އެމްއެންޑީއެފް

ކަނޑު އަޑީގެ އޮޕަރޭޝަންތަކަށް ހާއްސަ ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހުކޮށްފި

ކަނޑު އަޑީގެ އޮޕަރޭޝަންތަކަށް ހާއްސަ ސްޕެޝަލް ބޯޓް ސްކޮޑްރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށް ދެއްވައިފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގައި އޮންނަ މި ސްކޮޑްރަން އިފްތިތާހުކޮށް ދެއްވީ ނަސްރުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް އެމްއެންޑީއެފް އިން ޖުމްހޫރީ މައިދާނުގައި މިއަދު ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ތެރެއިންނެވެ.

ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހްކޮށް، ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ އަޒުމް ލައިދިނުންވެސް މިއަދު އޮތެވެ. އަޒުމް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ގިޔާސް އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ތެރޭގައި ވައިގެ ގާބިލްކަން އިތުރުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރު ފެށުނުތަނާހެން ނިންމެވި ނިންމެވުން ފާހަގަކުރަންޖެހޭ ކަމަށެވެ.

"ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށް މިއަދު އެމަނިކުފާނު އިތުރުކުރައްވަނީ ނުހަނު ބޭނުންތެރި ގާބިލް ކަމެއް. ކަނޑުއަޑީގެ ހާއްސަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގުމަށްޓަކައި ކޯސްޓް ކާޑުގައި ސްޕެޝަލް ބޯޓް ސްކޮޑްރޮންއެއް މިއަދު ރައީސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެ،" ހިލްމީ ވިދާޅުވި އެވެ.

ހިލްވީ އިތުރަށް ވިދާޅުވީ ދިވެހި އަސްކަރިއްޔާ ތަރައްގީކޮށް ޒަމާނާ އެއްގޮތަށް އިކުޕްކުރައްވާ މި ގައުމުގެ ސަރަހައްދު ބެލެހެއްޓުމަށް އެކަށީގެންވާ ބަޔަކަށް ހެދުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްފުޅަށް ޝުކުރު އަދާކުރައްވާ ކަމަށެެވެ.