އެމްއެންޑީއެފް

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

ދުވަހުގެ ހަރަކާތްތައް ފެށީ މިއަދު ހެނދުނު 6:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކުންނެވެ. ދިދަ ނަންގަވައިދެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެވެ.

މި ރަސްމިއްޔާތުގައި ވަނީ ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރު ކަމުގައިވާ "ގައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" މި ޝިއާރު ހާމަކޮށްފަ އެވެ. އަދި ދިވެހި ސިފައިން އަހަރަކު ދެ ފަހަރު ނެރެމުން އަންނަ "އައްޑަނަ" މަޖައްލާގެ 34 ވަނަ އަދަދުވެސް މިއަދު ވަނީ ނެރެފަ އެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާ އަކާއި ސިފައިންގެ ލަވައިންނެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހްތިރާމު ކުރުމުގެ ގޮތުން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ގާއިމުކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ހެނދުނު މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފަ އެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ހިދުމަތް ފެށިފައިވަނީ އޭޕްރީލް 21، 1892 ގައެވެ.