ޑރ. މުހައްމަދު މުއިއްޒު

އޯލެވަލް ނިންމާ ކުދިންނަށް އަސްކަރީ ތަމްރީން ގާނޫނަކުން މަޖުރޫބުކުރަނީ

އޯލެވަލް ނިންމާ ކުދިންގެ ތެރެއިން އޭލެވަލްއަށް ނުދާ ކުދިންނާއި ވަޒީފާ ހޯދުމަށް ދަތިވާ ކުދިންނަށް އަސްކަރީ ތަމްރީން ހެދުމަށް މަޖުބޫރުކުރުވުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާން ކުރެއްވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އުމުރުން 16 އަހަރުވެފައިވާ އޯލެވަލް ނިންމާ ކުދިން އަސްކަރީ ތަމްރީން ހެދުމަށް މަޖުބޫރުކުރުވުމަށްޓަކައި "ނެޝަނަލް ސާވިސް ޕްރޮގްރާމް"ގެ ނަމުގައި ގައުމީ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

"މި ޕްރޮގްރާމު ކުރިއަށް ގެންދާނީ މިކަމާ ގުޅޭ ހާއްސަ ގާނޫނެއްވެސް ހަދައިގެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ޕްރޮގްރާމު ހިންގުމަށްޓަކައި އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ހިމަނާނެ ކަމަށެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ބަޖެޓްގައިވެސް 400 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިއަދަދަކީ އަޅުގަނޑު މިކަމަށް ކުރާނެ ހަރަދުތައް ބަލައި އަދަދު ޖަހާފައިވާ އަދަދެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ޕްރޮގްރާމު ސަބަބުން ސިފައިންގެއަށް އަހަރު 1000 ކުދިން އަދި ފުލުހުންގެ އިދާރާއަށް އަހަރަކު 250 ކުދިންގެ މަގުން ކުރިއަށް އޮތް ހަތަރު އަހަރު އެ ދެ އިދާރާއަށް ޖުމްލަ 5،000 މީހުން ރެކްރޫޓް ކުރާނެ ކަމަށެވެ.

"މިފަދަ އަސްކަރީ ތަމްރީން ލިބުމަކީ ރަނގަޅު ވަޒީފާ ލިބި އެ ކުދިންނަށާއި ސިފައިންނަށްވެސް އަދި ގައުމަށްވެސް ލިބޭނެ ކުރިއެރުމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި "ނެޝަނަލް ސާވިސް ޕްރޮގްރާމް" މައިގަނޑު ގޮތެއްގައި ކުރިއަށް ދާނީ ސިފައިންގެ ތަމްރީން އަށް ހާއްސަކޮށްފައިވާ ރަށް -- ކ. ގިރިފުށީގައެވެ.

ރައީސް މިރޭ ވިދާޅުވި ގޮތުގައި ގިރިފުށި ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި އެއީ ކުޑަ ރަށަކަށްވާތީ އަންނަ އަހަރުގެ ތެރޭގައި ގިރިފުށި ފަޅުން 13 ހެކްޓަރުގެ ހިއްކާ އެ ރަށުގެ ބޭރުތޮށި ލެވޭ ވަރު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސިފައިންގެ ހިދުމަތުގެ އެއްގަމުގެ ބާރު ވަރުގަދަކުރަންޖެހޭ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ސިފައިންނަށް ބޭނުންވާ ހަތިޔާރުގެ ބޮޑު ބައި އެކުވެރި ދައުލަތްތަކުގެ އެހީގައި ލިބޭނެ ކަމަށެވެ.