ދުނިޔެ

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮވުމަކީ ލިބުނު ރަނުގެ ފުރުސަތެއް: އެމެރިކާ

ރަޝިއާއިން ބޯލްޓިކް ކަނޑުގެ އަޑިން ޔޫރަޕަށް ތެޔޮ ސަޕްލައިކުރަން ޖަރުމަނަށް އަޅާފައި އޮތް ގޭސް ހޮޅިތައް -- ނޯޑް ސްޓްރީމް އެކެއް އަދި ނޯޑް ސްޓްރީމް ދޭކަށް ބަޔަކު ހަމާލާދީ ގޮއްވާލުމަކީ ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ޔޫރަޕްގެ ގައުމުތައް ރަޝިއާގެ ހަކަތައަށް ބަރޯސާކުރުން ހުއްޓުވާލަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ލިބިވަޑައި ނުގަންނަވާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

ޔޫރަޕަށް ފިނިމޫސުން ލައިގަތުން ކުޑަތަންވެފައި ވާއިރު ބްލިންކެން ވިދާޅުވީ ތެލާއި ގޭހަށް ޔޫރަޕްގައި އޮތް ޑިމާންޑް ކުޑަކުރަން ޖެހޭ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ދުނިޔެ މިހާރު އެނބުރެން ޖެހެނީ ސާފު ހަކަތަ -- އެ ވަސީލަތަކުން ތިމާވެއްޓަށް ގެއްލުން ކުޑަ ވަސީލަތްތައް ހަކަތައިގެ ގޮތުގައި ބޭނުންކުރަށް ކަމަށެވެ.

ރަޝިއާއިން ޔޫރަޕަށް ހަކަތަ ފޯރުކޮށްދިނުން މުޅިން ހުއްޓުވާލުމަކީ އެމެރިކާގެ އަމާޒެއް ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ. އެމެރިކާގެ ބޭނުމަކީ ޔޫރަޕަށް އެންމެ ގިނައިން ގުދުރަތީ ގޭސް -- ލިކުއިޑް ނެޗުރަލް ގޭސް ސަޕްލައިކުރާ ގައުމަކީ އެމެރިކާ ކަމަށް ވުން ކަމަށްވެސް ވިދާޅުވި އެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަށް ލިބިފައި ހުރި ގެއްލުންތަކަށް ބަލާއިރު އެ ހޮޅިތައް މެދުވެރިކޮށް ޔޫރަޕަށް ގޭސް ފޮނުވަން ފެށޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް ރަޝިއާގެ މައި ގޭސް ކުންފުނި ގޭސްޕްރޮމް އިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް، އެ ނޫން މަގުތަކުން ވެސް ޔޫރަޕަށް ގޭސް ސަޕްލައިކުރެވޭނެ ކަމަށް ވެސް ގޭސްޕްރޮމް ބުނެ އެވެ.

ބްލިންކެން ވިދާޅުވި ގޮތުގައި ޔޫރަޕަށް އެންމެ ގިނައިން މިހާރު ގޭސް ސަޕްލައިކުރަނީ އެމެރިކާ އެވެ. އަދި އެ ގޮތުގައި ދެމިއޮތުމަކީ އެމެރިކާ އެދޭ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަކީ އެމެރިކާއަށް އޮތް ބޮޑު ބޮލުރިހުމެކެވެ. ރަޝިއާއިން ޖަރުމަނަށް އެ ހޮޅިތައް އަޅަން މަސައްކަތްކުރި އިރުވެސް، އެކަން ހުއްޓުވޭނެ ހުރިހާ ކަމެއް އެމެރިކާ ކުރި އެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ވައިގައި ހިފައި ކާމިޔާބުވެއްޖެ ނަމަ ގުދުރަތީ ގޭހުގެ ވިޔަފާރިގައި އެމެރިކާ އުޅެންޖެހޭނީ ހާލުގައިކަން އެމެރިކާއާށް އޮތީ ވިސްނިފަ އެވެ. އެހެންކަމުން ކޮންމެވެސް ގޮތަކުން އެ ހޮޅިތައް ހަލާކުކޮށްލުމުގެ ފިކުރު އެމެރިކާ ގެންގުޅެ އެވެ.

ގޭސް ހޮޅިތައް ގޮއްވާލި ބަޔަކާ މެދު ކުރެވޭ ޝައްކު ވެސް އޮތީ އެމެރިކާ އަށެވެ. އެމެރިކާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ދޭހަވާ ގޮތަށް އެ ގައުމުގެ ރައީސް ޖޯ ބައިޑަން އަދި ސަރުކާރުގެ ވެރިން ވެސް ވަނީ ވާހަކަދައްކަވާފަ އެވެ.