ރަޝިއާގެ މަޝްހޫރު އާރުޓީ ޚަބަރު ޗެނަލް މަނާކުރުމުގެ އޮއިވަރެއް ގައުމުތަކުގައި ފެތުރެމުން އެބަދެ އެވެ. މިއީ އެމެރިކާއަށް އެ ގައުމުތަކުން ކޮށްދޭ ކަމެކެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން -- ރަޝިއާއަށް ދަތިކުރަން އެމެރިކާއިން ހިންގަމުން ގެންދާ ހަރަކާތްތަކުގައި، ރަޝިއާގެ ޚަބަރު ޗެނަލްތައް ދުނިޔޭގައި މަނާކުރުމަކީ ވެސް ލިސްޓުގައި އޮތް އައިޓަމެކެވެ.
ނަމަވެސް، އިންޑިއާއިން މިކަމުގައިވެސް ދެކެނީ އަމަލުކުރުން އެންމެ ރަނގަޅުވާނީ އަމިއްލަ ޚާރިޖީ ސިޔާސަތަކަށް ކަމެވެ.
އިންޑިއާ އަކީ އެމެރިކާ ބުނާހާ ކަމެއް ކުރާ ވަރަށް ވުރެ އަޒުމުގަދަ ގައުމެކެވެ. އެމެރިކާގެ ބުނުމަށް ރަޝިއާއަށް ދަތިކުރަން އިންޑިއާއިން ފިޔަވަޅެއް އެޅި ނަމަ ގާތީ މިއަދު އިންޑިއާގެ އިގުތިސާދު އޮތް ސާދާކަމުގައި ނޯތުމެވެ.
ރަޝިއާއަށް ދަތިކުރަން އިންޑިއާގެ ކިބައިން އެމެރިކާ ކުރިން އެދުނު އެދުމަށްވެސް އިންޑިއާއިން އިޚުތިޔާރުކުރީ ގައުމަށް އެންމެ ރަނގަޅު ގޮތެވެ.
އަދި މި ފަހަރު އާރުޓީ ޗެނަލް މަނާކުރަން އެދުމުން ވެސް ބުނީ އދއިން ކަމެއް މަނާކުރަން ނޭދޭހާ ހިނދަކު އިޚުތިޔާރުކުރާނީ ގައުމަށް އަދި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ ޖެނެރަލް އެންތަނީ ބްލިންކެން އިންޑިއާގެ ކިބައިން އެދުނު މި އެދުމަށް -- އިންޑިއާއިން ރަސްމީ ޖަވާބެއް ނުދެ އެވެ. އިންޑިއާގެ ނޫސްތައް ބުނާ ގޮތުން އިންޑިއާ އޮތީ ސީދާ ޖަވާބެއް ދޭ ގޮތަކަށް ވެސް ނޫނެވެ.
ނަމަވެސް، އިންޑިއާ ސަރުކާރުގެ ތެރެއިން ފޭއްދިގެން ނޫސްތަކަށް ފޯރާފައި ހުރި ވާހަކަތަކަށް ބަލާއިރު އިންޑިއާއިން މިކަމުގައި ވެސް އިޚުތިޔާރުކުރާނީ، އިންޑިއާއަށް އަދި ވަކިކޮޅަކަށް ނުޖެހޭ ގައުމުތަކަށް އެންމެ ރަނގަޅު ގޮތް ކަމަށް ބެލެވެ އެވެ.
ޔުކްރޭން ހަނގުރާމައާ ގުޅިގެން އިންޑިއާއިން ރަޝިއާއާ ދުރުނުވުމަށް ކުރި އިޚުތިޔާރަކީ ވަރަށް ގިނަ ގައުމުތަކަށް ބޮޑު ފައިދާއަކަށް ފަހުން ވި އެވެ. އަދި ޚުދު އިންޑިއާގެ އިޚުތިޔާރުގެ ސަބަބުން އަވަށްޓެރި ގައުމުތަަކަށް ވެސް ބޮޑުފައިދާއެއް ވި އެވެ.
އިންޑިއާ އަކީ އަވަށްޓެރި ގައުމުތަކުގެ މަސްލަހަތަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއްދޭ ގައުމަކަށް ވާތީ ދުނިޔޭ އޮއިވަރުގައި އިންޑިއާ ޖެހޭ ކޮޅެއްގެ ސަބަބުން އަވަށްޓެރިންނަށް ތިކިބުރުމަކީ އެކަށިގެންވާ ކަމެކެވެ.
މިހެންކަމުން އިންޑިއާއަށް ވިސްނަންޖެހިފައި އޮތީ ހަމައެކަނި އިންޑިއާގެ ލާބައަކަށް ނޫނެވެ.