(ނޮވެމްބަރު 13 އާ ގުޅޭ)
މާޔާ އެނދުން ތެދުވި އެވެ. ހެޑްބޯޑުގައި ލެނގިލީ ފޯނު އަތަށް ލައިގެންނެވެ. ދެ ޚިޔާލެއްގައި އިނދެފައި އޭނާ އިޒީކިއަލްގެ ނަންބަރަށް "ހާއި" ޖަހާލައިފި އެވެ. ބާރަޖަހަން ކައިރިވެފައި ހުރީތީ ނިދަނީތޯ ވެސް މެސެޖުކޮށްލި އެވެ. އެހިނދު އިޒީކިއަލްގެ ފަރާތުން އިޝާރާތެއް އައީ ނުހަނު އަވަހަށެވެ. މާޔާ މެސެޖު ނުކޮށްގެން އޭނާ ހުރި ފަދަ އެވެ.
"ހެލޯ." އިޒީކިއަލްގެ ފޯނުކޯލު މާޔާ ނެގި އެވެ.
"ހޭލާ މިއުޅެނީ. ޒާހިލްމެންނާއެކީ ބޭރުގައި... ކަމަކުތަ މެސެޖުކޮށްލީ." އިޒީކިއަލް ވާހަކަދެއްކި އެވެ.
"މާދަމާ މީޓުކޮށްލެވިދާނެތަ." މާޔާ އަހާލި އެވެ.
"ކިހާއިރަކު ދާންވީ." އިޒީކިއަލް ނިކަން އަވަހަށް ބުންޏެވެ.
މެންދުރުގެ ކެއުމަކަށް ރެސްޓޯރެންޓަކުން ބައްދަލުކުރާން މާޔާ ހަމަޖެއްސި އެވެ. މާޔާ މާލެ އައިފަހުން އެއީ އިޒީކިއަލްއާއެކު ބޭރަށް ދާން ނިންމި ދެވަނަ ފަހަރެވެ. ފުރަތަމަ ދެ މީހުން ބައްދަލުވި ފަހަރު އިޒީކިއަލް ވަނީ މާޔާއާ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރާން ބޭނުންވާކަން ބުނެފަ އެވެ. އޭނާ މަޑުކޮށްގެން ހުންނަނީ މާޔާ ވަގުތުދޭން އެދުނީމަ އެވެ.
"އަހަރެން ދަންތަ؟." މާޔާ ދުށުމަށް ބޭނުންވެފައި ހުރިވަރުން އިޒީކިއަލް އަހާލި އެވެ.
"މާދަމާ ދިމާވާނެއެއްނު. މިހާރު ތަންކޮޅެއް ލަސްވެއްޖެ. ނިދަން މިއުޅެނީ." މާޔާ އަވަސްއަވަހަށް ބުނެލި އެވެ. އިޒީކިއަލްއާއެކު އެކަނިވާން މާޔާ ޖެހިލުންވަނީ އެވެ. ދެމެދުގައި ހިނގައިގެން ނުވާނޭ ގުޅުމަކަށް މަގުފަހިވެދާނޭތީ އެވެ. ކުރީގެ އެއްވެސް ކަމެއް އަލުން ތަކުރާރުވާކަށް މާޔާ ނޭދެ އެވެ. އައު ފެށުމަކުން ފަށާނަމަ އޭނާ ބޭނުމީ ރަނގަޅު ގޮތުގައި ފަށާށެވެ. ގަދަކަމުން މާޔާ އެއްބަސްކުރުވާކަށް އިޒީކިއަލް ވެސް މަސައްކަތެއް ނުކުރި އެވެ. އިޒީކިއަލްއަށް ފޯނުކޯލު ކުރުކޮށްލަން ޖެހުނީ އެހެންވެ އެވެ. އޭނާ އިސްނެގި ނަމަވެސް މާޔާގެ ފަރާތުން ދުރުކަން މާބޮޑަށް އިޙްސާސް ކުރެވެ އެވެ.
* * * * *
ހެނދުނުގެ ވަގުތެވެ. މާޔާ އިނީ ބެލްކަނީގައި ހުރި ގޮނޑީގަ އެވެ. ދެ އަތުން ކޮފީޖޯޑުގައި ހިފަހައްޓާލައިގެން އޭނާ އިނީ ޚިޔާލަކަށް ގެއްލިފަ އެވެ. ވިސްނަމުން ދިޔައީ ވަޒީފާއާމެދު އެވެ. އޭނާ އޮފީހުން ޗުއްޓީ ނަގަން ޖެހުނީ ދެކުނުގެ ޕްރޮޖެކްޓްގެ އެންމެ ފަހުގެ ކަންކަން ކުރިޔަށް ދަނިކޮށެވެ. އެއީ މާޔާ މަޤާމާ ހަވާލުވިފަހުން ކުރިޔަށް ގެންދިޔަ ފުރަތަމަ މަސައްކަތެވެ. އެކަން ނުނިމެނީސް ހާލަތު ނިޔާކުރިގޮތުން އެތައް ދުވަސްތަކެއް މިވަނީ އޮފީހާ ދުރުގައި އޭނާ ހޭދަކޮށްފަ އެވެ. ނަމަވެސް މިހާރު އަލުން އެނބުރި އޮފީހަށް ނުކުތުމުގެ ޚިޔާލުތައް ސިކުނޑީގައި ހިނގަން ފަށައިފި އެވެ. މާޔާ ގަސްދުކުރަނީ ރާހިންއަށް ގުޅާފައި އެ ވާހަކަ ބުނާށެވެ. އޭނާ މާލެ އައިއިރު ވެސް ރާހިން ވަނީ އޭނާ އެނބުރި މަސައްކަތަށް ނުކުންނަންވީމާ ގުޅަން ބުނެފަ އެވެ. މާޔާގެ ވަޒީފާއަށް އެއްވެސް ބަދަލެއް ނާންނާނޭކަމަށް ރާހިން އޮތީ ވަޢުދު ވެސް ވެފަ އެވެ.
"މިހާ ދުވަސްވީއިރު ރާހިންގެ ޚަބަރެއް ނުވަނީ ކީއްވެބާ. އަހަރެން ގުޅާތޯތަ އެ ހުންނަނީ. ހައިކް މުހިންމުވީވަރުން އަހަރެންނަށް ރާހިންގެ މަތިން ވެސް ހަނދާންނެތުނީ." މާޔާ އަމިއްލަ ނަފްސާ ވާހަކަދެއްކި އެވެ.
ހަލުވިކޮށް ގޮނޑިން ތެދުވެގެން މާޔާ ގޭތެރެއަށް ވަނެވެ. ހެނދުނުހެނދުނާ ކުރީން ވެސް ރާހިން އޭނާއަށް ގުޅާކަން މާޔާއަށް އެނގެ އެވެ. އެހެންވެ އޭނާ އަވަހަށް އައިސް ފޯނު ނެގި އެވެ. ރާހިންއަށް މެސެޖުކޮށްލި އެވެ. މިވީ ދުވަސްތަކުގައި ރާހިން ކޮބާތޯ ބަލާނުލާ ހުރެފައި ކަމެއް ޖެހުމުން ޚަބަރުވާތީ އެކަމާ ވެސް މާޔާ މަޢާފަށް އެދުނެވެ.
މާޔާއަށް ރާހިން މެސެޖުކުރި އެވެ. އޭނާ އިރުކޮޅަކުން އެބަގުޅަން ކަމުގައި ބުންޏެވެ. އިންތިޒާރުގައި ފޯނަށް ބަލަން މާޔާ އިނެވެ. އެގޮތުގައި ފަނަރަވަރަކަށް މިނެޓު ފާއިތުވީ ފަހުން ރާހިންގެ ކޯލު އަތުވެއްޖެ އެވެ. މާޔާ އަވަހަށް ފޯނުކޯލަށް ޖަވާބުދިނެވެ.
"އަހަރެންދެކެ ރުޅިއައިސްފަތަ؟." މާޔާ އަހާލި އެވެ.
"ނޫން. އަހަރެން މިހުރީ މާޔާއަށް ވަގުތުދީގެން. އަމިއްލަ ދިރިއުޅުން ހަމައަކަށް އަޅުވަން ވަގުތު ބޭނުންވާނެ ދޯ." އިވިގެން ދިޔައީ އަބަދުވެސް އިވޭ ރާހިންގެ ހިތްހެޔޮކަން އެކުލެވިފައިވާ އަޑެވެ.
"އާން. ހައިކް... ހައިކް އަހަރެންނަށް މަންމަ ކިޔައިފި." އުފާވެރިކަމާއެކު މާޔާ ބުންޏެވެ. އަދި މިވީ ދުވަސްތަކުގައި ކަންތައްތައް ހިނގައިދިޔަ ގޮތް ރާހިންއަށް އޭނާ ކިޔައިދިނެވެ. މާޔާ ގަސްދުކުރާ ގޮތް ވެސް ރާހިންގެ ގާތުގައި ބުންޏެވެ.
"މިހާރު އެނގިއްޖެ ހަޤީޤަތުގައި ވެސް މާޔާ ތިއިނީ އުފަލުންކަން. އަހަރެންނަށް އެނގޭ މާޔާ ބޭނުމީ ދަރިފުޅުކަން. އެ ދަރިފުޅަށް ޓަކައި އިޒީކިއަލްގެ ގާތަށް މާޔާ ދާނެކަން. މާޔާ ހިތްހަމަޖެހިގެން އުޅެން އަހަރެން އެދެނީ. މާޔާއަށް މިހާރު މީ އިޒީކިއަލްއަށް ޖަވާބެއްދޭންވީ ވަގުތުކަމަށް ފެންނަންޏާ އެހެން ކަންތައް ކުރޭ. ތި ދެއްކީ ރަނގަޅު ވާހަކަ. ދުރުގައި ދެ މީހުން އުޅުމަށްވުރެ ހައިކްއަށް ވެސް ރަނގަޅުވާނީ މަންމައާއި ބައްޕަ ކައިރީގައި ތިބީމަ." ރާހިންގެ ޚިޔާލު އޭނާ ފާޅުކުރި އެވެ.
މާޔާ އެނބުރި އޮފީހަށް ނުކުންނަން ގަސްދުކުރާކަން ވެސް ރާހިން ގާތުގައި ބުންޏެވެ. ކައިވެނި ކުރިޔަސް ވަޒީފާ ދޫކޮށްލަން މާޔާ ބޭނުންނުވާކަން ބުނެ އެ ނިންމުން އެއީ ގޯސް ނިންމުމެއްތޯ މާޔާ އަހާލީ ރާހިންގެ ޚިޔާލަކަށެވެ. އެއާއެކު ރާހިން ފާހަގަކުރީ ވަޒިފާގައި އުޅޭ ކިތައް މަންމައިން ދަރީންގެ ކަންތައްތައް ބަލަހައްޓާކަމެވެ. މާޔާއަށް ވެސް ވާނޭކަން ރާހިން ބުނެލީ ހިތްވަރުދެމުންނެވެ. އެއްވެސް ގޮތެއް ނެތިގެން ނޫނީ ވަޒީފާ ދޫކޮށްނުލާން ރާހިން ބުންޏެވެ.
"މައްސަލައަކީ އަހަރެން ނުކުންނަތާ ގިނަ ދުވަހެއްނުވެ އަނެއްކާ ވެސް ޗުއްޓީއެއް ނަގަން ޖެހޭނެތީ. އެއީ އިންސާފުވެރި ގޮތަކަށްނުވާނެ ކަންނޭނގެ. އެކަމަކު ކައިވެންޏަށް ބްރޭކެއް ބޭނުންވާނެ." މާޔާއަށް ބުނެވުނެވެ.
"ކައިވެންޏަށް ޗުއްޓީ ލިބޭނެ ކޮންމެ ސްޓާފަކަށް ވެސް. އެހެންވީމަ އެކަމާ މާޔާ ނުވިސްނާ. އަހަރެން މިއަދު އެކޮޅަށް ގުޅާނަން. މާޔާ ނުކުންނާނޭކަން އަންގާނަން. ކުރިއެކޭ އެއްގޮތަށް މާޔާގެ ހުރިހާކަމެއް ހަމަޖެހިފައި ހުންނާނީ." ރާހިން ބުންޏެވެ.
ރާހިންއާ ވާހަކަދައްކަން އިނދެފައި އެ ކޯލު ނިންމާލާފައި މާޔާ ދެން ގުޅީ ފައިނާނަށެވެ. އިޒީކިއަލްއާ ބައްދަލުކޮށް ކައިވެނީގެ ވާހަކަދައްކަން ގަސްދުކުރި ވާހަކަ މާޔާ ޚިއްޞާކުރި އެވެ. ޒާހިލް ކައިރީ އެއިން އެއްވެސް ވާހަކައެއް ނުބުނަން ވެސް މާޔާ ބުނެލި އެވެ. މާޔާ ރާވާފައި އޮތް ގޮތް ފައިނާނަށް އޭނާ ތަފްސީލުކޮށް ކިޔާދިނެވެ.
* * * * *
ކާރު ޕާކުކޮށްލާފައި އިޒީކިއަލް ކާރުން ފައިބައިގެން އައިސް މަގުގެ އެއްފަރާތުގައި އޮތް ދުވާރު މައްޗަށް އެރި އެވެ. ހުޅުމާލޭގެ އަތިރިމައްޗަށް ނުކުމެވޭނެހެން ހުރި ގޯޅީގެ ދެފަރާތުގައި އެތައް ރެސްޓޯރެންޓްތަކެއް ހުއްޓެވެ. އިޒީކިއަލްއަށް އޭނާގެ މަންޒިލް އެނގެ އެވެ. ތަންކޮޅަކަށް ހިނގާލާފައި އައިސް އޭނާ ރެސްޓޯރެންޓަށް ވަނެވެ. މެންދުރުގެ ވަގުތު އެތަން ފެންނަނީ ހުސްކޮށެވެ. މޭޒުގެ ދޮށުގައި އިން މާޔާ އެހާ ފަސޭހައިން އިޒީކިއަލްއަށް ފެނުނީ އެހެންވެ އެވެ. އޭނާ އައިސް މާޔާގެ ކުރިމަތިން އިށީނދެއްޖެ އެވެ.
"ހާއި. ވަރަށް ގިނައިރުވެއްޖެ. އަހަރެން ހުރީ ބަލާދާންވެގެން." އިޒީކިއަލް ވާހަކަދެއްކި އެވެ.
"އޯޑަރ ދޭންވީނު. އަހަރެންގެ ޓްރީޓެއް." މޭޒުމަތީ އޮތް މެނޫ އިޒީކިއަލްގެ ކައިރިޔަށް ޖައްސާލަމުން މާޔާ ބުންޏެވެ. އިޒީކިއަލް އެހިނދު ބަލާލީ ފަރުވާތެރި ބެލުމަކުންނެވެ. ކިރިޔާ ފާޅުވެލާ ވަރަށް އިޒީކިއަލްގެ ތުންފަތް ދެމިލި އެވެ. ދެން އޭނާ މާޔާ އެދުނު ފަދައިން ކާއެއްޗަކަށް އޯޑަރު ދޭން މެނޫ ބަލަން ފެށި އެވެ.
އޯޑަރު ނަގައިގެން ވެއިޓަރު ކުއްޖާ ދިއުމުން އިޒީކިއަލްގެ ނަޒަރު މާޔާއަށް ހުއްޓާލި އެވެ. މިފަހަރު އޭނާ އެއްޗެކޭ ނުބުނެ މަޑުކުރީ އެވެ. މާޔާއަށް ވެސް ބަލާލެވުނު ހިނދު ދެ މީހުންގެ ނަޒަރު ސީދާވެލި އެވެ.
"އިޒީކިއަލްއާ އަހަރެން ދިމާވީ ވަރަށް ނިކަމެތި ހާލެއްގައިވަނިކޮށް. އަހަރެންގެ ހާލަތު އޭރު ވެސް ކިޔާދިނިން. ހަޤީޤަތުގައި އަހަރެން އެހާ އަވަހަށް މީހަކާ އިންނާކަށް ބޭނުމެއްނޫން. ތަޤްދީރު އަހަރެންނަށް މަޖުބޫރުކުރީ އިޒީކިއަލްގެ އެހީތެރިކަމަށް އެދޭން. މިއަދު ހާލަތު ވަރަށް ތަފާތު. މިއަދު އަހަރެންނަށް އަމިއްލަ އިޚްތިޔާރު އެބައޮތް. އަހަރެންދެކެ ލޯބިވާ އަހަރެންނަށް އެހީތެރިވާނެ މީހުން ވެސް އެބަތިބި."
"ތިބުނަނީ ރާހިންގެ ވާހަކަތަ؟." މާޔާގެ ވާހަކަ ނުނިމެނީސް އިޒީކިއަލް އަހާލި އެވެ. އެއާއެކު މާޔާ ބޯޖަހާލަމުން ވާހަކަދައްކަން ފެށި އެވެ.
"އާން. އަހަރެން ހިތަށް އަރާ ރާހިންއާ ކުރީން ބައްދަލުވީނަމައޭ. އެކަމަކު އަހަރެންނަށް އެނގޭ އެއީ އަދި ރަނގަޅު ވިސްނުމެއް ނޫންކަން. އެހެންވީނަމައޭ... މިހެންވީނަމައޭ... ނަމަނަމައޭ ކިތަންމެ ވަރަކަށް ވެސް ކިޔިދާނެ. އެކަމަކު ހަޤީޤަތް ބަދަލެއްނުވާނެ. މާޒީއެއް ބަދަލެއްނުވާނެ. އަހަރެންގެ ހިތާއި ނަފްސުގައި ހުރި އުނިކަމެއް އެއީ އަހަރެންނަށް ރާހިން ފަދަ ރަނގަޅު މާތް އިންސާނަކު ބަލައިނުގަނެވުން."
"މިޔާ އޭނާދެކެ ލޯބީވީތަ؟." އިޒީކިއަލް އަހާލީ ނާހާ ނީނދެވުނު ފަދައަކުންނެވެ. މަޑުމަޑުން އިޒީކިއަލްގެ ޠަބީޢަތަށް ބަދަލު އަންނަން ފެށި އެވެ. މާޔާގެ ދުލުން އެހެން ފިރިހެނަކަށް ތަޢުރީފުކުރާ އަޑު އަހާކަށް އިޒީކިއަލްއަށް ކެތެއްނުވާނެ އެވެ.
"އިޒީކިއަލްއަށް އަދިވެސް ނޭނގޭތަ އަހަރެން ލޯބިވަނީ ކާކުދެކެކަން." މާޔޫސީ ރާގެއްގައި މާޔާއަށް ބުނެވުނެވެ.
"އެނގޭ... މިޔާ ޤަބޫލުކުރަންތަ އަހަރެން މިޔާދެކެ ލޯބިވާކަން. އަހަރެންނަށް އެނގޭ. ޤަބޫލު ވެސް ކުރާން. މިހިސާބަށް އައިއިރު އަހަރެން ގޯސްތަކެއް ހެދީން. މިޔާ ވަރިކުރީ އަހަރެން އެގޮތަށް މާކުރިން ނިންމާފައި އޮތީމަ. އެކަމަކު 5 އަހަރު ފަހުން މިޔާ ފެނުނީމަ އަނެއްކާ ވެސް ހަނދާންވީ ކައިވެނީގެ ދުވަސްތައް. ދުރުގައި ހުންނަން އުނދަގޫވީ. މިޔާއަށް މަޖުބޫރުކޮށްގެން އަހަރެން ކައިރިވީ. އެއީ އަހަރެން ހެދި ވަރަށް ބޮޑު ގޯހެއް. ޕްލީޒް މިޔާ. ޕްލީޒް... ހުރިހާކަމަށް މަޢާފްކޮށްފައި އަހަރެންނަށް އަދި އެންމެ ފުރުޞަތެއް ދީ. އަހަރެން މިޔާއަށް ވަފާތެރިވާނަން. އަބަދަށް ވަފާތެރިކަމާއެކީ މިޔާއާއެކީ ހުންނާނަން. ވަރަށް ލޯބިވޭ. އަހަރެންގެ މިލްކަކަށް ތި ލޯބި ހަދަން އަހަރެން މިވަނީ ކެތްމަދުވެފައި." އިޒީކިއަލް މިހެންބުނެ މޭޒުމަތީ އޮތް މާޔާގެ ކަނާއަތްތިލައިގައި ހިފާލި އެވެ.
"އަހަރެން ވެސް ވަރަށް އިންތިޒާރު ކޮށްފީން އަހަރެންނަށް ތި ލޯބި މިލްކުވޭތޯ. ވަރަށް މަސައްކަތް ވެސް ކުރީން." މާޔާ ބުންޏެވެ.
"އަހަރެންނަކީ މިހާރު މިޔާގެ މީހެއް. އިތުރަށް އިންތިޒާރު ކުރާކަށް ނުޖެހޭނެ. މިޔާ... އަލުން ކައިވެނިކުރާން ހިނގާ. މިގޮތަށް ދުރުގައި ދުވަސްތަކެއް ބޭކާރު ކުރަންވީ ކީއްކުރަން. އަހަރެން މިޔާ ބޭނުން. ވަރަށް ބޭނުން." އިޒީކިއަލްގެ އަޑުގައި އާދޭސްވި އެވެ.
"އަހަރެން ކައިވެނި ކުރާން ތައްޔާރު." މާޔާ ބުންޏެވެ.
"ހަމަތެދެއްތަ؟. އަދި އެއްފަހަރު ބުނެބަލަ." ފުޅާ ހިނިތުންވުމަކާއެކު އިޒީކިއަލް ވާހަކަދެއްކި އެވެ.
"އަހަރެން ރެޑީ... ޓު ބީ ޔޯސް އަގައިން." މާޔާ ބުންޏެވެ.
"މިއަދު މަންމައާ ވާހަކަދައްކާނަން. އަހަރެންނަށްވުރެ ބޮޑަށް މިޔާގެ ވާހަކަ ހައިކް އޮތީ މަންމައަށް ކިޔާދީފައި. އަހަރެންގެ ޢާއިލާގައި ތިބީ ކާފައާއި މަންމަ އެކަނި. އެމީހުންގެ ގާތަށް މިޔާ ގެންދަން އަހަރެން ބޭނުން. މަންމަ ވަރަށް ރަނގަޅުވާނެ. އަހަރެން ހުރިހާ ވާހަކައެއް މަންމައަށް ކިޔާދިނިން. މަންމަ އެދުނީ ރާހިންއާ މިޔާ ކައިވެނި ކުރާން އުޅޭނަމަ އެ ދެމެދަށް ނުވަންނަން. އަހަރެން އެ އަޑުއަހަން ވަރަށް މަސައްކަތްކުރީން. ކެތްނުކުރެވިގެން ޑުބާއީއަށް ފުރާން އުޅެނިކޮށް މިޔާ މާލެ އައިކަން އެނގުނީ. ވަރަށް ހެޕީވެއްޖެ. ތެންކިޔު... އަހަރެންނަށް އިތުރު ފުރުޞަތެއް ދިނީމަ. އައި ލަވް ޔޫ." މިޔާގެ އަތްތިލައަށް ބާރުކޮށްލަމުން އިޒީކިއަލް ބުންޏެވެ.
"އަހަރެންގެ ނެތް އިޒީކިއަލްއާ ބައްދަލުކޮށްދޭނެ ޢާއިލާއެއް. ބައްޕަ ހުރިނަމަ އިޒީކިއަލްއާ ވަރަށް ސުވާލުކުރާނެ." މާޔާއަށް ބުނެވުނީ ބޭއިޚްތިޔާރުގަ އެވެ.
"ބައްޕައަށް ހާޓްއެޓޭކެއް ދޯ ޖެހުނީ." އިޒީކިއަލް އަހާލި އެވެ.
"ނޭނގެ. އަހަރެންނަށް އެއްވެސް އެއްޗެއް ނޭނގެ. ދޮންތަ އުޅުނީ ހުރިހާކަމެއްގައި. އަހަރެން ގެންދިޔައީ ހަމައެކަނި ސަހަރާއަށް. ބައްޕަ ވަޅުލަން ތައްޔާރުކުރި ފަހުން. އަހަރެން އުޅެބޮޑުވި ގެއިން އަހަރެން ނެރިލީ. އެ ގެއާއި ހުރިހާ މުދަލަކީ ބައްޕަގެ އެއްޗެއް. އަހަރެން ނޫނީ ބައްޕަގެ ދަރިއަކު ހުރީކީނޫން. އެކަމަކު އާމިލްބެ ބުނީ ބައްޕަ ހުރިހާ އެއްޗެއްގެ މިލްކުވެރިއަކަށް ދޮންތަ ހެދި ވާހަކަ. އަހަރެންނަށް ބައްޕަގެ އަތުން އެއްވެސް އެއްޗެއް ނެތް. ބައްޕަގެ މަރަށް ސައުވީސްގަޑިއިރު ވެސް ނުވޭ... އުމުރުން ހަ އަހަރުން ފެށިގެން ދޮންތަގެ ކައިރީ އަހަރެން ބޮޑުވަމުން އައީ. އެކަމަކު ދޮންތަގެ ހަޤީޤަތް ވެސް އެނގުނީ އެރޭ. އަހަރެން ދާނޭ ތަނެއް ނުހުންނާނޭކަން ވެސް އެނގޭނެ. ގަދަކަމުން ގެއިން ނެރިލީ... ދެން އެވާހަކަތައް ބަހައްޓާ. އަހަރެންވެސް މިހާރު ނުދެކެން އެއީ އަހަރެންގެ ބޮޑުދައިތަކަމަކަށް." މިޔާ ބުންޏެވެ.
"މިޔާ... ބައްޕަގެ މަރުގެ ވާހަކަ ތަންކޮޅެއް ތަފްސީލު އަހަރެންނަށް ކިޔާދީފާނަންތަ. މަޒީދަކީ ނަންހިނގާ ވިޔަފާރިވެރިއެއް. އޭނާ އަމިއްލަ ދަރިއަށް ނިކަމެތިވާނޭހެން ނިންމުމެއް ނިންމަފާނޭ އަހަރެންގެ ހިތެއް ނުބުނޭ. ތިކަމުގައި ކޮންމެވެސް ގޯހެއް އެބައުޅޭ." މިޔާގެ ވާހަކަތައް އަޑުއަހަން އިނދެފައި އިޒީކިއަލް ވާހަކަދެއްކީ ނިކަން ސީރިއަސްކޮށެވެ.
(ނުނިމޭ)