ދުނިޔެ

ޔުކްރޭނަށް މިސައިލް ފޮނުވާކަން މޮސްކޯއަށް އަންގާފައެއް ނެތް: ރަޝިއާ

ޔުކްރޭނަށް ދުރުރާސްތާ މިސައިލް ފޮނުވުމާ މެދު ވޮޝިންގްޓަނުން ނިންމީ ކޮން ގޮތަކަށްްކަން މޮސްކޯއަށް އަންގާފައި ނުވާ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި މޮސްކޯއަށް އެނގުމެއް ނެތި ވޮޝިންގްޓަނަށް ފެންނަހާ ހަތިޔާރެއް ޔުކްރޭނަށް ފޮނުވަން ހަދައިގެން ހާލަތު އިހުނަށް ވުރެ ވާނީ ގޯހެވެ.

ވޮޝިންގްޓަނުން ބާރުގަދަ ހަތިޔާރު ޔުކްރޭނަށް ފޯރުކޮށް ދިނުމަކީ މޮސްކޯ ދެކޮޅު ކަމެއްކަން، ތަރުޖަމާން ވިދާޅުވި ގޮތުގައި، ރަޝިއާއިން އޮންނާނީ ކުރިއާލައި އެމެރިކާއަށް އަންގާފަ އެވެ.

މޮސްކޯއިން ވަކި ގަވާއިދަކުން އެމެރިކާއާ މުއާމަލާތް ކުރަމުން ދަނިކޮށް އުސޫޅުތައް މުގުރާލައި ދުރުރާސްތާ މިސައިލް ނިޒާމްތައް ޔުކްރޭނަށް ވަނީ ފޮނުވާފަ އެވެ.

ރަސްމީ ގޮތުން މޮސްކޯއަށް ޚަބަރުވުމުގެ ކުރިން ރޮއިޓާސް އާއި ސީއެންއެން އިން ވަނީ ޔުޖްރޭނަށް ދުރުރާސްތާ އަދި މެދުރާސްތާ ބާރުގަދަ މިސައިލް ނިޒާމްތައް ފޮނުވަން ބައިޑަން ނިންމެވި ޚަބަރު ގެނެސްދީފަ އެވެ.

ބައިޑަންގެ ގައުމީ ދިފާއީ މުޝީރު ޖޭކް ސުލިވާން އެމެރިކާގެ ނިންމުމާ ބެހޭ ގޮތުން ގައުމުތައް ސަމާލުކުރެއްވީ އާންމު ޚަބަރުތަކުން މިވާހަކަ ބާކުރި ފަހުންނެވެ.

ބައިޑަން ސަރުކާރުން ޔުކްރޭނަށް ފޮނުވަން ނިންމި މިސައިލް ނިޒާމުގެ އަގަކީ 40-50 މިލިއަން ޑޮލަރެވެ. އަދި މި ނިޒާމަށް ގެނެވޭ ޒަމާނީ އެހެނިހެން ތަރައްގީ އާއެކު ގައު އުފުލުމުގެ ފުރުސަތު އޮވެ އެވެ.

ދިފާއީ މާހިރުން ބުނާ ގޮތުގައި މިއީ ވަރަށް ޑިމާންޑް ބޮޑު މިސައިލް ނިޒާމެކެެވެ. ބުނެވޭ ގޮތުގައި އެމެރިކާގެ ވޮޝިންގްޓަންގެ ވައިގެ ސަރަހައްދު ދިފާއު ކުރުމަށް ވެސް ބޭނުން ކުރެވެނީ މި ނިޒާމެވެ.

މިއީ ސްޕޭނާއި، ފިންލޭޑް، ނެދަލޭންޑްސް، ލިތުއޭނިއާ، އޮސްޓްރޭލިއާ، ޗިލީ، އިންޑޮނީޝިއާ، އޮމާން، ހަންގޭރީ އަދި ގަތަތުގައި ވެސް ބޭނުން ކުރެވޭ ނިޒާމެކެވެ. މި ނިޒާމަށް އިންޑިއާއިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޔުކްރޭން މެދުވެރިކޮށް ރަޝިއާއާ ހަނގުރާމަ ކުރުމަށް ހުޅަނގުން ދަނީ ވަރަށް ބޮޑަށް ހޭދަކުރަމުންނެެވެ.

މިއީ ހަގީގަތުގައި ރަޝިއާ، ޔުކްރޭނަށް ދެމެދު ކުރެވޭ ހަނގުރާމައަކަށް ވުރެ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއަށް ދޭ ހަމަލާތަކެވެ.

ރަޝިއާ ބަލިކޮށް އިނދަޖައްސާލުމަށް ހުޅަނގުން ވަނީ ބަޔަކު އުފެއްދިހާ ހަތިޔާރެއް ޔުކްރޭނަށް ފޮނުވާފަ އެވެ. އެހެން ނަމަވެސް، އެ މީހުން އެދިއެދި ތިބި ވަރުގެ ނަތީޖާއެއް ނުކުންނާތީ ނުފެނެ އެވެ.

އޭގެ ބަދަލުގައި ޔުކްރޭންގެ އިރުމަތިން ބޮޑު ބައެއް ރަޝިއާގެ އަތްދަށް ވަނީ ގޮސްފަ އެވެ. އަދި އިތުރު އަވަށްތަކުގައި ރަޝިއާ ސިފައިންގެ ބާރު ގަދަކުރަމުން އަންނަ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.