ދިވެހިރާއްޖެއާ ތުރުކީގެ ގުޅުން

މިސައިލް ފޮނުވޭ މަނަވަރެއް ރާއްޖެ ގެންނަނީ

މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފި އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިރޭ މިކަން ޔަގީންކޮށްދިނީ މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަލާމަތީ ފަރާތްތަކާ ހަވާލާދީ ތުރުކީގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ ތުރުކީ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރަނީ ޑޯގަން ކްލާސްގެ މަނަވަރެއް ކަމަށެވެ.

މަނަވަރު ރާއްޖެއަށް ގެނައުމަށްޓަކައި ދިވެހި ސިފައިންގެ ބަޔަކު މިހާރު ދަނީ ތުރުކީއަށް ގޮސް ތަމްރީންތަކެއް ފުރިހަމަކުރަމުންނެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ. އެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ރަހްމަތްތެރި ގައުމުތަކާ ގުޅުން ބަދަހިކޮށްގެން އެ އަމާޒަށް ވާސިލްވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން މީގެކުރިން ވަނީ ތުރުކީ އިން އަސްކަރީ އަދި ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ބޮޑު ހަރަދެއް ކޮށްގެން ދެ ޑްރޯންވެސް ހޯދާފަ އެވެ.