ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އާއި އެމެރިކާގެ ފޮރިން މިނިސްޓަރު އެންތަނީ ބްލިންކެން ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފި އެވެ.
ލަވްރޯފް އާއި ބްލިންކެން ބައްދަލުކުރެއްވީ އިންޑިއާގައި މިހާރު ހިނގަމުންދާ -- ސިނާއީ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރާފައި އޮތް 20 ގައުމު -- ޖީ20 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާ ގައެވެ.
މި ދެ ބޭފުޅުންގެ ބައްދަލުވުމަށް 10 މިނެޓް ނުވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
ލަވްރޯފްއާ މުޚާތަބުކުރަައްވައި ބްލިންކެން ވިދާޅުވީ ކަމަށް ވަނީ، ނިއު ސްޓާޓް އެގްރީމަންޓް -- ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ބޭނުންކުރުން ހުއްޓުވުމަށް ރަޝިއާ އާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައި އޮތް މުއާހަދާ -- އަށް ރަޝިއާ އެނބުރި ދިއުމަށެވެ.
އެމެރިކާ އިން ރަޝިއާއަށް އަޅާފައި ހުރި ދަތިކުރުންތަކާ ހެދި ރަޝިއާ ވަނީ މި މުއާހަދާ ދޫކޮށްލާފަ އެވެ.
ރަޝިއާއާ ދެކޮޅަށް މެދުވެރިން ބޭނުންކޮށްގެން އެމެރިކާ ކުރާ [ޕްރޮކްސީ] ހަނގުރާމައާ ރަޝިއާ ދެކޮޅު ހަދާ ކަމަށާއި އެމެރިކާގެ ޣައިރު ގާނޫނީ އަލަމުތަކަށް ރަޝިއާ ޖަވާބުދިނުމުގައި ދެމިއޮންނާނެ ކަމަށް ލަވްރޯވް ވިދާޅުވި ކަމަށް -- ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވިދާޅުވި އެވެ.
މާރިއާ ޒަޚަރޯފާ ވިދާޅުވި ގޮތުގައި ބްލިންކެންގެ ވިދާޅުވުމަކީ ރަސްމީ ސިފައެއް ޖެހިފައި އޮތް ވިދާޅުވުމެއް ކަމަށް ރަޝިއާ ބަލައިނުގަންނާނެ އެވެ. އެ ދެ ބޭފުޅުން ހިނދުކޮޅަކަށް ބައްދަލުކުރައްވައި ވިދާޅުވި ބަހެއްގައި ރަސްމީ ސިފަ ނުޖެއްސޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވި ގޮތުގައި ބްލިކެން އެއްޗެއް ވިދާޅުވިނަމަ އެ ވިދާޅުވީ އެހެން ލާފައި ވަޑައިގެންނެވި މަގުތީގަ އެވެ.
"އެއީ އެއްވެސް ހާލަތެއްގައި ރަސްމީ ގޮތުން ކުރެވިފައި އޮތް މަޝްވަރާއެއް ނޫން" ތަރުޖަމާން ވިދާޅުވި އެވެ.
އެހެން ނަމަވެސް، ނޫސްވެރިންނާ ބައްދަލުކުރައްވައި ބްލިންކެން ވަނީ އެމެރިކާ ކޮޅު މޮޅުވާ ގޮތަށް ވާހަކަދައްކަވާފަ އެވެ.
ޔުކްރޭން ހަނގުރާމަ ކިތަންމެ ދުވަހަކަށް ދިގުދެމިގެން ދިޔަ ނަމަވެސް، ޔުކްރޭނަށް ވާގިވެރިވުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް ލަވްރޯފްއަށް ދެންނެވި ކަމަށް ބްލިންކެން ވިދާޅުވި އެވެ.
ރަޝިއާގެ ހައްޔަރުގައި ތިބި އެމެރިކާ ގައިދީން ދޫކޮށްލުމަށް ލަވްރޯފްއަށް ދެންނެވި ކަމަށްވެސް ނޫސްވެރިން ގާތު ބްލިންކެން ވިދާޅުވި އެވެ.