ދުނިޔެ

އެމެރިކާ މީހުން ޔުކްރޭނުން ފައިބަން އަންގައިފި

ޔުކްރޭންގެ ވެރިރަށް ކިޔެވްގައި ހުންނަ އެމެރިކާ އެމްބަސީން މީހުން ފައިބަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ބަޔާނުގައި ބުނެފައިވާ ގޮތުން މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަދު ބަޔަކު ފިޔަވައި އެމްބަސީގައި މަސައްކަތްކުރާ ހުރިހާ އޮފިޝަލުން ކިޔެވް އިން ފޭބުމެވެ.

އެމްބަސީގައި މަސައްކަތް ނުކުރި ނަމަވެސް ޔުކްރޭންގައި ތިބި އެމެރިކާ ރައްޔިތުން ފޭބުމަކީ ރައްކާތެރި ކަމަށް ބަލާއިރު ސްޓޭޓް ޑިޕާޓްމަންޓުން އެދޭ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޔުކްރޭންގައި ތިބި އެމެރިކާ ރައްޔިތުން ސްޓޭޓް ޑިޕާޓްމަންޓްގެ ގޮވާލުމަށް އިޖާބަދީ ރައްކާތެރި މާހައުލަކަށް ބަދަލުވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މީގެ ކުރިން ވެސް އޮތީ މުހިންމު ކަމެއް ނެތް ނަމަ އެމެރިކާ ރައްޔިތުން ޔުކްރޭނަށް ދަތުރު ނުކުރަން އަންގާފަ އެވެ. މަގުބޫލް އުޒުރެއް އޮތް ނަމަ ސްޓޭޓް ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތިން އަމަލުކުރަން ވެސް އޮތީ އަންގާފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓަށް މިފަދަ ބަޔާނެއް ނެރެން ޖެހުނީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު އޮތް ނުތަނަވަސްކަން ހަނގުރާމައަކަށް ބަދަލުވެދާނެ ކަމަށް ބިރުންނެވެ. އެމެރިކާ ބުނާ ގޮތުން ރަޝިއާ އޮތީ މަދު ސިކުންުކޮޅެއްގެ ތެރޭގައި ޔުކްރޭނަށް ހަމަމާދެވޭ ވަރަށް ތައްޔާރަށެވެ.

ރަޝިއާ އާއި ޔުކްރޭނާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެ މިހިސާބަށް އައި މައިގަނޑު ސަބަބަކީ 2014 ގައި ރަޝިއާއިން ކްރައިމިއާ ހިފުމެވެ.

ދުނިޔޭގެ ހަމަތަކުގައި ކްރައިމިއާ އަކީ ޔުކްރޭންގެ އަވަށެކެވެ. އެހެން ނަމަވެސް ކްރައިމިއާ މިހާރު އޮންނަނީ ރަޝިއާގެ ބާރުގެ ދަށުގަ އެވެ.

ޔުކްރޭންގައި ކުރި އޮތީ ރަޝިއާއަށް ވަފާތެރި ސަރުކާރެކެވެ. އެމެރިކާ އާއި ޔޫރަޕު އަޑީގައި އޮވެ ސަރުކާރު ވައްޓާލުމަށް ފަހު މިހާރު އޮތް ގޮތަށް ޔުކްރޭންގައި އާސަރުކާރެއް އެކުލަވާލުމަކީ ވެސް ރަޝިއާއަށް ކަމުނުދިޔަ ކަމެކެވެ.

ރަޝިއާ އާއި ޔުކްރޭން ހިމެނޭ ގޮތުން އެސަރަހައްދުގައި ހަމަނުޖެހުން ގިނަވާން މެދުވެރިވީ ވެސް ޔުކްރޭންގެ ސަރުކާރު ބަދަލުވި ފަހުންނެވެ.

ޔުކްރޭން ބުނާ ގޮތުން ރަޝިއާއިން ގެންދަނީ ދެގައުމު ގުޅޭ ބޯޑަރަށް އަސްކަރީ ފައުޖުތައް ޖަމާކޮށް އިތުރުކުރަމުންނެވެ. ރަޝިއާގެ މިއަމަލަކީ ޔުކްރޭން ހިސޯރުކުރަން ކުރާ ކަމެއް ކަމަށް ވެސް ޔުކްރޭން ގަބޫލުކުރެ އެވެ.