ޓައިވާން ވަށާލައި ޗައިނާއިން ކުރަމުން ގެންދާ އަސްކަރީ ފަރިތަކުރުންތަކުގެ ސަބަބުން މަސްރަހު ހޫނުވެ ދެ ގައުމުގެ ދެމެދުގައި ރުޅިވެރިކަން އިތުރުވެއްޖެ އެވެ.
އެމެރިކާގެ ގާނުނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެކަން އިއުލާން ކުރި ދުވަހުން ފެށިގެން، ޕެލޯސީގެ ޓައިވާން ދަތުރު ކެންސަލް ކުރުމަށް އެދި ޗައިނާ ވަނީ ތަކުރާރުކޮށް އެމެރިކާގެ ކިބައިން އެދިފަ އެވެ.
އެހެން ނަމަވެސް ޗައިނާގެ އިހްސާސަށް ބެލުމެއް ނެތި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކޮށްފައި ހުރި އުސޫލުތަކާ ވެސް ހިލާފަށް ޕެލޯސީ ވަނީ ޓައިވާނަށް ވަޑައިގެން ޗައިނާ އަށް ގޮންޖައްސަވައި ބަސް ވިދާޅުވެފަ އެވެ.
ޕެލޯސީ ވިދާޅުވި ގޮތުން ބާރުގަދަ ގައުމުތަކުގެ ވެރިންނަށް ޓައިވާނަށް ވަޑައިގަނެވެން ޖެހޭނެ އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާގެ ސަބަބުން ޓައިވާނަށް ހައިސިއްޔަތު ގެއްލިފައިވާ ކަމަށެވެ. ދުނިޔޭގައި ހަރަކާތްތެރިވުމުގެ އިހްތިޔާރު ޓައިވާނަށް ލިބިފައި ނެތީ ވެސް ޗައިނާގެ ނުފޫޒާ ހެދި ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާ ގަބޫލުކުރާ ގޮތުން ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫނެވެ. އެއީ ޗައިނާގެ ވަކިން އޮންނަ އަވަށެކެވެ. އެހެންކަމުން ދުނިޔޭގެ ގައުމުތަކަށް ޓައިވާނާ އެކު ސިޔާސީ ގުޅުން ބަދަހިކުރުމާއި އެމްބެސެޑަރުން ކަނޑައެޅުމެއް ނޯންނާނެ އެވެ.
ޗައިނާއިން ހިންގާ "ވަން ޗައިނާ" ސިޔާސަތު ގަބޫލުރުާ ގައުމުތަކުން ޗައިނާގެ މި ބުނުމަށް އިހުތިރާމް ކުރެ އެވެ. ހުދު އެމެރިކާ ވެސް ބުނަނީ "ވަން ޗައިނާ" ސިޔާސަތު ގަބޫލުކުރާ ކަމަށެވެ.
އެހެން ނަމަވެސް އެމެރިކާއިން އަމަލުކުރަނީ ޓައިވާނަކީ މިނިވަން ދައުލަތެއް ގޮތަށެވެ. ހަތިޔާރު ފޯރުކޮށްދީގެން ޓައިވާންގެ އަސްކަރިއްޔާ ބާރުވެރި ކުރުވުމާއި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ޓައިވާނަށް ވަޑައިގެން އުއްމީދު އާކޮށްދީ ޗައިނާއާ ކުރިމަތިލުމަށް ވަސްވާސްދެ އެވެ
ޓައިވާން ވަށާލައި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން މިހާރު ހިންގަމުން ގެންދާ މިސައިލް ފަރިތަކުރުންތަކަކީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތްތަކެކެވެ. އަދި އެއީ ޓައިވާން ހިފަން ޖެހިދާނެ ކަމަށް ދޭ އަމަލީ އިންޒާރެކެވެ.
ޓައިވާން ބާރުވެރި ކުރުވުމުގައި އެމެރިކާ ގެންގުޅޭ ވިސްނުމަކީ ދެކުނު ޗައިނާ ކަނޑުގައި، ޗައިނާގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމެވެ. އަދި ޓައިވާނަށް އަސްކަރީ ގާބިލުކަށް ފޯރިކޮށްދިނުމާ އެކު އެ ސަރަހައްދުގައި އެމެރިކާއަށް އޮތް ފުރުސަތާއި ބާރުވެރިކަން އިތުރުކުރުމަކީ ވެސް އެމެރިކާގެ އެޖެންޑާއެކެވެ.
އެމެރިކާއިން ޓައިވާންއާ މެދު އަމަލުކުރަނީ ނޭޓޯ މެދުވެރިކޮށް ޔުކްރޭންއާ މުއާމަލާތްކުރި ގޮތަށެވެ. އެމެރިކާއާ ޔޫރަޕުން ބޭނުންވީ ރަޝިއާއާ ކުރިމަތިލެވޭ ވަރުގެ ގައުމަކަށް ޔުކްރޭން ހެދުމެވެ.
އެގޮތުގައި ހުޅަންގުން ދިޔައީ ޒަމާނީ ހަތިޔާރާއި ނިއުކްލިއާ ބާރުވެރިކަން ޔުކްރޭނަށް ފޯރުކޮށްދެމުންނެވެ. އަދި ނޭޓޯ މެމްބަރުކަން ޔުކްރޭނަށް ދިނުމަކީ ހުޅަނގުން ވެފައި އޮތް ވައުދެކެވެ.
އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން ރޭވި ގޮތަށް ކަންތައްތައް ހަމަނުޖެހިގެން އުޅެނިކޮށް ޔުކްރޭން ހަނގުރާމަ ފެށި މިހާރު އެ އޮތީ ރަޝިއާގެ ހަމަލާތަކުން ޔުކްރޭންގެ ޒަމާން ގޮސްފަ އެވެ.
ޔުކްރޭންގެ އުމްރާނީ ތަރައްގީގެ ބޮޑުބައި މިހާރު ވަނީ ބިމާ ހަމަވެފަ އެވެ. އިލްމީ ތަރައްގީ ވަނީ ވިއްސިވިހާލިވެފަ އެވެ. އާއިލާތައް ރޫޅި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. ވިޔަފާރިތައް ރޫޅި ގިނަ ބަޔަކު ވަނީ ބަނގުރޫޓުވެފަ އެވެ.