ދުނިޔެ

ނޭންސީގެ ދަތުރު ފަސް ނުކޮށް ކެންސަލް ކުރުން ރަނގަޅު: ޗައިނާ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރައްވަން ހަމަޖައްސާފައިވާ ދަތުރު ފަސް ކުރުމަށް ވުރެ ކެންސަލް ކުރުން އެދެވިގެންވާ ކަމަށް ޗައިނާ ބުނެފި އެވެ. ނޭންސީ ޕެލޯސީ ޖަޕާނަށް ކުރައްވާ ދަތުރުގައި ޓައިވާނަށް ވަޑައިގަތުމަށް ނިންމެވި ނިންމެވުމާ ގުޅިގެން ޗައިނާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމެރިކާގެ ވެރިން ޓައިވާނަށް ވަޑައިގަތުމަކީ އުފެދިފައި ނެތް މައްސަލަތަކެއް އުފެއްދުން ކަމަށް ޗައިނާ ބުނެ އެވެ. އަދި ބުނީ ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް ދުނިޔެ ގަބޫލު ނުކުރާއިރު އެމެރިކާގެ އަމަލުތައް ހުރީ މަސްލަހަތު ފުށުއަރާ ގޮތަށް ކަމަށެވެ.

ނޭންސީ ޕެލޯސީގެ ދަތުރު މިވަގުތަށް އޮތީ މަޑުޖައްސާފަ އެވެ. އެއީ ކޮވިޑްގެ އާލާސްކަންފުޅަށް އެކަމަނާއަށް ހާއްސަ ފަރުވާ ބޭނުންވާ ކަމަށް ސިއްހީ ޓީމުން ނިންމާފައި ވާތީ އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖައޯ ލިޖިއަން ވަނީ ނޭންސީއަށް ދުޅަހެޔޮ ކަމަށް އެދިވަޑައިގެންފަ އެވެ. ތަރުޖަމާން ވިދާޅުވީ ގޮތުގައި އެކަމަނާ ޓައިވާނަށް ވަޑައިގަތުމާ މެދު ޗައިނާ ދެކޭ ގޮތް ދަންނަވާފައި ވާނެ ކަމަށެވެ.

ޓައިވާނާ މެދު ޗައިނާ ދެކެނީ އެއީ ވަކިން އޮންނަ ޗައިނާގެ ޕްރޮވިންސެއް ކަމަށެވެ. އެހެން ނަަމަވެސް، ޓައިވާން ދެކޭ ގޮތް މުޅިން ތަފާތެވެ.

ޓައިވާން ގަބޫލު ކުރަނީ މިނިވަން ދައުލަތަލަށް ޓައިވާން ވާން ޖެހޭނެ ކަމަށެވެ. އަދި މިނިވަން ދައުލަތެއްގެ ޝަރަފު ގައުމުތަކުން ޓައިވާނަށް ދޭން ޖެހޭނެ ކަމަށެވެ. މި ވިސްނުމުގައި ޓައިވާން މިނިވަންވުމަށް 1949 އަކުން ފެށިންގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވި ގޮތުގައި ދުނިޔޭގެ މަސްލަހަތު ގެއްލެނީ އެމެރިކާގެ ސަބަބުންނެވެ. ވަޒީރު އަދި ވިދާޅުވީ ޔުކްރޭންގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށް އެމެރިކާ ބާރު އަޅަމުން ގެންދާއިރު ޗައިނާގެ މިނިވަންކަމުގެ އިމަށް އެމެރިކާ ވަނުން މައްސަލައަކަށް ނުވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ދެކުނު ޗައިނާ ކަނޑާ ގުޅިފައިވާ ސަރަހައްދާއި ޓައިވާން މައްސަލާގައި އެމެރިކާ އެދޭހާ ގޮތަށް ހަރަކާތްތެރިވާން ދޫ ނުކުރާނެ ކަމަށެވެ. އެމެރިކާއިން ސުލްހަ ބޭނުން ނޫން ނަމަ އެނޫން ގޮތަކަށް ޗައިނާގެ ވިސްނުން ބަދަލު ކުރާނެ ކަމަށެވެ.