ދުނިޔެ

ރަޝިއާގެ ހަކަތަ އެންމެ ގިނައިން ގަންނަނީ ޔޫރަޕުން: އިންޑިއާ

އިންޑިއާ އޮތީ ރަޝިއާގެ ހަކަތައަށް ބޭނުން ޖެހިފައި ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ރަޝިއާގެ ހަކަތަ ގަތުން ދިފާއު ކުރައްވައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާށް ވުރެ މާ ގިނައިން ޔޫރަޕު ގައުމުތަކުން ރަޝިއާގެ ހަކަތަ ގަންނަ ކަމަށެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި ރަޝިއާއާ އެކު އިންޑިއާ ދަމަހައްޓާ ގުޅުމަކީ ވިޔަފާރީގައި އެއްބާރުލުން ކަމަށާއި ގައުމީ ހަކަތައިގެ ރިޒާވް ދެމެހެއްޓުމަށް ރަޝިއާގެ ތެލަށް އިންޑިއާ ބޭނުން ޖެހިފައިވާ ކަމަށެވެ.

އިންޑިއާއިން ރަޝިއާގެ ހަކަތަ ގަތުން އެމެރިކާއަށް ބޮޑު ކަމަކަށް ވަނީ ވެފަ އެވެ. އެމެެރިކާއަށް ލިބޭ ކޮންމެ ފުރުސަތެއްގައި އޮފިޝަލުން ޕޯޑިއަމަށް އަރައި އިންޑިއާއަށް ކުދިކިއުން ވަނީ އާންމުވެފަ އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި އިންޑިއާ ގަންނަ މިންވަރަށް ބެލުމުގެ ބަދަލުގައި ޔޫރަޕް ގައުމުތަކުން ރަޝިއާގެ ހަކަތަ ގަންނަ މިންވަރާ މެދު ވިސްނާލުން ބުއްދިވެރި ކަމަށެވެ.

"އަޅުގަނޑުމެންނަށް މަހަކު ބޭނުން ކުރެވޭ ވަރަށް ވުރެ ގިނައިން ޔޫރަޕުން އެބަ ބޭނުންކުރޭ ދުވަހެއްގެ އެއްދަންފަޅީގައި" ޖައިޝަންކަރު ވިދާޅުވި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގްއާ ބައްދަލު ކުރައްވައި ދެއްކެވި ވާކަތައް ވަނީ ކޮންމެވެސް ވަަރަކަށް ހޫނުވެފަ އެވެ.

އިންޑިއާގެ ސިޔާސަތަށް އެމެރިކާ ފާޑުކިޔައި، ކުރަން ޖެހޭ ކަންތައްތަކާއި ދުރުހެލިވާން ޖެހޭ ކަންތައްތައް އެމެރިކާއިން ކިޔައި ދިނުމަކީ އިންޑިއާއަށް ގަބޫލު ކުރަން ފަސޭހަ ކަމެއް ނޫނެވެ.

އިންޑިއާގެ ސިޔާސަތަކީ ކޮންމެ ކަމެއްގައި ވެސް އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. ގައުމީ ނިންމުންތައް އިންޑިއާއާށް ހެޔޮ ބޮޑު ގޮތަކަށް ނިންމުމެވެ. އިންޑިއާ ކަންކުރަންވާ ގޮތް އެހެން ގައުމަކުން ބުނެ ދޭން ނުޖެހޭނެ ކަމަށް ސިޔާސީ ލީޑަރުން ވެސް ބުނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އެދިވަޑައިގަންނަވަނީ ރަޝިއާއަށް އިންޑިއާ ބަރޯސާކުރާ މިންވަރު ދަށް ކުރުމެވެ. އިންޑިއާއިން ރަޝިއާއަށް ކަމުނުކިޔުމެވެ. އަދި އެމެރިކާއާ ބައިވެރިން ރަޝިއާއަށް ދަތި ކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގައި އިންޑިއާ ވެސް ބައިވެރި ވުމެވެ.

އެމެރިކާ ސްޕޮންސާކޮށްގެން އދ. ގެ އާންމު މަޖިލީހުގައި ރަޝިއާއާ ދެކޮޅަށް ނެގި ވޯޓުގައި އިންޑިއާ ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. އަދި ރަޝިއާ ކުށްވެރިކޮށްފައި އެކައްޗެއް ވެސް ނުބުނެ އެވެ. އެހެން ނަމަވެސް، ޔުކްރޭންގެ ބުޗާ އަވަށުގައި އާންމުންނަށް ދީފައި ހުރި އަނިޔާތަކަށް ބަޔަކު ޒިންމާ ކުރުމަށް ޓަކައި މިނިވަން ތަހުގީގެއް ވަރަށް މުހިންމު ކަމަށް އިންޑިއާ ވަނީ ބުނެފަ އެވެ.