ދުނިޔެ

ޓައިވާނާ މެދު ތިޔަ ދެކެނީ ނުބައިކޮށް: ޗައިނާ

ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން އެމެރިކާގެ ސިޔާސީ ލީޑަރުން އެންމެ އަޑުގަދަކޮށް ދައްކަން ފެށި ވާހަކައަކީ ޗައިނާއިން ޓައިވާނަށް އަރައިގެންފާނެ ވާހަކަ އެވެ. ޗައިނާ ކިބައިން ޓައިވާން ރައްކާތެރި ކުރުމުގައި އެމެރިކާއަށް އޮތް ޒިންމާގެ ވާހަކަ އެވެ.

ޗައިނާ އެއޮތީ ޓައިވާނަށް ލޯއަަލައިގެން ކަމަށާއި ރަޝިއާއިން ޔުކްރޭނަށް ދޭ ހަމަލާތަކުން ހިތްވަރު ހޯދައިގެން ޓައިވާނަށް އަރައިގަންނާނެ ފުރުސަތަކަށް ޗައިނާ ބޭނުންވާނެ ކަމަށް ވެސް އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވި އެވެ.

ޗައިނާ ބުނާ ގޮތުން ޓައިވާންއާ ޔުކްރޭނާ އަޅާ ކިޔޭނެ ގޮތެއް ނެތެވެ. ޔުކްރޭނަކީ ދުނިޔެ ގަބޫލުކުރާ މިނިވަން ދައުލަތެކެވެ. ޓައިވާނަކީ މިނިވަން ދައުލަތެއް ގޮތުގައި ދުނިޔެ ބަލައި ނުގަންނަ ކަމަށާއި އެއީ ޗައިނާގެ ބައެއް ކަމަށެވެ.

ޓައިވާން ހިމާޔަތްކުރަން ކަމަށް ބުނެ އެމެރިކާއިން ހަތިޔާރު ވިއްކުމަކީ އެކަމުގެ ސަބަބުން ނޭދެވޭ ކަންތައްތަކެއް ހިނގައިފާނެ ކަމެއް ކަމަށް ޗައިނާ އަބަދު ވެސް ބުނެ އެވެ. އެހެން ނަމަވެސް، ޗައިނާގެ މިބުނުމަށް މާބޮޑު އަޅާލުމެއް ނެތި އެމެރިކާ ފެންނަނީ ޓައިވާނަށް ހަތިޔާރު ވިއްކުމުގައި މަސްއޫލްވެ އުޅޭ ތަނެވެ.

ޓައިވާނަށް 95 މިލިއަން ޑޮލަރުގެ ޕެޓްރިއޮޓް އެއާ ޑިފެންސް ސިސްޓަމެއް ވިއްކަން މިދާކަށް ދުވަހު އެމެރިކާއިން ހުއްދަކުރުމާ ގުޅިގެން ޗައިނާއިން އަނެއްކާ ވެސް އެމީހުންގެ ބުނުން ވަނީ އާކޮށްފަ އެވެ.

ޗައިނާ ބުނާ ގޮތުން އެމެރިކާގެ މިއަމަލަކީ ޗައިނާއަށް ގަދަރު ނުކުރާ ކަމުގެ ހެއްކެކެވެ. ސަރަހައްދީ މަސްހަލަތަށް ޓަކައި ބޭރު ގައުމުތަކުން ޓައިވާނަށް ހަތިޔާރު ނުވިއްކަން ނަސޭހަތްތެރި ވެފައި ވަނިކޮށް ހަތިޔާރު ޝިޕްމަންޓްތައް ވިއްކަން އެއްބަސްވުމަކީ ސަރަހައްދުގައި ހުޅުހިފާފާނެ ކަމެއް ކަމަށް ވެސް ޗައިނާ ބުނެ އެވެ.

އެމެރިކާގެ އަމަލުތައް ހުރީ ޗައިނާ ލައްވާ ގޯހެއް ހައްދާ ގޮތަށް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖިޔާން ލިޖިއަން ވިދާޅުވި ގޮތުގައި މަސްލަހަތު ގެއްލުވާލުމަކީ އެމެރިކާ ދުރާލާ ރާވައިގެން އަދި ގަސްދުގައި ކުރާ ކަމެކެވެ.

ތަރުޖަމާން ވިދާޅުވީ ފުށުއެރުންތަކުން ސަލާމަތްވެ ދުނިޔެ ތަރައްގީކުރަން ލިބޭ ދަނޑިވަޅުގައި ވެސް އެމެރިކާއާ ހެދި ކަމެއް ކުރެވޭ ވަރު ނުވާ ކަމަށެވެ. އެންމެން ގުޅިގެން ދުނިޔެ ސުލްހަކުރުމުގެ ބަދަލުގައި އެމެރިކާގެ ކިބައިން ފެންނަނީ ގޮތްދޫނުކުރުމާއި ބުލީކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.