ޑރ. މުހައްމަދު މުއިއްޒު

ޝަހީދުންގެ އާއިލާތަކަށް ހައުސިން މަޝްރޫއެއް ފަށަނީ

ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރަނިކޮށް ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށް ހާއްސަކޮށްގެން "ޝަހީދުންގެ ހިޔާ"ގެ ނަމުގައި ހައުސިން ޕްރޮގްރާމެއް ފެށުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާން ކުރެއްވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ދިވެހި ޚާއިނުންނާއި ލަންކާގެ ހަނގުރާމަވެރިން ގުޅިގެން ދިން ހަމަލާތަކުގައި ދިވެހި 8 ސިފައިންނާއި އާންމުންގެ 11 މީހަކާ އެކު ޖުމްލަ 19 މީހަކު ޝަހީދުކޮށްލާފައިވެ އެވެ.

ރައީސް ވިދާޅުވީ މިރޭގެ ޖަލްސާއަށް ވަޑައިގަތުމުގެ ކުރިން މިދިޔަ 40 އަހަރުގެ ތެރޭގައި ސިފައިންގެއާއި ފުލުހުންގެ އިދާރާގައި ހިދުމަތް ކުރައްވަމުން ގެންދަވަނިކޮށް ޝަހީދުވި ބޭފުޅުންގެ މައުލޫމާތު އެއްކުރެއްވި ކަމަށެވެ. އެގޮތުން މިދިޔަ 40 އަހަރުގެ ތެރޭގައި ސިފައިންގެ 29 މީހަކާއި ފުލުހުންގެ ދެ މީހަކާ އަދި އާންމުންގެ 11 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

އެހެންވެ ޝަހީދުންގެ އާއިލާތަކަށް ހާއްސކަޮށްގެން އަންނަ އަހަރުގެ ތެރޭގައި ހައުސިން މަޝްރޫއުއެއް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް އިއުލާން ކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން އިމާރާތް ކުރާ "ޝަހީދުންގެ ހިޔާ" ޓަވަރުގައި 50 ހައުސިން ޔުނިޓް ހިމެނޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިދައުރުގެ ތެރޭގައި މިމަޝްރޫއު ނިންމާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމީ ހިދުމަތުގައި ތިއްބަވަނިކޮށް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ޝަހީދުވި ނަމަވެސް އެބޭފުޅުންގެ ގައުމީ ހިދުމަތުގެ އަގު ސަރުކާރުން މިފަހަކަށް އައިސް ވަޒަންކޮށްފައި ނުވާ ކަމަށެވެ.

ކުރިން ފައިސާގެ ކޮންމެވެސް ވަރެއް ޝަހީދުންގެ އާއިލާތަކަށް ދިން. ނަމަވެސް މިފަހުން އެކަންވެސް ނުކުރެވި ދިޔައީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގެޒެޓް ކުރެވޭ އުސޫލެއްގެ ތެރެއިން ނޮވެމްބަރު 3ގައި ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށާއި ނޮވެމްބަރު ތިނެއްގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ މެޑަލް ހޯއްދެވި ފަސް ބޭފުޅުންނާއި އަދި މެޑަލް ފޯ ބްރޭވަރީ ހޯއްދެވި 10 ބޭފުޅުން ހިމެނޭހެން ދެމެހެއްޓެނިވި ގޮތަކަށް ހާއްސަ އެލަވަންސެއް ސަރުކާރުން ދޭން ފަށާނެ ކަމަށެވެ.