ދުނިޔޭގެ ސުލްހައަކީ ޗައިނާއަށާއި އެމެރިކާއަށް އޮތް ޒިންމާއެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ދަންނަވައިފި އެވެ.
ޝީ ވިދާޅުވި ގޮތުގައި ދެ ގައުމެއްގެ ގުޅުން ހަނގުރާމައަކާ ހަމައަށް ގޮސްގެން ނުވާނެ އެވެ. ބައިނަލްއަގްވާމީ ގޮތުން ސުލްހަ ދެމެހެއްޓުމުގެ ޒިންމާ ކޮންމެވެސް ބަޔަކު އުފުލަން ޖެހޭނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.
ޖޯ ބައިޑަން ޝީއަށް ފޯނުން ގުޅުއްވައި ދެ ގަޑިއިރު ވަންދެން މަޝްވަރާ ކުރެއްވި އެވެ. ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމުގައި ޗައިނާއަށް މުހިންމު ރޯލެއް އޮތް ކަމަށް ބައިޑަން ވިދާޅުވި އެވެ.
ޝީ ދެކެވަޑައި ގަންނަވާ ގޮތުގައި ޗައިނާއާ އެމެރިކާ ތިބެން ވާނީ ކޮނޑާއި ކޮނޑު ޖައްސައި ދުނިޔޭގެ ސުލްހައަށް ފޫގަޅައިގެނެވެ.
ދެ ގައުމެއްގެ ގުޅުން ހަނގުރާމައަކުން ކަނޑައެޅުމަށް ފުރުސަތު ދިނުމަކީ ބާރު ގަދަ ގައުމުތަކުގެ ކޮސް ކަމުން ހިނގާ ކަމެއް ކަމަށް ވެސް ޝީ ވިދާޅުވި އެވެ.
ޝީ ވިދާޅުވި ގޮތުގައި ރަޝިއާ-ޔުކްރޭން މައްސަލައަށް އޮތް ހަައްލަކީ ބިނާ ކުރަނިވި މަޝްވަރާ އެވެ.
އެމެރިކާ އާއި ނޭޓޯއަށް ކުރަން އޮތް ކަމަކީ ހަނގުރާމައަށް ހަތިޔާރު ދީގެން އަލިފާނަށް ދަރުއެޅުން ނޫން ކަމަށާއި ރަޝިއާ އާއި ޔުކްރޭން ސުލްހައިގެ މޭޒުދޮށަށް ގެންދިއުން ކަމަށެވެ.
ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތި ކުރުމަކީ ހަމައެކަނި ރަޝިއާއަށް ދެވޭ އަނިޔާއެއް ނޫން ކަމަށް ޝީ ވިދާޅުވި އެވެ.
ރަޝިއާއަށް ދަތިކުރި ވަރަކަށް ދަތިވާނީ ނިކަމެތި ގައުމުތަކަށް ކަމަށާއި ކާބޯތަކެއްޗަށް ޖެހި ޒަރޫރީ ހާޖަތުތައް ނުފުއްދި އާބާދީތައް ވާނީ ބިކަ ކަމަށް ވެސް ޝީ ޖިންޕިން ވިދާޅުވި އެވެ.
ޝީ ވިދާޅުވީ ޗައިނާ އާއި އެމެރިކާއާ ދެމެދުގައި އޮތް ސިޔާސީ ފިކުރު ބަދަލު ކުރަން ޖެހޭ ކަމަށެވެ. ދެ ގައުމު އެކުގައި ކުރާ މަސައްކަތްތަކުން ސުލްހަވެރި ދުވަސްތަކެއް ދުނިޔެ ދެކޭނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.