ވާހަކަ

މިލްކުވާނެބާ

( 25 އޮކްޓޯބަރ 2024 އާ ގުޅޭ )

ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ހިތަށް ވިސްނައިދެމުން މާޔާ ފުންނޭވާތަކެއް ދޫކޮށްލި އެވެ. ނަފްސު ހަމައަކަށް އެޅިލުމުން އޭނާ ދޮރުހުޅުވާލި އެވެ. ދެން ލިބުނު ހައިރާންކަން ވަކިން ބޮޑެވެ. ދެ ލޯ ބޮޑުކޮށްލައިގެން މާޔާއަށް ބަލަން ހުރެވުނީ ކުރިމަތީން ފެންނަ އިޒީކިއަލްގެ ވައަތުގެ އިނގިލިތަކުގައި ހިފާލައިގެން ހުރި ހައިކްއަށެވެ.

ކުޑަކުޑަ ހައިކްގެ ނަޒަރު ވެސް ހުރީ މާޔާއަށް ހުއްޓިފަ އެވެ. ފިނިވަމުން އައި މާޔާގެ ދެ އަތްތިލަ އެއް އަތް އަނެއްއަތުގެ ތެރެއަށްލާ މޮޑެލެވުނެވެ. އެހިނދު އިޒީކިއަލް ވާހަކަދައްކައިފި އެވެ.

"އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟." މަޑުމައިތިރި އަޑަކުން އިޒީކިއަލް އަހާލި އެވެ.

"ވަދޭ..." ކަމެއް ހަނދާންވީ މީހަކުހެން ކުއްލިއަކަށް މާޔާ މިހެންބުނެ ފަހަތަށް ޖެހިލައިފި އެވެ.

ހައިކް ގޮވައިގެން އިޒީކިއަލް އައިސް އިށީނީ ސޯފާގެ މެދެއްހާ ހިސާބުގަ އެވެ. ވައަތް ފަރާތުގައި އޭނާއާ ޖެހިގެން ހައިކް ބައިންދާލި އެވެ. އެޕާޓްމެންޓްގެ ދޮރު ލައްޕާލާފައި މާޔާ އައިސް ހުއްޓިލީ އިޒީކިއަލްގެ ވައަތް ފަރާތަށް ހުރި ސޯފާގޮނޑީގެ ކައިރީ އެވެ.

"މިވަގުތު ގެއަކު އެކައްޗެއް ވެސް ނެތް." ހައިކްއަށް ބަލާލާފައި އިޒީކިއަލްއާ ނަޒަރު ސީދާކޮށްލަމުން މާޔާއަށް ބުނެވުނެވެ. ހަޤީޤަތުގައި އޭނާ ދެރަވީ ހައިކް އައި ފުރަތަމަ ފަހަރު އެކުއްޖާއަށް ދިއްކޮށްލާނޭ އެއްވެސް އެއްޗެއް އޭނާގެ އަތުގައި ނެތީމަ އެވެ. އައިސްއަލަމާރި ހުރީ ހުހަށެވެ. މާލެ އައިތާ ގިނައިރުތަކެއް ނުވެގެން އުޅޭއިރު އޭނާއަށް ވިޔަފާރިކުރާން ދާނޭ ވަގުތެއް އަދިނުވޭ ވިއްޔާ އެވެ.

"އިޓްސް އޯކޭ. ޑެޑީއާއި ހައިކް މިއައީ ވިސިޓްކޮށްލަން ދޯ." ހައިކްގެ ކޮނޑުގައި ހިފައި ކައިރިކޮށްލަމުން އިޒީކިއަލް ބުންޏެވެ. އެއާއެކު އެކުއްޖާ ވެސް ނިކަން އަވަހަށް ބޯޖަހާލައިފި އެވެ. މާޔާއަށް ފާހަގަކުރެވުނީ ހައިކް އާދަޔާ ޚިލާފަށް އޭނާއާ ދިމާއަށް ބަލާކަމެވެ.

"އިށީނދެބާ." މާޔާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން އިޒީކިއަލް ގޮނޑިއަށް އިޝާރާތްކޮށްލި އެވެ. މާޔާ އިށީނުމުން ދެން ވެސް ވާހަކަދެއްކީ އިޒީކިއަލް އެވެ.

"މިގަޑީގައި އައީމަ އުނދަގޫވީތަ؟." އިޒީކިއަލް އަހާލި އެވެ.

"ޒާހިލްތަ ބުނީ." މާޔާ އަހާލި އެވެ. އެއާއެކު އިޒީކިއަލް ހޫން ލައްވާލަމުން ބޯޖަހާލައިފި އެވެ.

"އެކަނި ވާހަކަދައްކާލެވިދާނެތަ؟." ހައިކްގެ ކުރިމަތީ ވާހަކަދައްކަން އުނދަގޫވެގެން މާޔާއަށް ބުނެވުނެވެ.

އެއްބަސްވުމުގެ ގޮތުން އިޒީކިއަލް ބޯޖަހާލާފައި ތެދުވި އެވެ. އެހިނދު މާޔާ ޓީވީގެ ރިމޯޓް ހޯދާލައިފި އެވެ. ޓީވީ ހުޅުވާލުމާއެކު ކުޑަކުދީންގެ ޗެނަލަކަށް ލައިފި އެވެ. ހައިކް ކައިރީ ޓީވީ ބަލަން އިންނަން އިޒީކިއަލް ބުންޏެވެ. އެކުއްޖާ ބަހެއްނުކިޔާ ބޮލުން އިޝާރާތްކޮށްލީ އެވެ. މާޔާ ނުކުތީ ސިޓިންރޫމުން ނުކުމެވެން ހުރި ބެލްކަންޏެވެ. އަދި އެމީހުންނަށް ނުކުމެވުމުން ބިއްލޫރި ދޮރު ދަމާލީ ހައިކްއަށް އެމީހުންގެ އަޑު އިވިދާނެތީ އެވެ.

"ސޮރީ މިޔާ. އަހަރެންނަށް އިތުރަށް އެންމެ ސުކުންތެއް ވެސް މަޑުނުކުރެވުނީ. މިޔާ އަތުވެއްޖެކަން އެނގުމާއެކު ބައްދަލުކުރާން ބޭނުންވީ. ގުޅަން ނުކެރުނީ ފޯނު ނުނަގާފާނެތީ... މިވީ ދުވަސްތަކުގައި މިޔާގެ ނަންބަރަށް އަހަރެން ގުޅިން. އެކަމަކު ނުއެއް ގުޅޭ. ހިތަށް އެރީ އަހަރެން އެކަނި އަތުވެއްޖެއްޔާ ބައްދަލުނުކޮށްފާނޭ އެހެންވެ ހައިކް ގެނައީ." ދެ މީހުން އެކަނިވުމާއެކު އިޒީކިއަލް ވަގުތުން ވާހަކަދައްކަން ފެށި އެވެ. މާޔާއަށް ޤަބޫލުކުރާން އުނދަގޫވި އެވެ. ދެ އަތް ޖޯޑުކޮށްލާ ވަގުތުން މަޢާފަށް އެދިލީ ގޮތުން އިޒީކިއަލްގެ ބޮޑާކަން ކޮބާބާއޭ މާޔާގެ ހިތަށް އެރި އެވެ.

"ކީއްވެ އިޒީކިއަލްއަށް ތިހާ ބޮޑު ބަދަލެއް އައީ؟." ސުވާލާއި ހައިރާންކަން އެކުލެވިފައިވާ ފަދަ ނަޒަރަކުން ބަލަން ހުރެ މާޔާ އަހާލި އެވެ.

"ޔޫ ޑޯންޓް ވޯންޓް ޓު ބިލީވް މީ." އިޒީކިއަލް އިސްޖަހާލައި މިހެން ބުނެލިއިރު އޭނާގެ ތުންފަތަށް ވެރިވީ މާނަވީ ހިނިތުންވުމެކެވެ. ޚުދު އޭނާއަށް އައިސްގެން އުޅޭ ބަދަލު އަމިއްލަ ނަފްސަށް ވެސް ޤަބޫލުކުރެވެޔޭ ހީވާ ކަހަލަ އެވެ.

"ކޮންމެ ގޮތަކަށް ކުރެވުނަސް މިޔާއާ ކުރި ކައިވެންޏަކީ އަހަރެންގެ ވެސް ފުރަތަމަ ކައިވެނި... ތީ އަހަރެންގެ ފުރަތަމަ އަނބިމީހާ. ދެމަފިރިންގެ ގޮތުގައި ދިރިއުޅުން ކުރިޔަށް ގެންދާނޭ ގޮތެއް އަހަރެންނަށް ކުރީން އެނގިފައެއްނޫން އޮތީ. ކޮންމެ ތަޖުރިބާއަކީ އަހަރެންނަށް ވެސް އާ ކަންކަން... އަހަރެން ޤަބޫލުކުރާން ބޭނުންނުވިޔަސް ބައެއް ދުވަސްތަކުގައި، ބައެއް ވަގުތުތަކުގައި އަހަރެން މިޔާގެ އިޙްސާސްތަކުގައި ޖެހި ނަފްސުގެ ކޮންޓްރޯލު ގެއްލޭ. މިޔާއާއެކު ދިރިއުޅުން ކުރިޔަށް ގެންދިއުމުގެ ޚިޔާލުތައް ވެސް އާދޭ. އެހެންވާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސުދެކެ ރުޅި އާދެވޭ. ވަކި މަޤްޞަދެއްގައި ކުރި ކައިވެންޏެއްގައި އަހަރެންގެ ހިތުގެ މައްޗަށް ބާރު ނުފޯރުވައިފިނަމަ ދެންވާނީ ކިހިނެއްކަން އަހަރެންނަށް އެނގޭ... އަލުން ފަށަފަށައިގެން ސޫޒަންގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން. އަހަރެންނަކީ ކޮންމެ އަންހެނަކާއެކީ ސެކްސް ހަދާނޭ މީހެއްނޫން. ސޫޒަންދެކެ ލޯބިނުވާކަން އަހަރެންނަށް އެނގެނީ އެހެންވެ... އަހަރެން ގޯސްކަމެއް ނުކުރަމެކޭނޫން. އެކަމަކު އަހަރެންނާއި އަހަރެންގެ އެންމެ ގާތް ރައްޓެހިންނާ ތަފާތުވާ ކަމަކީ އަންހެނުންގެ ކަންތައް. މިޔާ އަހަރެންނާ ބެހޭގޮތުން އެނގެން ބޭނުންވާތީ މިބުނަނީ... މިޔާ ތީ އަހަރެންގެ ފުރަތަމަ އަދި ހަމައެކަނި... އެކަހަލަ ގޮތަކަށް އިތުރު އެއްވެސް އަންހެނަކާ ކައިރިވެފައެއް ނޯންނާނެ. ގެސްޓްހައުގައި އެ ހިނގި ކަންތަކުގައި އަހަރެންގެ އެއްވެސް އަތެއްނުވޭ. މިޔާއާމެދު އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް މީހެއްގެ ކުރިމަތީ ނޫނީ ބައެއްގެ ކުރިމަތީ ދުވަހަކުވެސް މިޔާ ލަދުގަންނާނޭ ކަމެއް ނުކުރާނަން. ސޫޒަންއާ އިންނަން ބުނެފައި އޮތީމާ ހިތަށް އެރީ އިތުރަށް މިޔާގެ ނަން ހަޑިނުވަނީސް އެންމެ ރަނގަޅުވާނީ ދުރަށް ދިއުމޭ. މިޔާއާ ދުރުގައި ހުރީމައޭ ހުރެވޭނީ. އެހެންނޫނީ އެއަށްވުރެ ބޮޑު ޑްރާމާއަކާ ކުރިމަތިވާނޭ ސޫޒަންއަށް އަހަރެންގެ ސިޗުއޭޝަން އެނގިއްޖެއްޔާ. އަހަރެން މިއުޅެނީ މިޔާއާ ދުރަށް ނުދެވިގެންކަން. އަމިއްލަ އިޙްސާސްތައް އޮޅުންބޮޅުންވެގެން އުޅުނީ. އެވަގުތު ސޫޒަންގެ އަސްލު ސިފަ އޭނާ ދައްކާލީ. ރާހިން ނައިނަމަވެސް އަހަރެން މިޔާއާއި ހައިކް ސަލާމަތްކުރާނަން. އެކަމަކު ކުއްލިއަކަށް އޭނާ އައީމަ އަހަރެން ކައިރިޔަށް ވެސް ރުޅި އައީ... މިޔާ... ލޯބިވާކަން ހާމަކުރާން މިހާ ވަގުތު ނެގީތީ އަހަރެންނަށް މަޢާފްކޮށްދީ. އަހަރެން މިޔާ ބޭނުން. އާ ދިރިއުޅުމެއް މިޔާއާއެކު ފަށަން ވަރަށް ބޭނުން... ހައިކްއަކީ އަހަރެމެންގެ ދަރިއެއް. އަހަރެން ބޭނުމެއްނޫން މިޔާ ހުއްޓާ ހައިކްއަށް އިތުރު މަންމައެއް ހޯދާދޭކަށް. މިޔާ ވަގުތު ބޭނުންނަމަ އަހަރެން މި ހުރީ ވަގުތު ދޭން." އިޒީކިއަލް ދައްކަމުން އައި ވާހަކަ މާޔާ ކަނާއަތްތިލަ ހިއްލާލުމާއެކު ވަގުތުން ހުއްޓާލައިފި އެވެ.

"ހައިކްއަށް އަހަރެން މީ ކާކުކަން އެނގޭތަ؟." މާޔާއަށް އަހާލެވުނެވެ.

"މިހާރު އެނގޭނެ. އެ ދިމާވި ކަންތަކުގައި ހައިކް ކައުންސެލިންއަށް ގެންދިޔައިން. އެމީހުންގެ ލަފައާއެކު އަހަރެން ހައިކްއަށް މިޔާގެ ވާހަކަ ކިޔާދިނިން. މިރޭ އައުމުގެ ކުރީން ހައިކް ބޭނުންތޯ އަންނަން އަހަރެން އަހާލުމާއެކު އެއްބަސްވެއްޖެ. މިޔާއާ ވާހަކަދައްކާ ހިތުން އެ އައީ. މިޔާ އޭނާ ރައްކާތެރިކޮށް ހިމާޔަތްދިންކަން ހައިކް ހަނދާނެއް ނުނެތޭ. މިޔާއާ ބެހޭ ގޮތުން ވަރަށް ސުވާލުކުރާނެ... ނިދާގަޑީގައި ޚާއްޞަކޮށް ވަރަށް ސުވާލު ގިނަވާނެ." ވާހަކަދައްކަމުން އިޒީކިއަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. އެ ހިނިތުންވުން މާޔާގެ ހިތަށް ފިނިކަން ގެނެސްދިން ލުއި ވައިރޯޅިއެއް ފަދަ އެވެ. ބޭއިޚްތިޔާރުގައި މާޔާގެ ތުންފަތް ވެސް ދެމިލި އެވެ.

"އެއީ އަހަރެންގެ ދަރިފުޅު." މާޔާއަށް މަޑުމަޑުން ބުނެވުނެވެ. އެހިނދު އިޒީކިއަލް ކުރިޔަށް ފިޔަވަޅެއް އަޅާލައި މާޔާގެ ކުރިމަތީ ހުއްޓިލި އެވެ.

"ޔެސް. އެއީ ހަމަ މިޔާ ވިހޭ ދަރިފުޅު... އަހަރެމެންގެ ދަރިފުޅު." ޖަޒުބާތުގައި ޖެހިފައި ހުރި މާޔާގެ ދެ އަތުގައި ހިފާލަމުން އިޒީކިއަލް ބުނެލި އެވެ.

"ހައިކްއާއެކު އަހަރެން ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުން." ގޭތެރޭގައި ސޯފާގައި އިން ހައިކްއަށް ބަލާލަމުން މާޔާ ބުންޏެވެ.

"މާދަމާ ހެނދުނު ހައިކް ގެނެސްދެންތަ؟. މުޅި ދުވަހު މިޔާއާއެކު އެކުއްޖާ އުޅޭނެ. ބަލާ އަންނަންވީމާ އަހަރެންނަށް ގުޅާލާ. އައި ޓްރަސްޓް ޔޫ. ހައިކްއާއެކު މިޔާ ވަގުތު ހޭދަކުރާން ބޭނުންވާނޭކަން އަހަރެންނަށް އެނގޭ." އިޒީކިއަލް ނިކަން އަވަހަށް އެއްބަސްވި އެވެ.

"ހައިކްގެ ޚިޔާލެއް ނުހޯދާ އަހަރެމެން ނިންމިޔަސް ކަމަކު ނުދާނެ." މާޔާއަށް ބުނެވުނެވެ.

"ލެޓްސް އާސްކް ހިމް." އިޒީކިއަލް ބުންޏެވެ.

"މިޔާ ވެއިޓް." މާޔާ އެތެރެއަށް ވަންނަން ހިނގައިގަތުމާއެކު އިޒީކިއަލް ގޮވާލި އެވެ. އެއާއެކު މާޔާ އެނބުރި ބަލާލި އެވެ.

"އަހަރެން... ކޮންއިރަކުން އަހަރެންނަށް ޖަވާބެއްދޭނީ." އިޒީކިއަލްއަށް އަހާލެވުނެވެ.

"މަޑުކުރާށޭ ބުނެފިއްޔާ ރުޅި އަންނާނަންތަ؟. ހައިކްއާ އަހަރެން ވާހަކަދައްކަން ހުއްދަ ދޭނަންތަ؟." ކުޑަކޮށް ވިސްނާލާފައި މާޔާ އަހާލި އެވެ.

"ކީއްވެ ރުޅި އަންނަންވީ. މިޔާ ވިސްނާނަމޭއެއްނު ތިބުނީ... އަހަރެން ވެއިޓް ކުރާނަން. އެންޑް ނޯ... ހައިކްއަކީ ހަމައެކަނި އަހަރެންގެ ކުއްޖެއްނޫން. މިޔާއަށް ވެސް ދަރިފުޅާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު އޮންނާނެ." އިޒީކިއަލް ބުންޏެވެ.

"އަހަރެން ބޭނުން ހައިކްއާ ކްލޯޒްވާން. އަހަރެމެންގެ ގުޅުން ރަނގަޅުވެލީމާ އަހަރެން އިޒީކިއަލްއަށް ޖަވާބެއް ދިނަސް އެންމެ ރަނގަޅުތަ؟." މާޔާ ބުންޏެވެ.

"ތިކަމުގައި މައްސަލައެއްނެތް. އެކަމަކު... އަހަރެން އަދި އެއްވާހަކަ އަހާލަންތަ؟." މިފަހަރު އިޒީކިއަލްގެ ފުށުން ފަސްޖެހުމެއް ފާޅުވި އެވެ.

"އަހާބަލަ." މާޔާ ބުންޏެވެ.

"ރާހިން ކޮބާ؟." އިޒީކިއަލް އަހާލި އެވެ.

"އަހަރެމެން ކައިވެންޏެއް ނުކުރަން. އެވަރު އޯކޭތަ؟." މާޔާ ބުންޏެވެ. އިޒީކިއަލް އަވަސްއަވަހަށް ބޯޖަހާލިއިރު އޭނާގެ ތުންފަތަށްވެރިވި އުފާވެރިކަމުގެ ހިނިތުންވުން ފޮރުވަން މަސައްކަތް ކުރި އެވެ.

މާޔާގެ ފަހަތުން އިޒީކިއަލް އެތެރެއަށް ވަނެވެ. ދެ މީހުން ވެސް އައިސް އިހުތިބި ގޮތަށް ސޯފާގައި އިށީނދެއްޖެ އެވެ. ކޮފީމޭޒުމަތިން އިޒީކިއަލް ރިމޯޓް ނަގައި ޓީވީގެ އަޑުކަނޑާލި އެވެ. މާޔާ ލުއި ހިނިތުންވުމެއް ހައިކްއާ ބަދަލުކޮށްލި އެވެ.

"ހައިކް. މިކޮޅަށް އަންނާނަންތަ؟." މާޔާ އަހާލި އެވެ. އެއާއެކު ހައިކް ލޫދިލާފައި ކަހަލަ ގޮތަކަށް ސޯފާއިން ފައިބައިފި އެވެ. ރަކިވެފައި ހުރެ ހައިކް މަޑުމަޑުން އައިސް މާޔާގެ ގާތުގައި މަޑުކޮށްލި އެވެ. މާޔާއަށް އޭނާގެ އިޙްސާސްތައް ނުހިފެއްޓުނެވެ. ދަރިފުޅުގެ ގައިގާ އޭނާ ބައްދާލީ އެވެ. ހައިކްގެ ބުރަކަށީގައި ފިރުމާލި އެވެ.

"މަންމަ ވަރަށް ލޯބިވޭ ހައިކްދެކެ." މާޔާ މަޑުމަޑުން ބުނެލި އެވެ. އަދި ގަޔާ ދުރުކޮށްލާފައި ހައިކް އުރާލާފައި ބޭންދީ މާޔާގެ އުނގުގަ އެވެ.

"ހައިކް ބޮޑުކުއްޖެކޭ." މާޔާގެ އުނގުގައި ބޭންދުމުން ލަދުގަތް ފަދައަކުން ހައިކް ބުނެލި އެވެ. އެ ދަރިފުޅުގެ ހަރަކާތްތަކުން މާޔާއަށް ހީނލެވުނެވެ.

"އެކަމް މަންމައަށް ހައިކް ފެންނަނީ ކުޑަކޮށޭ. ބަލާ ޑެޑީ. މަންމަ އުނގުގައި ޑެޑީއެއް ނުބޭންދޭނެ. މަޖާވެލާފައި މާޔާ ބުނެލި އެވެ. ހައިކްގެ ނަޒަރު އިޒީކިއަލްއަށް ދަތުރުކޮށްލި އެވެ. ހިނިތުންވެލައިގެން އިޒީކިއަލް އިނެވެ.

"ޑެޑީއަށް މަންމައާއި ހައިކް ވެސް އުރާލެވިދާނެ." އިޒީކިއަލް އެ ދެމައިންގެ ވާހަކައިގެ އަވަހަށް ބައިވެރިވެލި އެވެ.

"މަންމަ ބޭނުން ހައިކްއާއެކު ވަރަށް ބައިވަރު ވަގުތު ސްޕެންޑްކުރަން. މާދަމާ އެއްކޮށް މިގެއަށް ހުންނަން އަންނަންވީނު. ދެން ދާނީ ނިދާ ގަޑީގައި. މަންމައާއި ހައިކްއާ ދެ ކުދީން އެކަނި މަޖާކޮށްލާނީ." ހިނިތުންވެލައިގެން އިނދެ މާޔާ ވާހަކަދެއްކި އެވެ. ހައިކް ބަލާލީ އިޒީކިއަލްއަށެވެ.

"ޕްލޭ ޑޭ އެއްތަ؟." ހައިކް އަހާލި އެވެ. މާޔާ ނިކަން އަވަހަށް ބޯޖަހާލި އެވެ. ހައިކް ގަޔާވިކަން އެ މޫނުން ފާޅުވި އެވެ.

"ހައިކް ބޭނުން." އިޒީކިއަލްއަށް ބަލާލާފައި ހައިކް ބުނެލި އެވެ.

"ހެނދުނު ސައިބޮއެގެން އަންނާނީ ދޯ. އެހެންނޫނީ މާމަ ޝަކުވާކުރާނެ." އިޒީކިއަލް ބުންޏެވެ. ހައިކް ބޯޖަހާލީ އެހާމެ އަވަހާ އެވެ.

ދެ ގަޑިއިރު ފާއިތުވެގެން ދިޔައީ ކިހިނެއްކަން ވެސް މާޔާއަށް ނޭނގުނެވެ. ދަރިފުޅުގެ ގައިން ދޫކޮށްލާ ހިތެއް ވެސް އޭނާ ނުވި އެވެ. އެހެންނަމަވެސް ހައިކް އާފުރެން ފެށުމުން ނިދާގަޑި ޖެހިއްޖެކަން އިޒީކިއަލް ހަނދާންކޮށްލަ ދިނެވެ. އިތުރަށް ދަރިފުޅު ނުހިފެއްޓޭނެކަން އެނގުމުން ގެއަށްދާންވީ ކަމުގައި ބުނެ މާޔާގެ އުނގުން ހައިކް ތިރިކޮށްލި އެވެ.

"ކިހިނެއް މިޔާއަށް ކޮންޓެކްޓް ކުރަން ހަދަންވީ؟. ފޯނެއް ނެތީތަ؟." އެޕާޓްމެންޓުން ނުކުތުމުގެ ކުރީން އިޒީކިއަލް އަހާލި އެވެ.

"ފޯނެއް އެބައޮތް." މާޔާ މިހެންބުނެފައި ނިކަން ހަލުވިކޮށް ފޯނު ހިފައިގެން އަތުވެއްޖެ އެވެ. އިޒީކިއަލް އެ ފޯނު އަތުލައި އޭނާގެ ފޯނަށް ގުޅާލީ ނަންބަރު ހޯދުމުގެ ގަސްދުގަ އެވެ.

ނިދި އައިސްގެން ވަރުބަލިވެފައި ހުރި ހައިކް އުރާލައިގެން އިޒީކިއަލް ގޮސް ލިފްޓަށް އަރަންދެން ދޮރުމަތީ މާޔާ ބަލަން ހުއްޓެވެ. ލިފްޓުގެ ތެރެއަށް ވަންނަމުން އިޒީކިއަލް ބޯއަރިކޮށް މާޔާއަށް ބަލާލި އެވެ. އެއްއަތުން ވަކިވުމުގެ ހަނާ އަޅާލުމާއެކު މާނަވީ މެސެޖެއް ބަދަލުކޮށްލި ފަދައިން ދެ ލޯ މަރާލި އެވެ. މާޔާގެ ހިތް އަވަސްވެގެން އައެވެ. ލިފްޓު ލެއްޕުމުން މާޔާ އެންމެފަހުން އެޕާޓްމެންޓަށް ވަދެ ދޮރުލައްޕާލި އެވެ. އޭނާއަށް ދޮރުފަތުގައި ލެނގިލެވުނެވެ. ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުމާއެކު ދެން ފެނުނީ އޭނާގެ ދެ ލޯ ފުރި ބަންޑުންވާންފެށި ތަނެވެ. ނަމަވެސް އޭނާގެ ތުންފަތުގައިވީ ހިނިތުންވުން ކުޑަކޮށް ވެސް ފަނޑެއްނުވި އެވެ. އެ ހިނިތުންވުން ހީނލުމަކަށް ބަދަލުވީ އެވެ. އެތައް އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ ދެ ލޮލުން ފޭބީ އުފާވެރިކަމުގެ ހޫނު ކަރުނަ އެވެ. މަޑުމަޑުން އޭނާއަށް ކަނާއަތުން މޭގައި ފިރުމާލެވުނެވެ. ލިބިފައިވާ ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ހައިކްގެ ދުލުން މަންމާއޭ ގޮވާލަ އަޑު ނީވުނަސް އެކުއްޖާ އޭނާއާމެދު ގާތްކޮށް ދެކޭކަން މާޔާއަށް ވެސް ބުނާން އެނގެ އެވެ.

(ނުނިމޭ)