިއަލް ނޫނީ ހިލްމީ އެވެ. އެ މައުލޫމާތު މާޔާއަށް އެނގުނު ހިނދު ހިތަށް އުފާވެރިކަމާ އެއްވަރަށް ދަތިކަން ވެސް ލިބިގެންދިޔަ އެވެ. އެކަމުން މާޔާއަށް އެނގުނީ ސޫޒަން ކުޑަކޮށް ވެސް ހައިކްއަށް ސަމާލުކަމެއްދީފައި ނުވާކަމެވެ. ހަމައެއާއެކު މާޔާ އުފާވީ ހައިކްގެ މަންމަގެ ގޮތުގައި ފުރަތަމަ ވެސް ހައިކްގެ ޓީޗަރުންނަށް ފެނުނު އަންހެނަކަށް ޚުދު މާޔާވީމަ އެވެ. އަމިއްލަ ދަރިފުޅު ބޮޑުވަމުން ކިހާ އެކަނިވެރި ދިރިއުޅުމެއްގައި ބުނާން މާޔާއަށް މިހާރު އެނގެ އެވެ. ދަރިފުޅުގެ ކަމެއްގައި އިހުމާލުނުވާނަމޭ އިޒީކިއަލް ބުންޏަސް އޭނާގެ ބަހަށް ފުރިހަމައަށް އިތުބާރުކުރާން މާޔާ ބޭނުމެއްނުވެ އެވެ. މާޔާއަށް ދަރިފުޅުގެ ހުރިހާކަމެއް ފެންނާނީ އެކުއްޖާގެ ގާތުގައި ހުރެވިގެންނެވެ. އޭނާ އިޒީކިއަލްއާ އަލުން ގުޅޭން ނިންމި ސަބަބަކީ ހަމައެކަނި ހިތުގައި އޮތް ފުންލޯބި އެކަންޏެއްނޫނެވެ. އެ ލޯތްބަށްވުރެ މާޔާ ޚިޔާރުކުރާން ބޭނުންވީ ހައިކް އެވެ. ދަރިފުޅުގެ މުސްތަޤްބަލެވެ. އެކުއްޖާއަށް އެންމެ ފުރިހަމަ ގޮތުގައި ލޯތްބާއި އަޅާލުން ދެވޭނެ ގޮތެވެ.
ސްކޫލުން ނިމިގެން މާޔާ ހައިކް ގޮވައިގެން އައީ އޭނާ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓަށެވެ. އިޒީކިއަލް ގެނެސްދީފައި ހުރި ދަބަހުގައި ހައިކްގެ އަންނައުނު ހުއްޓެވެ. ޓީޝާޓުކޮޅަކާއި ސޯޓެއް ހައިކް ލައްވާލައި އެކުއްޖާއަށް ކާއެއްޗެއް ދޭން މާޔާ އުޅުނެވެ.
"މަންމާ..." ކާމޭޒު ދޮށުގައި ގޮނޑީގައި އިން ހައިކް ގޮވާލި އެވެ. ކަބަޑުސެޓު ކައިރީ ހައިކްއަށް ސޭންޑްވިޗްއަކާއި ފުރުޓުކޮޅެއް ތަށްޓަކަށް އަޅައިދޭން ހުރި މާޔާއަށް ލިބުނީ ސިހުމެކެވެ. ބުނާނޭ އެއްޗެއް ނޭނގިފައި ހުރި ފަދައަކުން މާޔާއަށް ބަލަން ހުރެވުނީ އެވެ.
"މަން...މާ." ދެވަނަ ފަހަރަށް ހައިކް ގޮވާލީ ނަމަވެސް އޭނާގެ އަޑުގައި ޖެހިލުންވުންވި އެވެ. ފުރަތަމަ ފަހަރަށް ގޮވާލުމުން މާޔާގެ ފަރާތުން ޖަވާބެއް ނައީމަ އެވެ. އެކަން މާޔާއަށް ނަގައިގަނެވުނެވެ.
"ކީކޭ ދަރިފުޅު." އަވަސްއަވަހަށް މާޔާ އައިސް ހައިކްގެ ކައިރީ ކަކޫ ޖަހާލި އެވެ. ލޯތްބާއެކު ހައިކްގެ ބަނޑުގައި ކޮއްޓާލަމުން ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލި އެވެ. ހައިކް ދެންކޮށްލީ ކުރީން ނުކުރާ ކަމެކެވެ. އެކުއްޖާ މަޑުމަޑުން މާޔާގެ ކުރުކޮށް އޮތް ފަށުވިކޮޅެއްހާ ފަން އިސްތަށިގަނޑުގައި ފިރުމާލި އެވެ.
"ހައިކް ކްލާސް ކުދީން އެހީމަ ބުނިން ތީ ހައިކް މަންމައޭ. ސައިފް ބުނީ ހައިކްގެ މަންމަ ވަރަށް ރީތިއޯ." ހައިކް މަޑުމަޑުން ބުނެލި އެވެ.
"އެހެންތަ؟." އުފާވެފައި މާޔާ ބުންޏެވެ.
"މަންމަ ދާނަންތަ ހައިކް ދޫކޮށްލާފަ... މަންމަ ނުދައްޗޭ. ހައިކް ބޭނުން މަންމަ އަބަދު ހުންނަން." ހައިކްގެ އަޑުގައި ކަންބޮޑުވުންވި އެވެ.
"މަންމަ ނުދާނަން ހައިކް ދޫކޮށްލާފަ." މާޔާ ވަގުތުން ބުންޏެވެ.
"ޕްރޮމިސްތަ." ހައިކް ނިކަން އަވަހަށް އަހާލި އެވެ.
"ޕްރޮމިސް. ބައިވަރު ފަހަރު ޕްރޮމިސް. ތީ މަންމަގެ ލޯބިވާ ދަރިފުޅެއްނު. މަންމަ އަބަދުވެސް ހުންނާނީ ހައިކްގެ ކައިރީ." ހައިކްގެ ދެއަތްތިލައިގައި ހިފާލައި މާޔާ އެ ދެ އަތުގައި ބޮސްދިނެވެ.
"މަންމަ ކީއްވެ އެހެން ގެއެއްގަ އުޅެނީ. ސައިފްގެ މަންމަ އުޅެނީ ސައިފް ކައިރީގައި. ބައްޕިއާ ހުރިހާ ކުދިން އުޅެނީ އެއްގެއެއްގައޭ ސައިފް ބުނީ. މަންމަ ބުނީމެންނު ތީ ހައިކްގެ އަސްލު މަންމައޭ. ދެން ކީއްވެ މަންމަ މިގޭގަ އުޅެނީ. މިގޭގަ އެއްވެސް ކުއްޖެއް ނޫޅެއެއްނު. މަންމަ ބިރެއް ނުނަގޭނެތަ އެކަނި ހުންނަން. ޑެޑީއާއި ހައިކްއާ މާމައާއި ބޮޑުކާފައާ އެންމެން ކައިރިޔަށް މަންމަ އަންނަންވީނު. ހައިކް ބޭނުން... ހައިކް މޯނިންގަ ހޭލާއިރުގައާއި ނިދާގަޑީގައާ ހުރިހާ ވަގުތެއްގައި މަންމަ ހުންނަން. އަސްލު ހުރިހާ ކުދީންގެ މަންމަ ތިބެނީ އެކުދީން ކައިރީގައެއްނު. ހައިކްގެ މަންމަ ވެސް ހައިކް ކައިރީގަ ހުންނަން ބޭނުމީ." ހައިކް އެހެންޏާ ނުދައްކާ އެތައް ވާހަކައެއް ހާމަކޮށްލި އެވެ.
"މަންމަ ވަރަށް އަވަހަށް ހައިކް ކައިރިޔަށް ދާނަން." މާޔާ މިހެންބުނެލީ މާބޮޑު ވިސްނުމެއްނެތި އެވެ.
"ހައިކް އުޅެނީ މާމަމެން ގޭގަވީމަތަ މަންމަ ނާންނަނީ. ހައިކް ބުނަންތަ މާމަ ކައިރީ މަންމަ ގެއަށް ގެނެސްދޭން ހައިކްމެން ގެއަށް. އޭރުން ހުރިހާ ކުދީންނަށް އެއްކޮށް އުޅެވޭނެއެއްނު. ޑެޑީ ކައިރީ ހައިކް ބުނާނަން މަންމަ އެހެންގެއެއްގައި ނުބަހައްޓާ ހައިކް ކައިރިޔަށް ގެންނާށޭ." ހައިކް ބުންޏެވެ.
"ހައިކް އެހާ ވެސް ބޭނުންތަ މަންމަ ގެންދަން." މާޔާއަށް އަހާލެވުނެވެ. އެއާއެކު ހައިކް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލި އެވެ. އަދި މާޔާގެ އަތުގެ ތެރެއިން ދެ އަތްތިލަ މިނިވަންކޮށްލުމާއެކު އެ ކުޑަކުޑަ ދެ އަތް ޖައްސާލީ މާޔާގެ މޫނުގެ ދެ ފަރާތުންނެވެ.
"މަންމަ ވަރަށް ރަނގަޅު ހައިކްއަށް." އެ ކުޑަކުޑަ ހިތުގައި މާޔާއާމެދު ވަނީ ޚާއްޞަ ޤަދަރަކާއި ލޯތްބެއް އުފެދިފައިކަން ހައިކްގެ ވާހަކަތަކުން އެކުއްޖާ ބުނެދޭން މަސައްކަތް ކުރި އެވެ. މާޔާ ފަދަ މަންމައެއްގެ ލޯތްބާއި އަޅާލުމަށް ހައިކް ހުރީ ބޭނުންވެފައިކަން އެކުއްޖާގެ ވާހަކަތަކުން މާޔާއަށް ދޭހަވާވަރު ކޮށްދިނެވެ. އަދި އެފަދަ އޯގާތެރިކަމެއް އިޙްސާސް ކޮށްދިނުމަށްފަހު މަންމަ ދުރަށް ހިނގައިދާނޭތީ ހައިކް ކަންބޮޑުވަނީ އެވެ. އެކުގައި އުޅޭ އެހެންކުދީން އެ ކުދީންގެ މަންމަގެ ވާހަކަދައްކާ ފަދައިން ހައިކް ވެސް އޭނާގެ މަންމައާއި ޢާއިލާގެ ވާހަކަ ފަޚުރުވެރިކަމާއެކު ޚިއްޞާކުރާން ބޭނުންވާކަން ޔަޤީނެވެ.
* * * * *
އިރާކޮޅުގެ ވަގުތެވެ. ގަޑިން ހަތެއް ޖަހަނީ އެވެ. ހުޅުވުނު ލިފްޓުން ނުކުތް ގޮތަށް އިޒީކިއަލް އައިސް މަޑުކޮށްލީ މާޔާ ދިރިއުޅޭ އެޕާޓްމެންޓް ދޮރުމަތީ އެވެ. އޭނާ ބެލް އަޅާލި އެވެ. ގިނައިރެއްނުވެ ދޮރު ހުޅުވީ މާޔާ އެވެ.
"ރެޑީ." އިޒީކިއަލް އަހާލި އެވެ.
"ހޫމް. އެބައިން ސޯފާގައި." ކުޑަކޮށް އެތެރެއަށް ބަލާލަމުން މާޔާ ބުންޏެވެ.
އިޒީކިއަލް އައީ ހައިކް ބަލަ އެވެ. ދަބަސްތައް ކައިރިކޮށްލައިގެން ސޯފާގައި ހައިކް އިނީ ޓީވީއިން އަޅުވާފައި ހުރި ކާޓޫނަކަށް ގެއްލިފަ އެވެ. ނަމަވެސް އިޒީކިއަލް ވަނުމާއެކު ހައިކްގެ ސަމާލުކަން ބައްޕައަށް ހުއްޓާލައިފި އެވެ. ގެއަށް ދާގަޑި ޖެހުނީތޯ ހައިކް އަހާލީ ދާން ބޭނުންނުވާ ރާގެއްގަ އެވެ. އިޒީކިއަލްއަށް ހީނލެވުނެވެ. އޭނާއަށް ވެސް ދަރިފުޅަށް އަންނަމުންދާ ބަދަލު ވަރަށް ރަނގަޅަށް ފާހަގަވެ އެވެ. އެ ދަރިފުޅު މާޔާއާއެކު ގިނަ ވަގުތު ހޭދަކުރާން ބޭނުންވާކަމެވެ.
"ބާއި ދަރިފުޅު." ދަބަސްތައް ހިފައިގެން އިޒީކިއަލް ހިނގައިގަތުމުން އޭނާއާއެކު ނުކުންނަން އައި ހައިކްއަށް މާޔާ ބުނެލި އެވެ. އެއާއެކު އެކުއްޖާ މަޑުކޮށްލާފައި އައިސް މާޔާގެ ގައިގާ ބައްދާލައިފި އެވެ.
"ބާއި މަންމާ. ހައިކް އަދި އަންނާނަން އިނގޭ." މާޔާގެ ކޮލުގައި ބޮސްދީފައި ހައިކް ބުނެލި އެވެ.
އިޒީކިއަލްއަށް އަޑުއިވުނު ގޮތްހެން ހީވެ އޭނާއަށް ބަލާލެވުނެވެ. ހައިރާންކަމާއެކު އެވެ. ނަމަވެސް އެއީ އޭނާއަށް ހީވި ހީވުމެއްނޫންކަން މާޔާގެ އުޖާލާވެފައިވާ މޫނުމަތި ހެކިދެ އެވެ. ހަޤީޤީ އުފާވެރިކަމުގެ ފުޅާ ހިނިތުންވުމެއް މާޔާގެ މޫނުން ފާޅުވާން ހުއްޓެވެ. އެއީ ކޮންފަދަ ޖާދުވީ ހިނިތުންވުމެއްހޭ އަމިއްލަ ޟަމީރާ އިޒީކިއަލްއަށް ސުވާލުކޮށްލެވުނެވެ. އޭނާގެ ހިތާއި ރޫހު ވެސް އެ ހިނިތުންވުމުގެ އަސަރުގައި ޖެހި ފިދާވެއްޖެކަން ގައިމެވެ. ތަފާތު އޮއެވަރެއްގައި އިޒީކިއަލް ޖައްސައިފި އެވެ. އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރެއްނެތްނަމަ އޭނާ ވަގުތުން އެ ދެމައިން ގެނެސް އޭނާގެ އަތުގެތެރެއަށްލީސްކަން ޔަޤީނެވެ.
"ހާދަ ދުވަހެކޭ އަހަރެން ބޭކާރު މިކޮށްލީ... ކުރީން އަހަރެންނަށް ތި ލޯތްބާމެދު ޔަޤީންކަމެއް ލިބުނުނަމަ..." މާޒީ އަނބުރާ އިޔާދަ ނުކުރެވޭނެކަން އެނގޭއިރު ވެސް އިޒީކިއަލްގެ އަމިއްލަ ހިތް ބޭއިޚްތިޔާރުގައި ރޯލި އެވެ. ދަގައްފާނަށް ދަގަނޑު ދަމާ އުސޫލުން އޭނާއަށް މާޔާއާ ދުރު ނުވެވިގެން އުޅުނުއިރު ވެސް އެއީ ކީއްވެކަން ކުރީން ނުވިސްނުނީ އެވެ. އިތުރު އަންހެނަކު ހަޔާތުގައި ހުރީތީ ވިސްނުން އެހިސާބަށް ގެންދާން ފުރުޞަތު ވެސް ނުލިބުނީ އެވެ. ހިތާމަކުރިޔަސް އެ ދުވަސްތައް މާޒީވެ ހިނގައްޖެ އެވެ. ދެން އަލުން އޭނާ އެފަދަ އަނިޔާވެރިއަކަށް ވާކަށް ނޭދެ އެވެ.
އެހެން ފަހަރުތަކަކޭ އެއްފަދައިން އިޒީކިއަލްއާއެކު ހައިކް ގޮސް ލިފްޓަށް އަރަންދެން މާޔާ ބަލަން ހުއްޓެވެ. ގޭތެރެއަށް ވަނީ އޭގެ ފަހުގަ އެވެ. އެރޭ މާޔާއަށް ނިދާކަށް ފަސޭހައެއްނުވި އެވެ. ހައިކް ދެއްކި ވާހަކަތަކާމެދު ފިކުރު ހިންގެނީ އެވެ. ހައިކް އެ ބުނަނީ އޭނާ އިޒީކިއަލްއާއެކު ފުރިހަމަ ޢާއިލާއެއްގެ ގޮތުގައި ފެންނަން ބޭނުންވާކަމެވެ.
"އިޒިކް އެ ހުންނަނީ އަހަރެން ބުނަންދެން." އެނދުގައި ޚިޔާލުތަކަށް ގެއްލި އޮތް މާޔާ މަޑުމަޑުން ބުނެލި އެވެ.
މާޔާގެ އިންތިޒާރަށް ނިމުން އަތުވެއްޖެ އެވެ. އޭނާ ހިތުގެ އަޑިން އެދެމުން އައީ އޭނާގެ ދަރިފުޅުގެ މަންމަގެ މަޤާމަށް އެކުއްޖާ އޭނާ ގެންނާނޭ ވަގުތެވެ. އެ ވަގުތު އައިސް ޖެހިއްޖެކަން ގައިމެވެ. ހައިކް އޭނާއަށް މަންމާއޭ ގޮވާލައިފި އެވެ. އެކުއްޖާގެ ދިރިއުޅުމުގައި މާޔާ ޝާމިލްކުރާން ބޭނުންވާކަން ވެސް ހާމަކޮށްފި އެވެ. ދެން އޮތީ މާޔާ ނިންމަންޖެހޭ ނިންމުމެވެ.
މާޔާ އެނދުން ތެދުވި އެވެ. ހެޑްބޯޑުގައި ލެނގިލީ ފޯނު އަތަށް ލައިގެންނެވެ. ދެ ޚިޔާލެއްގައި އިނދެފައި އޭނާ އިޒީކިއަލްގެ ނަންބަރަށް "ހާއި" ޖަހާލައިފި އެވެ. ބާރަޖަހަން ކައިރިވެފައި ހުރީތީ ނިދަނީތޯ ވެސް މެސެޖުކޮށްލި އެވެ. އެހިނދު އިޒީކިއަލްގެ ފަރާތުން އިޝާރާތެއް އައީ ނުހަނު އަވަހަށެވެ. މާޔާ މެސެޖު ނުކޮށްގެން އޭނާ ހުރި ފަދަ އެވެ.
(ނުނިމޭ)