ދުނިޔެ

ޕެލޯސީ ޓައިވާނަށް ފޮނުވީ އިތުރު ހަތިޔާރު ދޭނެ ގޮތެއް ހޯދަން

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވި ގޮތުގައި ނާންސީ ޕެލޯސީ ޓައިވާނަށް ފޮނުމުގައި އެމެރިކާގެ އޮތް ރޭވުމަކީ ޗައިނާ އާއި ޓައިވާނާ ދެމެދު އަރާރުން އުފައްދައި، މައްސަލައަކަށް ހަދައި ޓައިވާނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭނެ ގޮތެއް ހޯދުމަށެވެ.

އެއީ އާންމުކޮށް އެމެރިކާ ގެންގުޅޭ އުކުޅެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާއިން ތަނެއްގައި އަސްކަރިއްޔާ ގާއިމުކުރަން ބޭނުންވެއްޖެނަމަ ފުރަތަމަ ކުރާ ކަމަކީ އެ ތަނެއްގެ މަސްލަހަތު ނަގާލުން ކަމަށެވެ.

ވާންގް ޔީ ވިދާޅުވި ގޮތުގައި ޗައިނާ އާއި ޓައިވާންއާ ދެމެދު މިހާރު ވެސް ހީނަރުވެފައި އޮތް ގުޅުން އިތުރަށް ގޯސްކޮށްލުމުން ޓައިވާންގެ ދިފާއުގައި އެމެރިކާ ނުކުންނަން ޖެހުނީ ކަމަށް ބުނެ ދައްކާނެ ސަބަބެއް އުފެއްދީ އެވެ.

ބައިނަލްއަގްވާމީ މުޖުތަމައަށް ސިފަކޮށްދޭން ވަކި ގޮތަކަށް މަންޒަރު ކުރެހުމަކީ އެމެރިކާއިން ގެންގުޅޭ އެކަމަކު ޒަމާނަށް ނުފެތޭ އުކުޅެއް ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިން ރަޝިއާ ރުޅިއެރުވުމަށް އެމެރިކާ ޖެއްސި ސްޓަންޓަކީ ވެސް ޔުކްރޭން ބާރުވެރިކުރަން އުޅުމެވެ. ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމާއި ނޭޓޯ މެމްބަރުކަން ދޭން ވައުދުވުމެވެ.

ރަޝިއާއާ އެހާ ގާތުގައި އޮތް ގައުމަކާ މެދު މިގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ބުނެ ރަޝިއާއިން އެތައް އާދޭހެެއް ކުރި ނަމަވެސް، އެމެރިކާއާއި ބައިވެރިން އިވޭ ކަމަކަށް ނުހެދި އެވެ.

ވާންގް ޔީ ވިދާޅުވި ގޮތުގައި ޓައިވާނަކީ އެއްވެސް ގޮތަކުން އެމެރިކާއާ ގުޅުން އޮތް ތަނެއް ނޫނެވެ. އެއީ ޗައިނާއާ ގުޅުން އޮތް އަދި ޗައިނާގެ ލޭ ކަމަށް އެމެރިކާ ގަބޫލުކޮށް އެއްބަސްވުމަށްފަހު އެނޫން ގޮތަކަށް އެނބުރި ގަތުމުން ބޮޑެތި މައްސަލަތައް ބިންފަޅާ އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާންގް ޔީ ވިދާޅުވީ އެމެރިކާގެ މި އަމަލަށް ބަދަލު ނުހިފައި ދޫކޮށް ނުލައްވާނެ ކަމަށެވެ. އަދި ޓައިވާން ކުރި ކަންތައްތަކުގެ ރަހަ ވެރިކަމުގައި ތިބި ބައެއްގެ ކަރުބުޑުގައި ލައްވާނެ އެވެ. ޓައިވާނަށް ދަތިކުރުމާއި އެމެރިކާއަށް އެއްބާރުލުން ނުދިނުމަކީ ފުރަތަ މަރުހަލާ ކަމަށް ވެސް ވިދާޅުވި އެވެ.