ޔުކްރޭން ހަނގުރާމާގައި ރަޝިއާގެ އަމާޒުތަކަށް ހަމަލާދިނުމަށް އެމެރިކާއިން ކްލަސްޓާ ބޮން ޔުކްރޭނަށް ފޯރުކޮށްދީފި ނަމަ -- ހަމަ އެފަދަ ހަތިޔާރުން ޔުކްރޭންގެ އަމާޒުތަކަށް ރަޝިއާއިން ހަމަލާދޭނެ ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު، ސަރުގޭ ޝޮއިގޫރު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަމުރަށް އެ ގައުމުގެ ރިޔާސީ ގަނޑުވަރުން ވަނީ ޔުކްރޭނަށް "ކްލަސްޓާ މިއުނިޝަން" -- ކްލަސްޓާ ބޮން ސަޕްލައިކުރުމަށް ގަރާރެއް ފާސްކޮށްފަ އެވެ.
ކްލަސްޓާ ބޮމަކީ އޭގެ ނުރައްކާތެރިކަމާ ހެދި ހަނގުރާމަތަކުގައި ވެސް ބޭނުންކުރުން މަނާކޮށްފައި އޮތް ހަތިޔާރެކެވެ. ކްލަސްޓާ ބޮމުން ހަމަލާދޭއިރު -- އަމާޒުފަތްގަނޑުން ކައްސާލައިގެން ގޮސް، ހަނގުރާމައާ ގުޅުމެއް ނެތް އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ.
ޔުކްރޭނަށް ކްލަސްޓާ ބޮން ފޯރުކޮށްދިނުމާ މެދު ހުޅަނގު ވެސް އޮތީ ދެބައިވެފަ އެވެ. ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ފޫގަޅާފައި ތިބި -- އިނގިރޭސިވިލާތާއި ޖަޕާން ފަދަ ގައުމުތަކުން ވެސް ބުނެފައި ވަނީ މިކަމަށް ތާއީދުނުކުރާނެ ކަމަށެވެ.
ރަޝިއާގެ ދިފާއީ ވަޒީރު ޝޮއިގޫރު ވިދާޅުވި ގޮތުގައި ޔުކްރޭނާ ދެކޮޅަށް ކްލަސްޓާ ބޮން ރަޝިއާއިން ބޭނުންކުރާ ކަމަށް އެމެރިކާއިން ބުނެ އިންޒާރު ދިން ކަމަށެވެ. އަދި އެއީ ބޭނުންކުރުން މަނާ ބާވަތެއް ކަމަށް ތަކުރާރުކޮށް އެމެރިކާއިން ބުނި ކަމަށެވެ.
އެކަމަކު ކްލަސްޓާ ހަތިޔާރު ބޭނުންކުރުމަކީ އެއްވެސް އިރެއްގައި ރަޝިއާގެ އަސްކަރިއްޔާއިން ނިންމާފައި އޮތް އަދި ތަންފީޒުކުރި ކަމެެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ޝޮއިގޫރު ވިދާޅުވި ގޮތުގައި އެމެރިކާގައި އުފައްދާ ކްލަސްޓާ ހަތިޔާރަށް ވުރެ ރަޝިއާގައި އުފައްދާ ބާވަތްތައް މާބޮޑަށް ވެސް ކުޅަދާނަ އެވެ. އަދި އެއިން ދެވާ ހަމަލާތައް ކާމިޔާބުވެފައި ގެއްލުން ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާގައި ބޭނުންޖެހިއްޖެ ނަމަ ބޭނުން ވަރަކަށް އަދި ބޭނުން ދިމާއަކަށް ސަޕްލައި ކުރެވޭ ވަރަށް ކްލަސްޓާ ބޮން ހުރި ކަމަށް ވެސް ދިފާއީ ވަޒީރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޔުކްރޭނުން ކްލާސްޓާ ބޮމުން ރަޝިއާގެ ސިފައިންނަށް ހަމަލާދީފި ނަމަ -- ކުރިއަށް އޮތް ދެތިން ސިކުންތުގެ ތެރޭގައި އެއަށް ވުރެ ގަދަފަދަ ހަތިޔާރަކުން ޔުކްރޭނަށް ރައްދު ހަމަލާތައް ދޭނެކަން ކަށަވަރު ކަމަމަށެވެ.
ރަޝިއާ ސިފައިންނަށް ކްލަސްޓާ ބޮމުން ލިބިދާނެ ގެއްލުމަކަށް ވަސީލަތްތައް ގާއިމުކުރައްވާނެ ކަމަށް ވެސް ޝޮއިގޫރު ވިދާޅުވި އެވެ. އެ ތައްޔާރީތައް މިހާރު ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.